
ގިނަ ދުވަސްތަކަކަށްފަހު ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ގައުމުގެ ހާލަތު ކޮވިޑް-19 އާއި ގުޅިގެން ދަށަށް ދިޔަ ވަގުތު ލޯނު ނެގުން މަޖުބޫރިވިކަމަށާއި، ލޯނު ނެގުމަށް އިގްތިސާދީ މާހިރުން ލަފާ އެރުވި ކަމަށެވެ.
އެ ލޯނުތައް ނެގުމަށް މަޖުބޫރުވީ، ރާއްޖެއަށް ލިބޭނެ ކަމަށް އަންދާޒާކުރި، 35 ބިލިއަން ރުފިޔާ ކޮވިޑް-19 ގެ ސަބަބުން ނުލިބުމުން ކަމަށާއި، ގައުމުގެ ހާލަތު ގޯސްނުވެ ގައުމު ހިންގުނީ ނެގި ލޯނުތަކުގެ ސަބަބުން ކަމަށެވެ. އަދި ލޯނު ނެގުމުން ގައުމުގެ އިގްތިސާދަށް ހެޔޮ އަސަރު ކުރި ކަމަށާއި، އެކަން ސަރުކާރުން ކުރީ ވަރަށް ވިސްނާގެން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ބައެއް ފަރާތްތަކުން މި ވާހަކަ ދައްކަމުން ދަނީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ކަމަށާއި، އެހެން ނަމަވެސް މި ވާހަކަތަކަކީ ސިޔާސީ ކޮށްގެން ދައްކަން ހެޔޮވާވަރުގެ ވާހަކަތަކެއް ނޫން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު މިހާރު ހުރީ ރަނގަޅު މިސްރާބެއްގައި ކަމަށާއި، ރާއްޖޭގެ ޖީޑީޕީ މި އަހަރު 13 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.