ads
ހިސަން ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
އާންމު ސީޓީ: ކަން ބޮޑުވުންތައް ހައްލުނުކޮށް ފަނޑިޔާރުން ވަކި ކުރުމުން ލިބޭ މޮޅަކީ ކޮބާ؟
ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސައިނަށް. ވެދުން ސަލާމަށް ފަހު ދަންނަވަމެވެ. އަދުލުވެރި ފަނޑިޔާރުގެ އަކާއި އަދުލުވެރި ފަނޑިޔާރުންނާއި އަދަލު އިންސާފުން ކޯޓްތަކާއި މުޖުތަމައު ހިންގުމަކީ ކަމަނާމެންގެ އެންމެ ބޮޑު އެއް ވައުދެވެ. އެ ވައުދު ފުއްދުމަކީ އިސްލާމީ ރިވެތި އުސޫލެވެ.

އަޅުގަނޑުގެ މި އާންމު ސިޓީ ކަމަނާއަށް އެޑްރެސް ކޮށްލަން ޖެހުނީ ފަނޑިޔާރުގެ އާއި ފަނޑިޔާރުންގެ ކަންކަން އަދުލުވެރިކަމާއެކު އިންތިޒާމުކޮށް ހިންގުމަށް ހިތްވަރު ދިނުމަށެވެ. މި ދުވަސްވަރު ރަށު ތެރޭގައި މެދު ކެނޑުމެން ނެތި އަޑު އިވެމުންދަނީ ހައިކޯޓުގެ ފަނޑިޔާރަކު ގާނޫނާ ހިލާފަށް ވަކި ކުރަން އުޅޭ ވާހަކަ އެވެ. 

ކަމަނާއަކީ ވެސް ގާނޫނީ ވަކީލަކަށްވެފައި އަދި އަދަލުވެރި މުޖުތަމައެއް އަށަގެންނެވުމަށް ހަމަ ޔަގީނުންވެސް ވަކާލާތު ކުރައްވާ ކަމަނާއަކަށްވެ އެމަގުން ބޭރުން ކަންކަން ދާ ވާހަކަ ރަށު ތެރޭގައި ގޮވާގޮވުމަކީ ކަން ބޮޑުވާން ޖެހޭކަމެވެ.

އިންސާފު ގާއިމުވެފައިވާކަން ކަށަވަރު ކުރާ އެއް ހަމަ އަކީ، ކަމަނާމެން ވިދާޅުވާގޮތުންނަމަ، އިންސާފު ލިބޭކަމުގެ އިހްސާސް ރައްޔިތުންނަށް ވުމެވެ. އެ ބަހުން ދޭހަވާ އެއްކަމަކީ ގިނަ ބަޔަކަށް ގަބޫލު ކުރެވޭ މިންވަރަށް އެކަން ހިނގުމެވެ. 

ހައިކޯޓް ފަނޑިޔާރު ހަމީދު ވަކި ކުރުމުގެ މައްސަލާގައި އަދަލުވެރިކަމެއް ނެތްކަމުގެ ވާހަކަ އިންތިހާއަށް އަޑު ގަދަކޮށް ދައްކާއިރު އެ ވާހަކަ ދައްކާ ސަބަބާ މެދު އަދި އެއް ފަހަރު ވިސްނާލުމަކީ ކަމަނާ ކޮށްފައިވާ ހުވާގެ ހައްގުގައި ކޮށްލުން ރަނގަޅުކަމެއް ކަމަށް ދެކެމެވެ.

ގާނޫނަކީ ދަބަރެއް ކަހަލަ އެއްޗެކޭ ބުނާ އަޑު އަހަމެވެ. ނަމަވެސް ގިނަ ބަޔަކު ނުވަތަ ރަނގަޅެއް ލިބެން އޮތް މަގަކުން ގާނޫނު މާނަ ނުކުރެވޭނެތޯ އެވެ. ފަނޑިޔާރު ހަމީދު މައްސަލައަށް ބަލާއިރު އޭނާ ވަކި ކުރުމުގެ ކަންކަން ޖޭއެސްސީން ގެންގޮސްފައިވަނީ އިޖުރާއަތާ ހިލާފަށް ކަމަށް ހަމީދު އާއި ގިނަ ވަކީލުން އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ބުނާ އިރު އެ އެންމެންނަށް ގޮން ޖަހާފައި ކަންކަން ކުރުމުގެ ބޭނުމެއް އޮތްކަމަކަން ނުފެނެ އެވެ. 

މަޖިލީހުގެ ކޮމެޓީން އެ ބުނާ ވާހަކަތައް އަޑު އަހާފައި އެދޭ އިރުޝާދާއެއްގޮތަށް ފަނޑިޔާރު ހަމީދު ވަކި ކުރުމުގެ ޕްރޮސެސް ޖޭއެސްސީން ނިންމާލާފައި އަލުން މަޖިލީހަށް ފޮނުވުމުން މިހާރު އުފެދިގެން އުޅޭ ފިތުނަ ވެސް ނިމުކަން އަންނާނެ ކަމަށް ފެނެ އެވެ. އެހެންކަމުން ކަމަނާ އިސް ނަންގަވައިގެން އެމަގުން ފަނޑިޔާރު ހަމީދު މައްސަލަ ނިންމުމަށް މަސައްކަތްކޮށް ދިނުން އެދެމެވެ.

ފަނޑިޔާރު ހަމީދު އާއި ރައޫފު މައްސަލަ ބަލަން ފެށި އިރު ފްލެޓް ނަގާފައިވަނީ އެ ދެ ފަނޑިޔާރުން ނޫންކަން އިރުގެ އަލިކަން ލިބިގެން މިއުޅޭ ހުރިހާ ދިވެހިންނަށް ވެސް އެނގޭނެ އެވެ. ރައީސް ޔާމީން ސަރުކާރުން ފަނޑިޔާރުންނަށާއި ބައެއް މުއައްސަސާތަކުގެ ވެރިންނަށް ފްލެޓް ދީފައިވަނީ ގާނޫނު އަސާސީގައި ބުނާ އުސޫލުން ބޭރުންކަން ހޮދު ކަމަނާއަށް މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. ނަމަވެސް ޖޭއެސްސީން ތިޔަ ދުވަނީ އެންމެ ދެ ފަނޑިޔާރުންގެ ފަހަތުން ކަމަށް ފެނެ އެވެ.

ކަމަނާ މިހާރު ތިޔަ އިންނެވި ގޮނޑި ކަމަށްވާ ޖޭއެސްސީގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ސުޕްރިމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު ޖޭއެސްސީގެ ރައީސް ކަމުންނާއި ފަނޑިޔާރުކަމުން ވަކިވެވަޑައިގެންނެވި އިރު ފަނޑިޔާރު އަރީފުގެ ކަންކަން ހުރި ގޮތާއި އޭނާ އާ މެދު ކަމަނާ މެން ކަންކަން ކުރެއްވި ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ކަމަނާއަށެވެ.

ފަނޑިޔާރު އަރީފަށް  ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރުމުގެ ފުރުސަތު ދިނުމަށް ފަހު ގަވާއިދަށް ގެނެސްފައިވާ ބަދަލުގެ ސިއްރު ވެސް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކަށް ކަމަނާ ވެގެންދާނެ އެވެ. މި ގޮތަށް ވަރަށް ވާހަކަ ދަންނަވާލަން ބޭނުމެވެ. ނަމަވެސް މައިގަނޑު ބޭނުމަކީ އިންސާފުން ބޭރުން ކަމެއް ކުރާކަމަށް ބުނެ ދައްކާ ވާހަކައިގެ އަޑުން ޖައްވު ގުގުމަމުންދާތީ އަޅުގަނޑުގެ އުނި ސިކުޑިއަށް ވިސްނޭ އެއްޗެއް ދަންނަވާލުމެވެ. އެއީ ކަމަ އެކޭ އެއް ފަދައިން އަދަލުވެރިކަން މި ރާއްޖޭގައި އޮންނަށް ބޭނުންވާ މީހަކަށްވެފައި ނުހައްގުން އަދި ޑީލެއްގެ ދަށުން އެކި މީހުންނަށް އެކި ގޮތް ހަދަން ބޭނުންނުވާ މީހަކަށްވާތީ އެވެ. ސިޓީ ނިންމާލުމުގެ ކުރިން އެއް ވާހަކަ ދަންނަވާލަމެވެ.

ރައީސް ޔާމީން ވެރިކަމުގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިންނާއި ސުޕްރިމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަދި މިހާރު އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާ ފަނޑިޔާރުކަމުން ވަކި ކުރި ދުވަހު ކަމަނާ މެން ދެއްކެވި ވާހަކަތައް އައްސަވާލުން ބުއްދިވެރިވާނެ އެވެ. ނަމަވެސް މިއަދު ކަމަނާއަކީ ސިޔާސީ އިސް ބޭފުޅަކަށްވެފައި ސިޔާސީ ބޭފުޅުންގެ ކުރިމަތީގައި ގިނަ ފަހަރު އޮންނާނީ އަދުލުވެރިކަމެއް ވުރެ ބޮޑަށް ތިމާމެން ބޭނުންވާ ކަންކަން ހާސިލު ކުރުން ކަމަށްވާތީ  ކުރިން ދެއްކެވި ވާހަކަ އާއި ގާނޫނުން ދައްކާފައިވާ މަގުން ހިނގުމަކީ މުހިންމުކަމެއް ނޫންކަން ވެސް ހިތަށް ވަދެ އެވެ.

އަޅުގަނޑަކީ ކަމަނާއަށް ލަފައެއް ދެވޭނެ އަދި ކަމެއް ހަނދާން ކޮށްލަ ދެވޭވަރުގެ މީހެއް ނޫން ނަމަވެސް އަޅުގަނޑުގެ ކަން ބޮޑުވުން ކަމަނާއަށް ހިއްސާކޮށްލުމަށް މި ފުރުސަތުގެ ބޭނުން ހިފޭމެ އެވެ.

އިހްތިރާމް ގަބޫލު ކުރެއްވުން އެދެމެވެ.

6 މޭ 2022

ހާދިމްކުމް، މޫސާ އަލީ ކަލޭގެފާނު

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް