އަދި އޮން-އެރައިވަލް ވިސާ ލިބޭ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިގެންދިއުމާއެކު ދިވެހިރައްޔިތުންނަށް މި ވިސާގައި ސިންގަލް އެންޓްރީ ނަމަ، 1 މަސް ދުވަހުގެ މުއްދަތަށް ހުރެވޭނެކަމުގައި ދެންނެވިއެވެ.
މަލްޓިޕަލް އެންޓްރީކޮށް އެއް އަހަރު ދުވަހުގެ ވިސާއެއް، ސަޢުދީ ޢަރަބިއްޔާގައި ޖުމްލަ 90 ދުވަސް ހޭދަކުރެވޭގޮތަށް ދަތުރުކުރުމުގެ މަގު ފަހިވެގެންދާނެކަމުގައިވެސް ވިދާޅުވިއެވެ. ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށާއި، ކިޔެވުމާއި، ސިއްޙީ ފަރުވާއަށް އަދި ސަޢުދީ ޢަރަބިއްޔާގައި މަސައްކަތްކުރުން ފަދަ ބޭނުންތަކަށް މި ވިސާ ބޭނުންނުކުރެވޭނެ ކަމަށާއި މި ވިސާ ބޭނުންކުރެވޭނީ ހަމައެކަނި ފަތުރުވެރިކަމާއި ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށްކަމުގައިވެސް މިނިސްޓަރ ތަފްޞީލް ކުރެއްވިއެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި، ސަޢުދީ ޢަރަބިއްޔާއަކީ ދިވެހިރައްޔިތުން ވަރަށް މުހިންމު ބޭނުންތަކެއްގައި ދަތުރުކުރާ ޤައުމެއްކަން ފާހަގަކުރައްވަމުން، ސަޢުދީ ރަސްގެފާނުގެ މި މުހިންމު ނިންމެވުމާއެކު، ސަޢުދީއަށް ދަތުރުކުރާ ދިވެހިރައްޔިތުންނަށް، އެތަކެއް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށް ވިދާޅުވިއެވެ. އަދި، މިކަމުން ދައްކައިދެނީ ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް އަޚުވަންތަ ގުޅުމާއި، ސަޢުދީ ލީޑަރޝިޕުން ދިވެހި ރައްޔިތުންނަށާއި މިހާރުގެ ސަރުކާރަށް ބަހައްޓަވާ ޚާއްސަ އަޙައްމިޔަތުކަމާއި އަދި ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ހިގައްޖެކަމުގެ ހެއްކެއްކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވަމުން، ބައިނަލްއަޤުވާމީ މަސްރަޙުގައި ސާބިތުކަމާއެކު އިސްއުފުލައި، ރާއްޖޭގެ ހައިބަތު އުފުލައިދޭން ކެނޑިނޭޅި މިކުރާ މަސައްކަތުގައި މިސަރުކާރުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ޕާސްޕޯޓަކީ، އޭގައިވާ ސަލާމަތީ ސިފަތަކާއިއެކު، މިވަގުތު ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުކަމުގައި ބަޔާންކުރެއްވިއެވެ.