ads
ލޭންޑްޔޫސް ޕްލޭން ހެދުމަށް ހަރަކާތްތެރިވަނީ--
ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ދިމާވެފައިވާ ދަތިތަކަކީ ކޮބާ؟
މިލިޔުމުގެ މަޤަސަދު: މިލިޔުމަކީ ދިވެހިރާއްޖޭގެ ރަށްރަށުގެ އެލްޔޫޕީ ހެދުމުގެ މަސައްކަތް ޢަމަލީގޮތުން ކުރާފަންނުވެރިން ރަމްޒުކޮށްދޭ ދެޖަމިއްޔާ ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލް ސާރވޭޔާރސްގެ (ސާރވޭ އެސޯސިއޭޝަންގެ) ފަރާތުން, ރަށްރަށުގެ އެލްޔޫޕީ ހެދުމުގައި މިވަގުތު ދިމާވެފައިވާ މައްސަލަތަކާއި ނުވަތަ ދަތިތަކާއި ބެހޭގޮތުން އެފަރާއްތަކަށް ފެންނަގޮއް ބަޔާންކޮށް ނެރޭލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު މަޤުސަދަކީ އެލްޔޫޕީ ހެދުމާއި ގުޅޭގޮތުން ތަފާތު ގޮތްގޮތަށް މީޑިއާގައި ވާހަކަދެކެވޭތީވެ، މިމަސައްކަތް ޢަމަލީގޮތުން ކުރާފަންނުވެރިން މިކަންކަމާއި ދޭތެރޭ ދެކޭގޮތްހާމަކޮށް އަދި މިހާރު ދިމާވެގެންމިއުޅޭ މައިގަނޑުމައްސަލަ، (އެލްޔޫޕީތައް ނުހެދި ދިގުލައިގެން ދިއުން) ހައްލުކުރެވިދާނެ ކަމަށް އަޅުގަނޑުމެނަށް ފެންނަ ކަންކަން ބަޔާންކުރުމެވެ.
Advertisement

ކުރީގައި ރާޖޭގައި ލޭންޑް ޔޫސް ޕްލޭން ހެދޭގޮތް

އާންމުގޮތެއްގައި ކުރީގައި އެލްޔޫޕީ ހެދުމުގައި ކަންކުރެވޭގޮތަކީ އެރަށެއްއެވަގުތަކު އޮތްގޮތްދައްކުވައިދޭ ކުރެހުމެއް ހެދުމަށްފަހު ރަށުގައި ހުރި ހުސްޖާގަތަށް ދިހެހިރާއްޖޭގެ ބިނާވެށި ޤަވައިދުގައި ބުނާ ހަމަތަކުގެމަތިން ޕްލޭން ކުރުމެވެ. ރަށުގެ ކުރެހުމަކީ ކޮންމެހެން ސަރވޭކުރުމަށްފަހު ހެދޭ ރަށުގެ ސްކޭލްޑް ކުރެހުމަކަށް ވާކަށްނުޖެހެއެވެ. އެހެންކަމުން ގޫގްލް ފޮޓޯމަތީ ކުރަހައިގެން އެލްޔޫޕީ ހެދިފަވެސް ހުރެދާނެއެވެ. މިހެންމިކަން ކުރުމުން އެކިކަންކަމަށް ބިންކަނޑައަޅާއިރު ބިންތައްދިމާނުވެ، އެއްބިން އަނެއްބިމާއި ފުށުއަރާ، މަގުތަށް ސީދާ ނުކުރެވި ތަފާތުއެތައް މައްސަލަތަކެއް ދިމާވެއެވެ.

މިވަގުތު ރާޖޭގައި ލޭންޑް ޔޫސް ޕްލޭން ހެދޭގޮތް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީއުސޫލުން ހިންގުމުގެ ޤާނޫނާއި އެޤާނޫނަށް ގެނެވުނު އިސްްލާތުތައް ފާސްވެ، އެންމެފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބަށްފަހު މިޤާނޫނާއި އެއްގޮތަށް ޢަމަލުކުރުމަށް ވަނީ ފެށިފައެވެ.  މިޤާނޫނުގައިވާ ގޮތުން ކުރީގައި ހެދިފައިވާ އެލްޔޫޕީތައް މިޤާނޫނަށް ފެތޭގޮތަށް އަޕްޑޭޓް ކުރަންޖެހެއެވެ. އަދި އަލަށް ހެދޭ އެލްޔޫޕީތައްވެސް ހުންނަންވާނީ މިޤާނޫނާއި ފުށުނާރާގޮތަށެވެ. މިޤާނޫނުގައިވާގޮތުން އެލްޔޫޕީތަކުގައި އަލަށް ހިމަނަންޖެހޭ މަޢުލޫމާތުތަކަކީ އެރަށެއްގައިހުރި ރުއްގަހުގެ އަދަދާއި ހުރިތަނާއި، ހިމާޔަތް ކުރެވޭ ސަރަހައްދުތަކާއި، ރަށުގެ ހިއްކާފައިވާ އަދި ހިއްކެއް އޮއް ސަރަހައްދުތަކާއި އެސަރަހައްދުގެ ޕްލޭނާއި އަދި ރަށުގެ ބިމުގެ އަގެވެ. އަދި މީގެއިތުރަށްވެސް ހެދޭ އެލްޔޫޕީތަށް ވާންޖެހޭނީ ރަށުގެ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް ހެދޭ ގުޅި ލާމެހިފައިވާ ޕްލޭނަކަށެވެ.

މިހާރުވެސް އެލްޔޫޕީ ހެދުމަށްޓަކައި ކުރަހާ ރަށުގެޗާޓަކީ މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ (އެމްއެލްއެސްއޭ) ގައި ރަޖިސްޓަރ ވެފައިވާ ލައިސަންސް އޮންނަ ސާރވޭޔަރެއް ސާރވޭކުރުމަށްފަހު ކުރަހާ ޗާޓަކަށްވުން މަޖުބޫރުކަމަށް ޤާނޫނުގައި ބުނެފައެއްނުވެއެވެ. ނަމަވެސް ސާރވޭޔަރަކު ސާރވޭކޮށްގެން ޗާރޓް ކުރެހުމަކީ ޕްލޭނިންގ މިނިސްޓްރީން ބާރުއަޅާ އަދި އެންމެ އެދެވިގެންވާގޮތެވެ. މިނޫން ގޮތަކަށް ޗާޓުކުރަހައި ހުށައަޅާނަމަ އެޗާޓަކީ ރަނގަޅުމިން ތަކެއްގެ މައްޗަށް ކުރެހިފައިވާ ޗާޓެއްކަން ކައުންސިލުން ލިޔުމަކުން ޔަގީންކޮށްދޭން ޖެހެއެވެ. އަދި ހަމަ މިިޔާއިއެކު އެކުލަވާލެވޭ އެލްޔޫޕީއާއި އަދި ރިޕޯޓަކީ ވަކިފަންނަކަށް ޚާއްސަމީހަކު ހަދައި ހުށައަޅަން ޖެހޭގޮތަކަށްވެސް ޤާނޫނުގައި ބަޔާން ކޮށްފައެއްނެތެވެ. ނަމަވެސް އުސޫލެއްގެގޮތުން މިމަސައްކައްތައް މިވަގުތުވެސް ރާއްޖޭގައި ކުރަނީ މިފަންނުގެ ފަންނުވެރިންނެވެ.

ރާއްޖޭގައި އިމާރައްކުރުމާއި ޑިޒައިންކުރުމާއި އަދި ޕްލޭންކުރުމުގެ ދާއިރާގައި ހަރަކާއްތެރިވާ ފަންނުވެރިން

ރާއްޖެއަކީ އެއްވެސްދާއިރާއެއްގައި މަސައްކަތްކުރާ ފަންނުވެރިން އެހާގިނަ ޤައުމެއްނޫނެވެ. މިގޮތުން ޕްލޭނިންމިނިސްޓްރީގެ ވެބްސއިޓުގައިވާ އެކިދާއިރާތަކުގެ ފަންނުވެރިންގެ ދަފުތަރު ދައްކާގޮތުން މިވަގުތު ރާއްޖޭގައި ރަޖިސްޓްރީވެފައި ތިބި 19 އާރބަންޑިޒައިނަރުން/ޕްލޭނަރުންނާއި، 89 އާރކިޓެކްޓުންނާއި، 61 އާރކިޓެކްޓް ޗެކަރުންނާއި، 47 ސްޓްރަކްޗަރަލް ޗެކަރުން އެބަތިއްބެވެ. އަދި އީއައިއޭ ހެދުމުގެ ދާއިމީ ހުއްދަ އޮންނަ 47 ފަރާތަކާއި އެމްއެލްއެސްއޭ ގައި ރަޖިސްޓްރީވެފައި ތިބި ލައިސްންސް އޮންނަ 15 ސާރވޭޔަރުން އެބަތިއްބެވެ.

މީގައި ފާހަގަކޮށްލުން މުހިންމު ނުކުތާއަކީ ރާއްޖޭގެ އެކިސަރަހައްދުތަކުގައި ހިނގާ އިމާރާއްކުރުމާއި، މަގުހެދުމާއި، ބިންހިއްކުމާއި، އެއާރޕޯޓްއެޅުމާއި، ފަޅުފުންކުރުމާއި، ފެނާއި ނަރުދަމާގެ މަސައްކައްތަކާއި، އެކިބޭނުންތަކަށް ރަށްރަށް ތަރައްޤީކޮށް ޑިވެލޮޕް ކުރުންފަދަ ތަފާތު ސިނާއި މަސައްކައްތަކަކީ މަތީގައި ބަޔާންކުރެވިފައިވާ ފަންނުވެރިންގެތެރެއިން ބަޔަކު ބައިވެރިވެގެން، ކުރަންޖެހޭ ސާރވޭތައް އެކުރެވެންޖެހޭ ސްޓޭންޑެޑަކަށް ކުރެވިގެން، ހެދެންޖެހޭ ރިޕޯޓްތަކާއި ކުރެހުންތައް އެހުންނަން ޖެހޭ ފެންވަރަށް ހެދިގެން ކުރެވޭ މަސައްކައްތަކެއްކަމެވެ. އަދި ރާއްޖޭގައި ހިންގޭ މިފަދަ މަޝްރޫޢުތަކުގެ ތެރޭގައިި ބޭރުގެ ކޮންޓްރެކްޓަރުންނާއި ވޯލްޑް ބޭންކް ފަދަ ފައިސާގެ އެހީދޭ ތަފާތު ޖަމާއައްތަކުގެ އެހީގައި ހިންގާ މަޝްރޫޢުތައްވެސް ބައިވަރު ހިމެނެއެވެ. މިފަދަ މަޝްރޫޢުތަކަށް ކުރެވޭ ސާރވޭތަކާއި ހެދޭ ރިޕޯޓްތައް ހުންނާނީ އެފަރާއްތަކުގެ މިންތަކަށެވެ (އިންޓަރނޭޝަނަލް ސްޓޭންޑެޑަށެވެ).

އެހެންކަމުން އެލްޔޫޕީ ހެދުމަށްޓަކައި އަލަށް ރުއްގަހުގެ އަދަދު އަދި ހުރިތަން ދެނެގަނެ، ބިންހިއްކިދާނެ ސަރަހައްދުތައް ދެނެގަތުން ލާޒިމުވެފައިވީނަމަވެސް މިފަދަ ސާރވޭތަކަތީ މީގެ މާކުރިއްސުރެ ރާއްޖޭގެ ސާރވޭ އިންޑަސްޓްރީގައި މަސައްކަތް ކުރާފަރާއްތަކުން ޒަމާނީ އާލާއްތައް ބޭނުންކޮށްގެން ކުރަމުންއައިސްފައިވާ ސާރވޭތަކެވެ. ރުއްގަހުގެ ސާރވޭއާއި އަދި ރަށްރަށުގެ ސާރވޭތަކުގައި ޑްރޯން ބޭނުންކުރަން ރާއްޖޭގައި 2016 ވަނައަހަރުވަނީ ފެށިފައެވެ. މިގޮތުން ސާރވޭ ކުރުމުގައި ދުނިޔޭގެ އެހެންގައުމުތަކުގައިވެސް ބޭނުންކުރާ އެންމެޒަމާނީ ފިކްސްޑް ވިންގް، މަލްޓިރޮޓޯ އަދި އާރުޓީކޭ ޑްރޯން ރާއްޖޭގެ ސާރވޭޔަރުން ބޭނުންކުރާ ތާ އެތައް އަހަރެއްވީއެވެ.

ރާއްޖޭގައި އިމާރައްކުރުމާއި ޑިޒައިންކުރުމާއި އަދި ޕްލޭންކުރުމުގެ ދާއިރާގައި ހަރަކާއްތެރިވާ ފަންނުވެރިންނަކީ ކަމަށް ޤާބިލު ބައެކެވެ. އަދި ރާއްޖޭގައި ވަކިބާވަތެއްގެ ފަންނުވެރިންނެތިގެން ވަކި މަސައްކަތެއް ކުރިޔަށް ނުގެންދެވުނު ކަމެއްވެސް އެނގޭކަށް ނެތެވެ. ފަންނުވެރިންނަކީވެސް މާރކެޓްގައި މަސައްކަތް އުފެދޭވަރަކަށް އުފެދޭބައެވެ. އެތަނެއްގައި ނެއްމަސައްކަތެއްކުރާނެ ފަންނުވެރިންނެއް އެއްވެސް ތާކު ނުތިބޭނެއެވެ.

އެލްޔޫޕީ ހެދުމުގެދާއިރާގެ ފަންނުވެރިން

މައިގަނޑު ގޮތެއްގައި މިދާއިރާގައި ޢަމަލީގޮތުން މިހަރަކާއްތެރިވަނީ ދެބާވަތެއްގެ ފަންނުވެރިންނެވެ. އެއީ ސާރވޭޔަރުންނާއި އާރބަން ޕްލޭނަރުން ނުވަތަ ޑިޒައިނަރުންނެވެ. އެކި ކަހަލަ ސޯޝަލްސާރވޭތައް ކުރުމުގައި އެދާއިރާގެ ފަރާއްތަށްވެސް ބައިވެރިވެއެވެ. އިސްވެފާހަގަކުރެވުނު ފަންނުވެރިންގެ ދަފުތަރުގައިވާގޮތުން މިވަގުތުވެސް ރާއްޖޭގައި 19 އާރބަންޑިޒައިޏަރުން/ޕްލޭނަރުންނާއި، 89 އާރކިޓެކްޓުންނާއި އަދި ލައިސްންސް އޮންނަ 15 ސާރވޭޔަރުން އެބަތިއްބެވެ. މިވަގުތު ދަފްތަރުގައި 19  އާރބަންޑިޒައިނަރުން/ޕްލޭނަރުންތިބިކަމުގައިވިޔަސް، އިމާރާއްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ޤަވައިދުގައިވާގޮތުން އާރކިޓެކްޗަރއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ފަރާއްތަކަކީ އާރބަންޑިޒައިނަރުން/ޕްލޭނަރުންގެ ގޮތުގައި ރަޖިސްޓަރ ވެވޭނެފަރާއްތަކެވެ. އެހެންކަމުން ރާއްޖޭގައި އާރބަންޑިޒައިނަރުން/ޕްލޭނަރުންމަދު ކަމަކަށް ނުބުނެވޭނެއެވެ. އަދި ރާއްޖޭގައި އެލްޔޫޕީހެދޭ ގިނަރަށްރަށަކީ ހަގީގަތުގައި ޕްލޭންކުރާނެ އިތުރު ޖާގަ ވަރަށްމަދު ރައްރަށެވެ. ވީމާ ރާއްޖޭގެ ރަށްރަށުގެ އެލްޔޫޕީ ހެދުމަށްބޭނުންވާ ފަންނުވެރިންގެ އެއްވެސް ދަތިކަމެއް ރައްޖޭގައި އޮތްކަމަކަށް ފާހަގައެއްނުކުރެވެއެވެ.

ރަށްރަށުގެ އެލްޔޫޕީ ހެދުމުގައި މިހާރު ދިމާވެގެން މިއުޅޭ ދަތިކަމުގެ އަސްލު

މަސައްކައްކުރާނެ ފަންނުވެރިންގެ ދަަތިކަމެއް ނެއްކަމުގައިވަޔަސް ރަށްރަށުގެ އެލްޔޫޕީތައް ނިންމުމުގައި ތަފާތުގިނަ ގޮންޖެހުންތައް ހުރިކަން ފާހަގަކުރެވެއެވެ. މިގޮތުން:

  • މިމަސައްކަތް ޢަމަލީގޮތުންކުރާ ފަންނުވެރިންގެ ޚިޔާލު ހޯދިފައި ނުވުން – ލާމަރުކަޒީ ޤާނޫނުުގައި އެލްޔޫޕީއާއި ގުޅުންހުރިބައިތައް ހިމެނުމުގަޔާއި އަދި މިހާރުވެސް ބޭރުގެ އެކިއެކިފަރާއްތަކާއި ރާއްޖޭގެ ރަށްރަށުގެ އެލްޔޫޕީތަށް ނުހެދި ދިގުލައިގެންދާތީވެ އެމަޝްވަރާތައް ކުރަމުންދާއިރު، ރާއްޖޭގައި ޢަމަލީގޮތުން މިމަސައްކަތް ކުރާފަރާއްތަކާއި އެކު މަޝވަރާކޮށް ހުރި އުނދަގޫތަކާއި ދަތިތަކުން އަރައިގަތުމަށް މަސައްކަތް ކޮށްފައި ނުވެއެވެ. މިފަދަ ފަންނީ ކޮންމެކަމެއްގެވެސް އެކަމަގުޅޭ މުހިން އެތައްމަޢުލޫމާތެއް އެކަމުގެ މަސައްކަތް އަމަލީގޮތުންކުރާ ފަރާއްތަކުން ލިބޭނެއެވެ.
  • ކައުންސިލްތަކަށް މިމަސައްކަތް ނިންމުމަށް ދިން މުއްދަތު ކުރުވުން – ލާމަރުކަޒީ ޤާނޫނުގައި ވާގޮތުން އެޤާނޫނުގެ ދަށުން އިންތިޚާބުކުރެވޭ ކައުންސިލްތައް މަސައްކަތަށް ނިކުންނަތާ 3 މަސް ދުވަސް ތެރޭގައި އެލްޔޫޕީތައް އަޕްޑޭޓުކޮށް ނޫނީ އަލުން ހަދަންޖެހެއެވެ. ސަރުކާރުގައި އޮންނަ އުސޫލުތަކުގެތެރެއިން ކަމަކަށް ބަޖެޓް ހަމަޖައްސާ، މަސައްކަތް ކުރާނެ ބަޔަކު ހޯދަން ގެޒެޓްކޮށް، ބިޑް އިވެލުއޭޓްކޮށް އަދި މަސައްކަތް ލިބޭފަރާތުން މަސައްކަތްނިންމުމަށް 3 މަސްދުވަހަކީ މިފަދަކަމަކަށް ވަރަށް ކުރު މުއްދަތެކެވެ. ނަމަވެސް މިމުއްދަތު ފަހުން އިތުރު ކުރިކަން ފާހަގަކުރަމެވެ.
  • ކައުންސިލްތަކުގައި ބަޖެޓްގެ ތާށިކަންބޮޑުވުން -  ކޮންމެ މަސައްކަތެއްވެސް އެބޭނުންވާ ރަނގަޅުފެންވަރުގައި ކުރެވޭނީ އެކަމަށް ޚަރަދު ކޮށްގެނެވެ. މިޒަމާނުގައި އެއްވެސް ފަރާތަކުން ގޫގްލް ފޮޓޯމަތީ ކުރަހައިގެން އެލްޔޫޕީ ހަދާކަށް ބޭނުމެއްނުވާނެއެވެ. ރަށް ޕްލޮޓް ލެވެލްއަށް ސާރވޭކޮށް ރަށުގެ ރަނގަޅު ކުރެހުމެއް ހެދުމަކީ ބިންމެނޭޖް ކުރުމަށްޓަކައި ވަރަށް މުހިންމުކަމެކެވެ. އަދި ލާމަރުކަޒީޤާނޫނުގައި އެލްޔޫޕީ ހެދުމުގައި ރަށުގައި ހުރި ރުއްގަސް ގުނުންފަދަ، ހިއްކެންއޮތް ސަރަހައްދުތައް ދެނެގަތުންފަދަ މަސައްކައްތައް ހިމަނާފައިވާއިރު ރަނގަޅު ސާރވޭއެއްކޮށްގެން މިކަންކަން ކުރާނަމަ އެއީވެސް ބައިވަރު ސާރވޭ މަސައްކަތެވެ.
  • އެލްޔޫޕީ ރިވިއު ކުރުމަށް މިނިސްޓްރީގައި ގިނަދުވަސް ނެގުން - ލާމަރުކަޒީ ޤާނޫނުގައި ވާގޮތުން ރިޕޯޓް ރިވިއު ކުރުމަށްޓަކައި މިނިސްޓްރީއަށް 3 މަސްދުވަހުގެމުއްދަތެއް ދީފައިވެއެވެ. މިއީ މިފަދަކަމަކަށް ވަރަށް ގިނަދުވަހެވެ. މިފަދަކަމެއްގައި މަސައްކަތް ކުރުމަށްދާމުއްދަތާއި އެއްވަރުގެ މުއްދަތެއް ރިވިއުކުރަންދިނުމަކީ ހަމަޖެހޭކަމެއްނޫނެވެ. އީއައިއޭފަދަ ރިޕޯޓް ތައްރިވިއު ކުރުމަށްވެސް ގިނަވެގެން މިނަގަނީ 15 ވަރަކަށް ދުވަހެވެ. އަދި ބުރި ބުރިއަށް މާލޭގައި ހެދޭ އިމާރާއްތަކުގެ ކުރެހުން ރިވިއުކޮށް ފާސްކުރުމަށްވެސް އާންމުކޮށް ގިނަވެގެން މިނަގަނީ އެއްމަހާއި ދެމަހާއި ދޭތެރޭގެ މުއްދަތެކެވެ. އެހެންކަމުން އެލްޔޫޕީ ރިވިއު ކުރުމަށް 3 މަސްދުވަހުގެ މުއްދަތެއްދިނުމަކީ ހަމަޖެހޭ ކަމެއްކަމުގައި ނުފެނެއެވެ. މިނިސްޓްރީންބޭރުން (މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެތެރެއިން) ޕްރައިވެޓް އިވެލުއޭޓަރސް ނަގައިގެންނަމަވެސް ރިވިއު މުއްދަތު އަވަސްކުރަން ޖެހެއެވެ.
  • ރިވިއު ކުރާފަރާތުގެ އަމިއްލަޚިޔާލާއި ވިސްނުމަށް ރިޕޯޓަށް ކޮމެންޓްކުރުން - ރިވިއު ކުރުމަށް ހުށައެޅޭ ރިޕޯޓްތަކަށް ކުރާކޮމެންޓްތަކަކީ ކަމާއި ގުޅުންހުރި ޤަވައިދު ތަކާއި ގައިޑްލައިންތަކުން ބާރުލިބޭ ކޮމެންޓަށްހަދައި ރިވިއު ކުރާފަރާތުގެ އަމިއްލަޚިޔާލާއި ވިސްނުމަށް ރިޕޯޓަށް ކޮމެންޓްކުރުމުނުންދުރުހެލިވުން މުހިންމެވެ. މިގޮތަށް މިކަން ކުރުމުން ރިޕޯޓަށް ކުރާ ކޮމެންޓް މަދުވެ ފާސްވާ ރިޕޯޓްތަކުގެ އެއްގޮތްކަން (ކޮންސިސްޓެންސީ) ހިފެހެއްޓޭނެއެވެ. އެހެންކަމުން މިކަމަށްޓަކައި ރަނގަޅު ގައިޑްލައިނެއް (މިހާރުބޭނުންކުރަމުންދާ ބިނާވެށީގެ ޕްލޭންގެ އިތުރުން) ހެދިފައި އޮތުންވެސް މުހިންމެވެ.

އެހެންކަމުން، އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި ރަށްރަށުގެ އެލްޔޫޕީތައް ނުހެދި ދިގުލައިގެން މިދަނީ ރާއްޖޭގައި ކަމުގެ ފަންނުވެރިން ނެތިގެނެއްނޫނެވެ. ކަންކުރަންވީގޮތް ނޭނގިގެނެއްވެސް ނޫނެވެ. ފަންނުވެރިންގެ ޚިޔާލާއިއެކު މަތީގައިފާހަގަކުރެވިފައިވާ ކަންކަން އިސްލާހުކުރެވިއްޖެނަމަ ދިމާވެގެން މިއުޅޭ މައްސަލައަށް ކޮންމެސް ހައްލުތަކެއްލިބޭނެކަމަށް ޤަބޫލުކުރެވެއެވެ. އެއްވެސް ހާލެއްގައި މިމައްސަލައިގެ ހައްލަކީ މިމަސައްކަތް ކުރުމަށް ބޭރުގެ ފަންނުވެރިން ރާއްޖެގެނައުމެއްނޫނެވެ. މަތީގައިބަޔާންކޮށްފައިވާ ކަންކަން އެގޮތަށްހުއްޓައި ބޭރުގެ ފަންނުވެރިން ގެނައިކަމުގައިވިޔަސް އަސްލު މައްސަލަ ހައްލެއްނުވާނެއެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީން އިސްވެ ކުރިޔަށްގެންދިޔަ 43 ރަށެއްގެ އެލްޔޫޕީ ހަދާނެ ފަރާއްތަކެއް ހޯދުމުގެ މަސައްކަތް

ލޯކަލް ގަވާމަންޓް އޮތޯރިޓީން ފާހަގަކުރާ 43 ރަށުގެ އެލްޔޫޕީ ހެދުމަށް ބަޔަކު ހޯދުމުގެ މަސައްކަތުގައިވެސް ގިނަދުވަސްތަކެއް ހޭދަކޮށްފައިވަނީ ބިޑްއިއުލާންކޮށް، ބިޑް ކެންސަލްކޮށް އަދި ޓީއޯއާރު ބަދަލުކުރުންފަދަ ކަންކަމުގައެވެ. މިފަދަ ކަންކަމުގައި ގާތްގަނޑަކަށް 6 މަސް ހޭދަކޮށްފައިވެއެވެ. އަދި މިމަސައްކަތަށް 4 ފަރާތެއް ޕްރީބިޑް ސްޓޭޖުންފާސްވެ، 3 ފަރާތަކުން ބިޑްހުށައެޅިއެވެ. މިމަސައްކަތަށް ކޮލިފައިވި ކުންފުނިތަކަކީ އެތަންތާނގައި ސާރވޭޔަރުންނާއި ޑިޒައިނަރުންހިމެނޭ އަދި ރާއްޖޭގައި ފަންނީ ތަފާތު އެތައް މަސައްކައްތަކެއް ކޮށްފައިވާ ފަރާއްތަކެކެވެ. އެހެންކަމުން ފަންނީގޮތުން އެލްޔޫޕީ ހެދުމުގައި ދަތިތަކެއް އުޅޭކަމަކަށް ފާހަގައެއް ނުކުރެވެއެވެ.

ތިރީގައިވާ ތާވަލުގައި އެވަނީ މިމަސައްކަތުގެ ބިޑިން ޕީރިއަޑް ދިގުދެމިގެން ގޮސްފައިވާ ގޮތެވެ.

ނިންމާލުން

މިލިޔުމުގައި ބަލައިލެވިފައި މިވަނީ ރާއްޖޭގެ ރަށްރަށުގެ އެލްޔޫޕީތައްހަދައި ފާސްކުރުމުގައި އެމަސައްކައް ޢަމަލީގޮތުންކުރާ ފަންނުވެރިން ދެކޭގޮތުގައި މިިވަގުތު ދިމާވެފައިވާ ދަތިތަކުގެ މައްޗަށެވެ. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި މިމަސައްކަތް ކުރާނެ ފަންނުވެރިން ރާއްޖޭގައި އެއްވެސް ވަރަކަށް މަދެއްނޫނެވެ. ނަމަވެސް ބަޖެޓްގެ ދަތިކަން ހުރުން އެކަށީގެންވެއެވެ. މިކަމަށް ދިމާވެފައިވާ ދަތިތަކުންއަރައިގަތުމަށްޓަކައި މިކަން އިސްވެ ކުރިޔަށްގެންދާ ސަރުކާރުގެ އިދާރާތަކުން ކަމުުގެ ފަންނުވެރިންނާއި މަޝްވަރާކުރަން އަޅުގަނޑުމެން އެދެމެވެ. އަޅުގަނޑުމެންނަށް ވީވަރަކުން މިކަމުގައި ސަރުކާރަށާއި ކައުންސިލްތަކަށް އެއްބާރުލުންދީ މިކަމުގައި އެހީތެރި ވެދޭނަމެވެ.

އެޑިޓަރުގެ ނޯޓް: މިލިޔުމަކީ އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލް ސާރވޭޔާރސްގެ ފަރާތުން ލިޔެތައްޔާރު ކޮށްފައިވާ ލިޔުމެކެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް