ނަހުލާ މިގޮތަށް ވިދާޅުވީ، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް، ލިޔުމުން ޖަވާބު ހޯއްދެވުމަށް އެކަމަނާއާއި ކުރައްވާފައިވާ ސުވާލުގެ ޖަވާބުގައެވެ.
މެމްބަރު ރިޔާޒް ކުރެއްވި ސުވާލަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ އަދި ހުޅުމާލެއިން ޓެކްސީގެ ހިދުމަތް ހޯދަން ދަތިވެގެން އެކަމުގެ ޝަކުވާ ލިބެމުންދާތީ، މިހާރަށްވުރެ ފަސޭހަކަމާއެކީ މާލޭގައި ޓެކްސީ ހިދުމަތް ނުވަތަ ދަތުރުތަކުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅަކީ ކޮބައިތޯ އެވެ؟
އެ ސުވާލުގެ ޖަވާބަށް މިއަދު މިނިސްޓަރު ލިއުމުން ދެއްވި ޖަވާބުގައި ވަނީ، އެޝަކުވާތައް މިނިސްޓްރީއަށް ހުށެހެޅޭނެ ނިޒާމެއް ގާއިމުކޮށް، މައްސަލަތައް ބެލުމަށް ކޮމެޓީއެއްވެސް އެކުލަވާލާފައި ވާކަމަށެވެ.
އަދި އޮންލައިން އެޕް މެދުވެރިކޮށް އަގުބޮޑުކޮށް ދަތުރުކޮށްފައިވާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް
ގެނެސްފައިވާތީ، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަންވެސް މިނިސްޓްރީގެ ފަރާތުން ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ފަސިންޖަރުން ދާން ބޭނުންވާ ޑެސްޓިނޭޝަން ޓެކްސީ ޑްރައިވަރަށް ދަތުރު ނެގުމުގެކުރިން ނޭނގޭނެ ގޮތަށް އެޕްލިކޭޝަން ޑިޒައިން ކުރުމަށް އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތްދެމުންދާ ފަރާތްތަކަށް އެ މިނިސްޓްރީން އަންގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި އަގުބޮޑުކޮށް ޓެކްސީ ކުރަމުންދާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް އެ ފަރާތްތަކަށް އާއްމުކޮށް އަންގާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ޓެކްސީ ޑްރައިވަރުން ވަނީ ޓެކްސީ ތަކުން ނަގަމުން އަންނަ އަގު ބޮޑު ކުރުމަށް ސަރުކާރުގައި އެދިފައެވެ. އަދި އަގު ބޮޑު ނުކޮށްދީފިނަމަ ވަކި ދުވަހަކުން ފެށިގެން ދަތުރުތައް ކުރާނީ ޓެކްސީ ސެންޓަރު ތަކާއި ޑްރައިވަރުން ކަނޑައެޅި ބޮޑު އަގުގައި ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. ޑްރައިވަރުން ވަނީ އެ އަގުތަށް ޓްރާންސްޕޯޓް މިނިސްޓްރީއަށްވެސް ހުށައަޅާފައެވެ.
އެހެން ނަމަވެސް އެ އަގުތަކަށް ދަތުރުތައް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށާއި، އެ އަގުތަކަށް ދަތުރު ކުރާ ޑްރައިވަރުންގެ ހުއްދަ ބާތިލް ކުރާނެ ކަމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.