އަދާލަތު ޕާޓީއަށް އެފަރާތްތަކަށް ނޭނގި ވައްދާފައިވާތީ އެ މައްސަލަ އާއިލާގެ ފަރާތުން ޕީޕީއެމަށް ހުށައަޅާފައިވާކަމަށް ބުނެ ރޭ އެ ޕާޓީން އާއްމުކުރި ވީޑިއޯއެއްގައި ޝަރީފާ ހުސެއިން ބުނެފައިވަނީ، އެކަން ކޮށްފައިވަނީ އެހެން މީހެއްގެ ފައިގެ ބޮޑުވާ އިނގިލި ބޭނުންކޮށްގެން ކަމަށެވެ.
އޭނާ ބުނީ އެއާއިލާގެ 13 މެމްބަރުންނަކީ ޕީޕީއެމްއަށް ސޮއިކޮށްފައިވާ އެޕާޓީގެ މެމްބަރުން ކަމަށެވެ. ނަމަވެސް މިފަހުން ޕާޓީ ޗެކްކޮށްލިއިރު، އޮތީ އަދާލަތު ޕާޓީގައި ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ އޭނާ ބޭނުންވީ އޭނާގެ އާއިލާގެ މީހުން ނަމުގައި އީސީއަށް ވައްދާފައި އޮތް ފޯމު ހޯދަން ކަމަށާއި، އެކަމަށް އެދުމުން ފުރަތަމަ އީސީން ބުނީ ފޯމު ނުލިބޭނެ ކަމަށް ކަމަށެވެ.
ނަމަވެސް ހުދު ފުއާދުއާއި ވާހަކަދެއްކުމުން ސިޓީއަކުން އެކަމަށް އެދުމަށް އެދުނުކަމަށާއި ފޯމު ވަގުތުން ވަގުތަަށް ދިނުމަށްވެސް އެދުނު ކަމަށެވެ.
ޕީޕީއެމް ބަސް: އަދާލަތުން ކޮށްފައިވަނީ ބޮޑު ވައްކަމެއް، ކޯޓަށް ހުށަހަޅާނަން!
މިކަމާއި ގުޅިގެން ޕީޕީއެމްއިން ބުނީ، އަދާލަތު ޕާޓީން ހުށައަޅާފައިވާ އެފޯމުގައި ގުޅޭނެކަމަށް ބުނެފައިވާ ނަމްބަރަކީ ރަޖިސްޓްރީ ކޮށްފައިވާ ނަމްބަރެއް ވެސް ނޫން ކަމަށާއި، ހެކިންގެ ގޮތުގައި ސޮއި ކޮށްފައިވާ މީހުންގެ ނަމްބަރަށް ގުޅުމުން އެއީ ވެސް އޮޅުވާލައިގެން ލިޔެފައިވާ ނަމްބަރު ތަކެއްކަން ސާފުވި ކަމަށެވެ.
އެއީ ބޮޑު ވައްކަމެއްގެ ގޮތުގައި ސިފަކޮށް ޕީޕީއެމްއިން ވަނީ މައްސަލަ ކޯޓަށް ހުށަހަޅަން ވެސް ނިންމާފައެވެ.
އަދާލަތު ބަސް: ވައްކަމެއް ނުކުރަން ފޯމު ހުށަހަޅަނީ އިޖުރާއަތުގެ ތެރެއިން
މި ތުހުމަތުތަކާއި ގުޅިގެން އަދާލަތުން ބުނީ، އެޕާޓީގެ ދަފްތަރުގައި ހިމެނުމަށްއެދި ޕާޓީއަށް ލިބޭ ހުރިހާ ފޯމެއް އީސީއަށް ހުށަހަޅަމުން އަންނަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.
ޕާޓީއަށް ލިބޭ ފޯމަކީ ސައްހަ ފޯމެއް ނޫންކަން އެގިއްޖެނަމަ ނުވަތަ އެފަދަ ޝަކުވާއެއް ހުށަހަޅާ ޕާޓީގެ ދަފްތަރުން ނަން ނަގަން އެދިއްޖެނަަމަ އެކަން މިިހާރުވެސް ކުރަމުންދާކަމަށް އެ ޕާޓީން ބުންޏެވެ. ނަމަވެސް ތުުހުމަތުތަކާއި ގުޅިގެން ސީދާ އެކަން ތެދުކޮށް އަދި ދޮގެއްވެސް އަދާލަތުން ނުކުރެއެވެ.
އީސީގެ ބަސް: މެމްބަރުން ވަގަަށް ނެގުމުގެ ޝަކުވާ އާއްމު، ނިޝާން ވެރިފައި ކުރެވޭނެ ނިޒާމެެއް ނެތް!
ޕާޓީގެ މެމްބަރުން ވަގަށް ނަގާ ކަމުގެ ޝަކުވާތައް މިފަހުން ޕީޕީއެމްގެ އިތުރުން އެމްއާރްއެމްއިން ވެސް ވަނީ ކޮށްފައެވެ.
އެމްއާރްއެމްއިން އެ ތުހުމަތު އަލަށް އުފެދުނު އެމްއެންޕީއަށް ކުރި އިރު، ޕީޕީއެމްގެ ތުހުމަތު ގިނަ ބޮޑެތި ޕާޓީތަކަށް ރައްދުވެއެވެ. އެޕާޓީން މިފަހުން ވަނީ ޕާޓީގެ 5000 މެމްބަރުން ވަގަށް ނެގިކަމުގެ ތުހުމަތެއްވެސް ކޮށްފައެވެ. އެޕާޓީތަކުގެ ތެރޭގައި އަދާލަތު ހިމެނެއެވެ.
މިމައްސަލާގައި އީސީގެ ރައީސް ފުވާދު ތައުފީގު “ސީއެންއެމް”އަށް ވިދާޅުވީ، އެ ޝަކުވާއަކީ ވަރަށް އާއްމު ޝަކުވާއެއް ކަމަށާއި، އެކަމުގައި އީސީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިގިލީގެ ނިޝާން ވެރިފައި ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުން ކަމަށެވެ.
އެ ނިޒާމު ގާއިމުކުރުމުގައި ބަޖެޓުގެ ތާށިކަން ވަރަށް ބޮޑަށް އެބައޮތްކަމަށާއި، ނިޒާމުގެ ބޭރުންވެސް ފޯމުގެ ސައްހަކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް އީސީން ފަށާފައިވާކަމަށް ފުވާދު ވިދާޅުވިއެވެ.
އެގޮތުން ފޯމު ހުށަހެޅުމުން އެމީހަކަށް އެކަން އަންގަން މެސެޖުކުރުމާއި، ވެބްސައިޓުގައި ނަންތައް އާއްމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.