ads
ރާއްޖޭގައި ކްލައިމެޓް އެމާޖެންސީ އިއުލާނު ކުރުމަށް ގޮވާލައިފި
ރާއްޖޭގައި ކްލައިމެޓް އެމާޖެންސީ މިހާރުން މިހާރަށް އިއުލާނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިފަދައިން ގޮވާލާފައިވަނީ، "ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބި އަދި މި ބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އޮތް ހަނި ފުރުސަތު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފުޅާކޮށް އަދި އެ ކަންބޮޑުވުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެދި ހުށަހަޅާ ޤަރާރު" ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކުރައްވައި ނިންމިގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަމުންނެވެ. 

ކްލައިމެޓް ޗޭންޖް ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓްގައި އެދިފައިވަނީ، ރާއްޖޭގައި "ކްލައިމެޓް އެމާޖެންސީ" އިއުލާނު ކުރުމަށް މަޖިލީހުން ފާސްކުރުމަށެވެ. 

ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން ވިދާޅުވީ، ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން އިތުރު ދެ ޑިގްރީސެލްސިއަަސް އަށް އުފުލުނު ކަމުގައި ވިޔަސް ރާއްޖޭގެ ނާޒުކު ފަރުތައް ހަލާކުވެ ނެތި ދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި ވާރޭވެހޭ މިންވަރު ރާއްޖެއަށް އިތުރުވެ ފެންބޮޑުވުމުގެ މައްސަލަތައް އިތުރަށް ބޮޑުވާނެކަން ސަލީމް ފާހަގަ ކުރެއްވި އެވެ. 

ސަލީމް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މޫސުމީ ބޮޑު ގޮންޖެހުން ދިމާވެފައިވަނީ ރާއްޖޭގެ ރައްޔިތުންގެ ސަބަބުން ނޫންކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ހިތި ތަހައްމަލު ކުރަންޖެހިފައިވަނީ ދިވެހި ރައްޔިތުންނަށް ކަން ސަލީމް ފާހަގަކުރެއްވި އެވެ. 

މި މައްސަލައިގައި މަޖިލީހުގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ ރާއްޖޭގެ ރަށްތައް ގިރުމުގެ ވާހަކަ އާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ ދައްކާފައެވެ. އަދި ދުނިޔޭގެ ސަމާލުކަމަށް މިކަން ގެނައުމަށް އަދި މިކަމުގެ ސީރިއަސްކަން ހާމަކުރުމަށް ރާއްޖޭގައި ކްލައިމެޓް އެމާޖެންސީ އިއުލާނު ކުރުމަށް މެމްބަރުން ވަނީ ގޮވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް