ހ. ދޫވެހީގައި ހުރި ބޮޑު ބެނާ، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ނަގާފައިވާއިރު، އެ އަމުރު ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދުވަނީ އެ އަމުރު ބާތިލުކޮށްފައެވެ. އެ އަމުރު ބާތިލު ކުރީ ހައިކޯޓުން އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ފަނޑިޔާރު ހަސަން ޝަފީޢުއާ، ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސެއިން ޝަހީދުއެވެ. މި މައްސަލައިގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީޢުއެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ހައި ކޯޓުން ބާތިލް ކުރީ މައިގަނޑު ދެ ސަބަބެއްގެ އަލީގައެވެ. އެއީ ކޯޓު އަމުރު ނެރެދޭންޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމާއި، އަދި އެ މައްސަލައިގައި ފުލުހުން އަމަލު ކުރި ގޮތެވެ.