ads
"ރަނގަޅަށް ބެލިއިރު އަހަރެންވެސް އޮތީ ވަގަށް ނަގާފައި!"
ގޭގެ ބޮޑު ފެންޑާ ތެރޭ ހުއްޓާ ސަލާން ގޮވަމުން އައިސް އެ ވަދުނީ ދެތިން މީހުންގެ ގުރޫޕެކެވެ. ވަންގޮތަށް އައިސް ހާލު އަހުވާލަށް ދަންދެން އަހާ ހަދަން ފަށައިފި އެވެ. ކޮބާ؟ ސްކޫލު ނިމުނީ ންނޫންހޭ، ކޮންކަމެއްހޭ އޮތީ؟”ކިޔާ ވާހަަކަ ފަށައިގަތީ ދުރުތާ ތިމާގެ މީހެއް ހެނެވެ.

ދެން އެ ބުނީ އަހަރެން ހަމަ ހީކޮށްގެން ހުރި ވާހަކައެވެ. 

"މީގަ ސޮއިކޮށްލަން ވީނު، ޕާޓީއަކަށް ސޮއިކޮށްފިންތަ މިހާރު؟" ބައިވަރު ނަންތަކެއް އޮތް ކުލަގަދަ ފައިލެއް ހުޅުވާލަމުން އެ ބޭރު ކުރީ ހިތުގައި އޮތް އަސްލު މަގުސަދެވެ. ޕާޓީއަށް މީހުން ހަމަކުރާ ހިތުން ރަށުގައި އެއަހަރު 10 އެއް ނިންމާ ކުއްޖެއްގެ ގެއަކަށް ވިއްޔާ ވަންނަމުން މިމީހުން ކިޔަނީ މިހެން ނެވެ. އޭރު އަހަންނަށް 16 އަހަރެވެ. އެ ބަޔަކު ގާނޫނެއް ބަލާ، ތަނެއް ދޮރެއް ދަންނަ ނަމަ  އަހަރެން ކައިރީ ސިޔާސީ ވާހަކަ ދައްކަން އަންނަން ނުކުރުނީސް ކަން ކަށަވަރެވެ. 

އުމުރުން 18 އަހަރު ފުރުނު ދުވަހު ވެސް މިފަދަ ބަޔަކު ހަމަ ގުޅި އެވެ. ކަންދިމާކުރި ގޮތުން ދިމާވީ ރިޔާސީ އިންތިހާބަކާއި ކަމުން ލައްކަ ފޯނު އެދުވަހު ވެސް އައެވެ. ގޭތެރޭގައި ސިޔާސީ ކަންކަން ނެތަސް ދުރުތާ ތިމާގެ މީހުން ކިޔާވަރުން އެމީހުން ބުނި ޕާޓީއަކަށް ވޯޓުލާން ދިޔައީ މެވެ. އެކަމަކު އެއީ “އާ ލާނަމޭ” ބުނެލުމަށެވެ. އެތަނަށް ގޮސް ވައްޓާލާ ކަރުދާސްކޮޅު ވަކިކޮޅަކަށް ބުރައެއް ނުވާނެެ އެވެ. އަހަރެންގެ ވޯޓުދާނީ ބާތިލު ވޯޓުގެ ބަޔަށެވެ. އެއީ އަހަރެން ބޭނުންވާ ގޮތެވެ. ހަޔާތުގައި މިހާތަނަށް އަދި އަހަރެން ހޮވި ވެރިއެއް މިފަސްގަނޑުގައި ނުހުންނާނެވެ. ކޮން ފައިދާއަކަށް ހެއްޔެވެ؟ 

އަދިވެސް ސިޔާސީ ކުލަވަރެއްގައި ނުޖެހެމެވެ. އަހަންނަށް ވަކި ސަހަލު ޕާޓީއެއް ނެތީ އެވެ. އަޒުމު ކަނޑައަޅައިގެން ހުރީ ދުވަހަކު ވެސް އެއިން ކުލަވަރެއްގައި ނުޖެހޭށެވެ. އަހަރެންގެ ނަމެއް އެއިން ޕާޓީއެއްގެ ލިސްޓުގައި ނޯތުމަށެވެ. 

އެހަކަށް ދުވަހަކު ޕާޓީތަކުން އެއްބަޔަކު އަނެއްބައެއްގެ މެމްބަރުން ވަގަށް ނަގާ ވާހަކަ ދެކެވެެން ފެށުމުން ނޫސްވެރިއެއްގެ ހައިސިއްޔަތުން ކަންކަން ބަލާ ތަންތަން ހާވަންޖެެހިއްޖެ އެވެ. އިލެކްޝަން ސައިޓުތެރެއަށް ވަނީ ޕާޓީތަކުގެ މެމްބަރުން ތިބި ވަރެއް ބަލާލުމަށެވެ. އެކަމަކު ލޮލުގައި އަޅައިގަތީ "ސިޔާސީ ޕާޓީގެ މެމްބަރެއްތޯ ބެލުމަށް" އިން ފީޗާ އެވެ. 

your imageމެމްބަރެއްތޯ ބެލޭނެ ނިޒާމެެއް އީސީން ވަނީ ވެބްސައިޓުގައި ހަމަޖައްސާފަ——

ޕާޓީއަކަށް ނުވަންނާތީ އަހަރެން މިއިން ދުވަހަކު ވެސް އެކަން ޗެކެއް ނުކުރަމެވެ. އެކަމަކު "ވަގަށް ނަގާ" ކަމަށް ދެކެވޭ މިދުވަސްވަރު އަހަރެން ވެސް ވަގަށް ނަގާފައި އިނދެދާނެ ކަމަށް ޗެކުކޮށްލަން އަހަރެންގެ ހިތް ބުންޏެވެ. 

ކަމަކުދާކަށް ނެތެވެ. މޯލްޑިވްސް ޑިވްލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ) ގައި އެއޮތީ އަހަރެންގެ ނަމެވެ. އަހަރެން ވަގަށް ނެގީތާ އެވެ. އިތުރަށް ޔަގީންކޮށްލަން އަހަރެން ކަހަލަ އެހެން މީހެއްގެ އައިޑީކާޑު ނަންބަރު ޖަހާފައިވެސް ޗެކު ކޮށްލީ މެވެ. އޭނާގެ ނަން ވެސް އޮތީ ހަމަ އެ ޕާޓީގަ އެވެ.  

your imageޕާޓީއަށް ސޮއިނުކުރަނީސް އެމްޑީއޭގައި ތިބި މީހުން އެބަތިބި——

މިއީ މިއަދު މި ރާއްޖޭގެ ހަމަ ކޮންމެ މީހެއްގެ ވާހަކަ ހުންނާނެ ގޮތެވެ. ސިޔާސީ ޕާޓީތައް ރާއްޖޭގައި އުފެދިގެން އައި ފުރަތަމަ ދުވަސްވަރު، ގައުމަށް ހެޔޮގޮތް އެދުނު އެތަައް ބަޔަކު ޕާޓީތަކާއި ގުޅި ގައުމީ ރޫހެއްގަައި އެމަސައްކަތް ކުރީ ހަމަ ކުރާ ހިތުންނެވެ. އެއީ އުންމީދެއް އޮތީމަ އެވެ. އިތުބާރެއް އޮތީމަ އެވެ. 

އެކަމަކު މިއަދު އެ އިތުބާރެއް، ސިޔާސީ މީހުންނަކަށް އެ އުންމީދެއް ރާއްޖޭގެ ރައްޔިތުންގެ ނެތެވެ. އޭރު ގައުމީ ރޫހުގައި އެކަން ކުރި މީހުންވެސް ފެޔަށް ޖެހި އެތިބީ މިހެންވެ ކަން ޔަގީނެވެ. ސިޔާސީ ޕާޓީތަކުގެ ނިވަލުގައި ރައްޔިތުންނަށް މޮޅުގޮތް ހޯދައިދިނުމުގެ ނަމުގައި، އެވެރިން ކުރަނީ ވައްކަމެވެ. ވަނީ ހިޔާނާތެވެ. ގައުމަށް ރައްޔިތުންނަށް ލިބުނު މޮޅެއް ލާބައެއް ކުރިއެރުމެއް ނެތެވެ. 

އެހެންވެ، ސިޔާސީ ކުލަވަރެއްގަ ނުޖެހި އަމިއްލަ ދިރިއުޅުން ހެޔޮގޮތުގަައި ވޭތުކުރަން ބޭނުންވާ އެތައް ބަޔަކު މި ރާއްޖޭގައި އެބައުޅެ އެވެ. އެމީހުން ވަކިކުލައަކަށް، ޕާޓީއަަކަށް ނިސްބަތްވާކަށް ބޭނުމެއް ނުވެ އެވެ. 

އެކަމަކު، މިއަދު އެފަދަ މީހަކުވެސް އެބަހުރި ބާ އެވެ؟ ޕާޓީއަކަށް ސޮއި ނުކޮށް އޮތް މީހަކު އެބަހުރި ބާ އެވެ؟ ޕާޓީއެއްގެ ދަފުތަރުގައި “ނަން ނެތް މީހެކޭ މިއީ” ބުނެވޭވަރުގެ މީހަކު ވެސް އެބަހުރިބާ އެވެ؟ ޝައްކެވެ.!

ސިޔާސީ ޕާޓީތަކުގެ ބޮޑުންގެ އަމިއްލަ ފައިގެ ބޮޑުވައި އިނގިލި ކުރިން ފިންގަޕްރިންޓު ޖަހައިގެން ވެސް އެހެން މީހުންގެ ނަމުގައި ޕާޓީތަކުގެ ދަފްތަރަށް ލައިފައި ހުންނަނީޔޯލަ އެވެ. 

އާއްމު މީހާގެ އައިޑީކާޑު ނަންބަރު ނޭނގޭ ސިޔާސީ ޕާޓީއެއް ނުވެސް ނެތީ އެވެ. އާއްމު ރައްޔިތު މީހާގެ އައިޑެންޓިޓީވެސް ވަގަށް ނެގީ ނޫންތޯ އެވެ؟ ސިޔާސީ ކުލައެއްގަ ނުޖެހުމަށް އާއްމު މީހާއަށް އޮތް ހައްގުވެސް ނިގުޅައިގަތީ އެވެ.

މިކަން މިހެން ވާ ސަބަބާއި ބެހޭގޮތުން އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު “ސީއެންއެމް” އާ ވާހަކަ ދައްކަވަމުން ފުރަތަމަ ވެސް ވިދާޅުވީ، “ކީއްކުރާނީ ހެއްޔޭ އެވެ؟ ޕާޓީތަކުން އެއް މެމްބަރަކު އަނެއް މެމްބަރަކުވެސް ވަގަށް ނަގަނީ” އެވެ. 

މިއީ އިލެކްޝަނުން ކަންބޮޑުވާ ނުހަނު ހިތާމަކުރާ ކަމެއްކަން ފުއާދުގެ ވާހަކަތަކުން އެގެއެވެ. އެކަމަކު އެކަން ހުއްޓުވުމަށް އިލެކްޝަން ކޮމިޝަނަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. 

ފުރަތަމަ ކަމަކަށް އެކަށީގެންވާ ބަޖެޓެއް ނެތުމާއި، ރަނގަޅު ނިޒާމުތަކެއް، އަދި ގަވާއިދުތައް ހެދުމުގައި މަޖިލީހުގެ އެއްބާރުލުން ކުޑަވުން ފާހަގަކުރެއްވި އެވެ.

ފުއާދު ވިދާޅުވީ، ޕާޓީތަކުން ވަގު ފޯމު ހުށަހަޅަނީ ގާނޫނޫގައި ބުނާ އަދަދު ހަމަކުރުމަށާއި، ޕާޓީތަކަށް ދޭ ފައިސާ ހޯދުމަށް ކަމަށެވެ.

ގާނޫނުގައި އޮންނަގޮތުން ފައިސާ ލިބެނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި މެމްބަރުން ތިބި އަދަދަކަށެވެ.

“މިގޮތަށް އޮންނާތީ ކޮންމެ ޕާޓީއަކުން ވެސް އެބަ ބޭނުންވޭ މެމްބަރުން ގިނަ ޕާޓީއެެއްގެ ގޮތުގައި އޮންނަން. އަޅުގަނޑުމެން އަތުގައި ނެތް ޕާޓީތަކުން ހުށަހަޅާ ފޯމުތައް އެކަށީގެންވާ ގޮތުގައި ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެެއް. އެހެންކަމުން ޖޫރިމަނާ ކުރަން ބަލާއިރު ވެސް ގޮންޖެހުންތައް ކުރިމަތި އެބަވޭ” ފުވާދު ވިދާޅުވި އެވެ.

މިކަން ހައްލުކުރުމަށް އީސީން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެންމެ ރަނގަޅު ހައްލެއް ކަމަށް ފުއާދު ދެކެވަޑަައިގަންނަވަނީ، މެމްބަރުންގެ އަދަދަށް ފައިސާ ދޭ އުސޫލުގެ ބަދަލުގައި ޕާޓީތަކަށް ރައްޔިތުން ކުރާ ތާއީދެއް ނުވަތަ އިންތިހާބުތަކުގައި އެޕާޓީތަކަށް ލިބޭ ވޯޓުގެ އަދަދުން ފާޓީތަކަށް ފައިސާ ދޫކުރުމެވެ. އީސީން އަންނަނީ މި އުސޫލަށް ގަވާއިދު ބަދަލުކުރެވޭތޯ މަސައްކަތް ކުރަމުން ނެވެ. 

އެހެންވެއްޖެނަމަ ފައިސާގެ ދަހިވެތިކަމުގައި ޕާޓީތަކުން ވަގުފޯމު ހުށަހަޅާ އާއްމު ރައްޔިތުން “ވަގަށް ނަނގާ” މައްސަލަ ހައްލުވެގެންދާނެ ކަމަށް އީސީން ދެކެވެ.

ތިބާ އޮތީ ކޮން ޕާޓީއެއްގަ ހެއްްޔެވެ؟ ނޫނެކެވެ. “އެއްވެސް ޕާޓީއެއްގަ ނޯންނާނެ” ބުނުވޭކަަށް މިހާރު ނެތެއްނޫން ހެއްޔެވެ. ނިކަން ރަނގަޅަށް ބަލައިލާށެވެ. ކޮންމެވެސް ޕާޓީއެއްގަ ނަން ނެތިދިއުމަކީ ވަރަށް ނާދިރު ކަމެކެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް