ads
ފުލުހުންގެ ދުވަހު ދިދަ ނެގުން -- ފޮޓޯ؛ ޕޮލިސް
233 މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލަ: ފުލުހުންނަށް ހަމަ އެ ވަރު ވެސް ނޭނގުނީތަ؟
ގާތްގަނޑަކަށް 233 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާ ނުކުރާނެކަމަށް ޕީޖީން ބުނުމާއެކު ޝަކުވާގެ އަޑު ގަދަވެ ސުވާލުތައް އިތުރު، ތަފާތު ތުހުމަތުތައް ފުލުހުންނަށް އަމާޒުވާން ފެށި އެވެ. ހުރިހާ ވެސް ކަން ބޮޑުވުމަކީ މަސްތުވާތަކެތީގެ ބޮޑު އެ މައްސަލަ އާ މެދު ފުލުހުން އަމަލުކުރި ޣައިރު ޒިންމާދާރުކަމުން ހިނގި ކަމެއް ކަމަށް ފެންނާތީ އެވެ.

މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި މ. ލަވްނެސްޓް ބަލައި ފާސް ކުރި އިރު އެ ގޭގެ ތަޅުންގަނޑުދަށުގައި ފޮރުވާފައި ހުއްޓަ ފެނުނު 42 ކިލޯގެ (މަގުމަތީ އަގުން ނަމަ 233 މިލިއަނަށްވުރެ ގިނަ ރުފިޔާ)ގެ މަސްތުވާތަކެތި ފެނިގެން އެ ވާހަކަ ފުލުހުން އިއުލާނު ކުރުމާއެކު ފުލުހުންގެ ހުށިޔާރު ކަމުގެ ވާހަކަ ވެސް ދެއްކި އެވެ. 

އެ މައްސަލާގައި ދަފްތަރު ނަންބަރު ރސ 3840، އުމުރުން 39 އަހަރުގެ އަޙްމަދު ޙުސައިން އާއި ކ. މާލެ، މ. ނޫރުއް، އުމުރުން 46 އަހަރުގެ ޢަބްދުﷲ ނަޝީދު ހައްޔަރު ކުރި އެވެ. ނަމަވެސް އެ މީހުން ދޫ ވެސް ކޮށްލި އެވެ. މި ދެ މީހުން ދޫކޮށްލީ އެވެ. ނަމަވެސް މަސްތުވާތަކެތި ހުރީ ފުލުހުންގެ ބެލުމުގެދަށުގަ އެވެ. ފުލުހުން ބުނިގޮތުގައި އެ "ދެ މީހުން ވެސް ދޫކޮށްލީ ޕީޖީން" އެދިގެން" ނެވެ. 

your image42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި އަހްމަދު ހުސައިން އާއި އަބްދުﷲ ނަޝީދު

ދެ މީހުން ދޫކޮށްލައި އެ މައްސަލާގައި ދައުވާނުކުރަން ނިންމި ސަބަބު ޕީޖީން ހާމަކުރުމާއެކު ފުލުހުންގެ އަމަލުތައް ހުންނަ ގޮތާ މެދު ކަން ބޮޑު ނުވާނެ އެކަކުވެސް ނުހުންނާނެ އެވެ. ފުލުހުންނަކީ ގާނޫނު ނެގެހެއްޓުމާއި ގާނޫނު ތަންފީޒުކުރުމާއި ގާނޫނީ ނިޒާމު ހިންގުމުގައި އެންމެ އިސް އެއް ދައުރު އަދާކުރާ މީހުންނެވެ. ނަމަވެސް 233 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަން ހިންގާފައިވަނީ ގާނޫނު އަސާސީ އާ ހިލާފަށް ކަމަށް ޕީޖީން ބުނުމަކީ ކުޑަ ކަމެއް ނޫނެވެ. އަދި އެ ވާހަކައިން ފުލުހުންގެ އަމަލުތަކާ މެދު އިންތިހާއަށް ސުވާލު އުފެދެ އެވެ.

ޕީޖީން ބުނީ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާ ނުކުރަން ނިންމީ ގާނޫނު އަސާސީގެ 149 ވަނަ މާއްދާ އާއި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ 47 ވަނަ މާއްދާ އާއި ދިވެހި ފުލުހުން ހިލާފުވެފައިވާތީ ކަމަށެވެ. ފުލުހުންގެ ބޮލުގައި ޕީޖީން އެ އަޅުވަނީ ކުޑަ ކަމެއް ވެސް ނޫނެވެ. ތާކުން ތާކު ނުޖެހޭކަމެއްގައި ދައުލަތުގެ އެންމެ އިސް ވަކީލު ފުލުހުންގެ ބޮލުގައި އެ އިލްޒާމު އެ އަޅުވައި އެ ވާހަކަ ޕީޖީގެ ހަގީގީވެރިންކަމަށްވާ ރައްޔިތުންނަށް ކަން އޮތްގޮތް ހާމަ އެކުރީ ކަމުގެ ބޮޑު ކަމާއި ފުލުހުންގެ އަމަލު ގަބޫލުކުރެވޭނެ އެއްވެސް ހަމައެއް ނެތުމުން ކަމަށް ވެދާނެ އެވެ.

އެ އޮޕަރޭޝަން ފުލުހުން ހިންގީ ގާނޫނު އަސާސީ އާއި މަސްތުވާތަކެތީގެ ގާނޫނާ ހިލާފަށް ކަމަށް ބުނެ ޕީޖީ އެ ވަރުން އެ ވާހަކަ ހުއްޓައެއް ނުލަ އެވެ. ހިލާފުވި ސަބަބުތައް ވެސް ހާމަކުރި އެވެ.

އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ޕީޖީއިން ފާހަގަ ކޮށްފައިވަނީ، މި މައްސަލާގައި ފުލުހުން ކޯޓު އަމުރެއް ނެތި ތަން ބަލާ ފާސް ކުރުމެވެ. ޕީޖީއިން ބުނާ ގޮތުގައި ފުލުހުންނަށް ތަން ބަލާ ފާސް ކުރުމަށް ކޯޓު އަމުރެއް ހޯދުމަށް އެކަށީގެންވާ ވަގުތު ވެސް ލިބުނެވެ. ފުލުހުން އަމަލު ކޮށްފައިވަނީ، ގާނޫނަށް ބެލުމެއް ނެތި އަމިއްލައަށް ބޭނުންވާ ގޮތަށެވެ. ކޯޓް އަމަރު ހޯދަން ޖެހޭނެކަމަށް ބުނާ ގާނޫނު ހިންގާތާ 11 އަހަރުވީ އެވެ. އެހެންކަމުން އެ ގާނޫނުގައި ބުނާ ވާހަކަ ފުލުހުންނަށް އަދި ވަކިން ހާއްސަކޮށް އެ އޮޕަރޭޝަން ހިންގަން ދިޔަ ފުލުހުންގެ ޓީމަށް ނުވަތަ އެ ޓީމު ފޮނުވި އިސް އޮފިސަރުންނަށް ނުވަތަ ފޮނުވި އޮފިސަރަކަށް ކޯޓް އަމަރު ބޭނުންވާނެކަން ނޭނގޭނެކަމަށް ބުނާ ނަމަ އެއީ ބޮޑު ޖޯކަކަށް ނުވާނެތޯ އެވެ.

ގާނޫނުގެ އިމުގެ ބޭރުން އަމަލުކޮށް ތަންތަނަށް ވަދެ ކަންކަން ކުރުމަކީ ފުލުހުންނަށް ވެސް އޮތް ބާރަކަށްނުވާނެ އެވެ. އެހެން ކަމުން އެ ތައް މިލިއަން ރުފިޔާގެ އަގު ހުރި މަސްތުވާތަކެއްޗާއި އެ ކަމުގައި ޖާމިނުވާކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހުންގެ ކަންތަކުގައި ފުލުހުން ކަން ކުރިގޮތުން މިހާރު ވަނީ ބޮޑު ޖޯކަކަށްވެފަ އެވެ. 

your imageމަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުން ކުއްތާ ބޭނުންކުރަނީ

ދިވެހި ފުލުހުންނާ މެދު ކުރިން ވެސް ފާޑުފާޑުގެ ތުހުމަތު ވެސް ކުރަމުންދާއިރު 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުން ކަންކުރިގޮތުން ފުލުހުންނަށް ކުރާ އިތުބާރު ވެސް ގެއްލިގެންދާނެ އެވެ. އަދި ދިވެހި ފުލުހުންގެ "ފަރުވާ ކުޑަ" ކަމާއި ކަންކަން ނޭނގޭކަމަށް ހަދައިގެން އިޖުރާތާ ހިލާފަށް ބޮޑެތި މައްސަލަތަކުގައި އަަމަލު ކުރުމުގެ ސަބަބުން ބޮޑެތި މައްސަލަތައް ވަނީ ސާބިތުނުވެފަ އެވެ. އަދި ދައުވާ ކުރެވޭނެ މިންވަރަށް ފުލުހުންގެ ކަންކަން ގެން ގޮސްފައިނުވާކަމަށް ބުނެ އެތައް މައްސަލައެއްގައި ދައުވާ ނުކުރަން ޕީޖީންވަނީ ނިންމާފަ އެވެ.

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކަށް ބަލާއިރު ގިނަ ފަހަރަށް ފުލުހުން އަމަލުކޮށްފައި ހުންނަގޮތުން އެ މައްސަަލަތައް ކާމިޔާބުނުވެ ގޮސްފައި ހުރެފައި، މިހާރު ފެންމަތިވެގެން އުޅޭ މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާކަމަށް ޕީޖީން ބުނާ ވާހަކަތަކަށް ވިސްނާއިރު 233 މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުން އަމަލުކޮށްފައިވަނީ ހަގީގަތުގައި ވެސް ފުލުހުންނަށް އޮޅިގެން ކަމާ މެދު ސުވާލު އުފެދެ އެވެ. ނަމަވެސް ހަގީގަތް އެނގޭނީ އެ މީހުންނަށެވެ. 

އެ މައްސަލަ "ޗޮކުން" ދުއްވާލުމަށް ކުޅެލި ކުޅިގަނޑެއްގެގޮތުގައި އެ އޮޕަރޭޝަން ހިންގި ނަމަ އެއީ ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބޭނެ ކަމެވެ. ކޯޓް އަމުރަކާ ނުލާ ގެ ބަލާ ފާސްކޮށް ތަޅުންގަނޑު އަޅާލީ ނޭނގިގެންކަމަށް ބުނާ ނަމަ އެ ބަޔަކީ ފުލުހުންގެ ހިދުމަތުގައި ގެންގުޅެން ހެޔޮވާވަރުގެ ބައެއްތޯ ބަލަން ޖެހޭނެ އެވެ. ސަބަބަކީ އެ ވަރު ނޭނގޭ ނަމަ އެ ބަޔަކީ "ތަންދޮރު ނުދަންނަ" ބަޔަކަށް ނޫނީ ނުކިޔާނެތީ އެވެ. އެވަރު ބަޔަކާ އެކު ފުލުސް އޮފީސް ހިންގަން އުޅޭ ނަމަ ޗޮކުން ދާނީ 233 މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލަ އެކަންޏެއް ނޫނެވެ. ގެއްލިދާނީ ފުލުހުންގެ އިތުބާރާއި ރައީސް ސާލިހަށް އޮތް ތާއިދެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް