ads
އަލިމަނިކު ކޯޓުގައި--
ބޮމުގެ ހަމަލާގައި ހައްޔަރުކުރި އަލިމަނިކާއި ގުޅޭ ބިރުވެރި އެތައް ހަމަލާތަކެއް!
މެއި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ދެމީހުންނަކީ ހއ. އަށް ނިސްބަތްވާ ދެމީހެކެވެ. އެއީ ހއ. މުޅަދޫ ބަހާރުގެ، އަބްދުﷲ އަލި މަނިކު، އާއި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް އެވެ.
Advertisement

ފުލުހުން މީގެ ކުރިން ބުނެފައިވާގޮތުގައި އަލި މަނިކަކީ، ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއްގެ އިތުރުން ބޮން ގޮއްވާލި އަދުހަމް ފިލުމަށް އެހީތެރިވެދިން މީހާއެވެ. އަދި ތަސްލީމަކީ، ރައީސް ނަޝީދަކީ ދީނުން ބޭރުވެފައިވާ މީހެއް ކަމަށް ކަނޑައަޅާ މަރާލަންޖެހޭ މީހެއް ކަމަށް ބުނެ، އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް މީހުން ވައްދާ ސެލްއެއްގެ ގޮތުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާ އެވެ. 

އެކުއެކީގައި ކުރިއަށް ގެންދާ މިދެމީހުންގެ މައްސަލާގައި ދައުލަތުން ދެމީހުންގެ މައްޗަށްވެސް ކުރަނީ، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އެވެ.

މިމައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އިންޓެލިޖެންސް ރިޕޯޓް ހެދި ފުލުހުންގެ އޮފިސަރު ހެކި ބަސް ދެމުންވަނީ ހާއްސަކޮށް އަލިމަނިކާއި ގުޅޭ އެތައް ބިރުވެރި ހަމަލާތަކެއްގެ ވާހަކަ ތަފްސީލުކޮށް ކިޔާދީފަ އެވެ.

2007ވަނަ އަހަރު ހިމަންދޫގައި ފުލުހުންނާ ކުރިމަތިލި ހަރުކަށި ފިކުރުގެ "ބޮޑު ހަމަނުޖެހުމުގެ" މޭސްތިރިއެއް

ދައުލަތުން އަލިމަނިކާއި ދެކޮޅަށް ހުށަހެޅި ހެކިވެރިއެއްގެ ގޮތުގައި ކޯޓުގައި ހެކިބަަސްދެމުން ފުލުހުންގެ އޮފިސަރު ވިދާޅުވިގޮތުން، އަލިމަނިކަކީ ދީނީ ހަރުކަށި ފިކުރު ރާއްޖޭގައި ފަތުރާ، އެ ފިކުރަށް ތަބާނުވާ މީހުންނަކީ މުސްލިމުން ނޫންކަމާއި، އެމީހުންގެ މުދަލަށް ގެންލުންދިނުމާއި ފޭރުމަކީވެސް ހުއްދަކަމެއް ކަމަށް ވަކާލާތުކޮށް އެކަމުގައި އިސް ދައުރެއް އަދާކުރާ މީހެއްގެ ގޮތުގައި 2000 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން "ފްލެގް" ވެފައިވާ މީހެކެވެ. 

އެގޮތުން "ހިޖުރަ" ކުރުމުގެ ނަމުގައި  އއ. ހިމަންދޫއަށް ދިރިއުޅުން ބަދަލުކޮށް، 2007 ވަނަ އަހަރު ހިމަންދޫގައި ދީނީ ހަރުކަށި ފިކުރުގެ މީހުން ސަލާމަތީ ބާރުތަކާއި ކުރިމަތިލާ ހިންގި "ހަރުކަށި ފިކުރުގެ ބޮޑު ހަމަނުޖެހުމުގަ" ވެސް އިސްކޮށް އަލިމަނިކު ބައިވެރިވެފަ ވެއެވެ. 

ހިމަންދޫއަށް ސަލާމަތީ ބާރުތަކުން ގޮސް ބަލާ ފާސްކުރަން ފެށީ 2007ވަނަ އަހަރުގެ އޮކްޓޯބަރު ހަ ވަނަ ދުވަހުއެވެ. އެއީ އެއަހަރުގެ ސެޕްޓެމްބަރު މަހު މާލޭ ސަލްޓަން ޕާކުގައި ބޮމެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް ސުވާލުކުރުމަށް ބޭނުންވާ ބަޔަކާ އަދި ވެސް އެހެނިހެން ޖިނާއީ ކުށްތަކުގައި ފިލައިގެން އުޅޭ ބަޔަކު ހިމަންދޫގައި އުޅޭ ކަމަށް ފުލުހުންނަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ނެވެ.

ސަލާމަތީ ބާރުތަކުން އެ އޮޮޕަރޭޝަން ހިންގަމުން ދަނިކޮށް، އެރަށު ހަރުކަށި ފިކުރަށް ނިސްބަތްވާ ކަމަށް ތުހުމަތުކުރެވޭ މީހުންތަކެއް މޫނު ނިވާކޮށްގެން ތިބެ، ލަކުޑިބުރި އާއި ކޮޅުތޫނު ކޮށްފައި ހުރި ދަގަނޑުބުރި އާއި ކަނޑިއާއި އެސިޑާއި ޕެޓްރޯލް ފަދަ އެއްޗެހި ބޭނުންކޮށްގެން ސަލާމަތީ ބާރުތަކަށް ހަމަލާ ދީ ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާ ކޮށްފަ ވެއެވެ.

your imageހިމަންދޫގައި ސަލާމަތީ ބާރުތަކާއި ހަރުކަށި ފިކުރު މީހުން ހިންގި ހަމަނުޖެހުން

އެ މައްސަލާގައި 63 މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން 53 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލިއިރު ހަތް މީހެއްގެ މައްޗަށް ގައިރު ގާނޫނީ އެއްވުމަކުން ބާރު ދިންކުމުގެ ދައުވާ ކުރި އެވެ. އަދި ދައުވާ އުފުލި ބައެއް މީހުނަށް ކުށް ސާބިތުވި އިރު އޭގެ ތެރޭގައި އަލިމަނިކު ހިމެނެއެވެ. އޭނާ އަށް އިއްވީ 10 އަހަރުގެ ޖަލު ހުކެމެެކެވެ.

ނަމަވެސް، ޖަލުން ފިލައިގެން ގދ. ތިނަދޫގައި އުޅެނިކޮށް ފުލުހުން އަތުލައިގަނެގެން ގެނައި މަގުމަތީ ނަމާދުކޮށްލަން ދިން ފުރުސަތެއްގައި ކަނޑަަށް ފުންމާލައިގެން އަނެއްކާވެސް އޭނާ ފިލީ އެވެ. އޭގެ އެއް އަހަރު ފަހުން ސިފަ ބަދަލުކޮށްގެން ތިލަފުށީގައި އުޅެނިކޮށް ފުލުހުން އޭނާ އަނެއްކާވެސް ހައްޔަރުކުރި އެވެ. އެހުކުމް އޭނާ ތަންފީޒުކޮށްގެން 2017ވަނަ އަހަރު މިނިވަންވީ އިރު ހުރީ ދައުލަތުގެ އިމާމެއްގެ ގޮތުގައި ކަމަށް އޭނާ މިއަދު ކޯޓުގައި ބުނެފަ ވެއެވެ.

ހެކިވެރިޔާ ބުނިގޮތުން އެމައްސަލާގައި ހައްޔަރުކުރުކޮށް ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް ލުމުންވެސް ޖަލުގައި އޭނާ ހޭދަކުރި މުއްދަތުގައި އެތަނުގައި ވެސް އެ ފިކުރު ފެތުރުމަށް މަސައްކަތްކޮށް ފައިވެ އެވެ. އަދި މިނިވަންވެ، މާލޭ ސަރަހައްދުގެ ކެފޭތަކާއި، އާއްމު ތަންތަނުގަޔާއި، އޭނާގެ އަމިއްލަ ގޭގެ އިތުރުން މިސްކިތްތަކުގައިވެސް އެ ފިކުރު ފެތުރުމަށް މަސައްކަތް ކޮށްފަވެ އެވެ. 

އަދި ކުށުގެ ވެށިން އަންނަ އެހެން މީހުންގެ ގޭގެއަށް ގޮސް އެފަދަ ގޭގޭގައި ބައްދަލުވުންތައް ބާއްވާ، އެމީހުން އެ ފިކުރަށް ލެންބުމަށް އަލިމަނިކު މަސައްކަތް ކޮށްފަވާކަމަށް ހެކިވެރިޔާ ވިދާޅުވި އެވެ. ހެކިވެރިޔާ އަލިމަނިކު ސިފަކުރީވެސް މީހުން "މޯޓިވޭޓު" ވާނެހެން އިރުޝާދާއި، ކަންކަން ކުރަންވީ ގޮތް ކިޔައިދީ ފިކުރަށް ލެންބުމަށް "ވާހަކަދެއްކުމުގެ ހުނަރު ހުރި މީހެއް" ގެ ގޮތުގަ އެވެ.

ދަރިން ދައުލަތައް ނެގުމުން، ބަދަލުހިފުމަށް 2020ވަނަ އަހަރު 2 ފަތުރުވެރިންނަށް ހަމަލާދިން

ހެކިބަސް ދެމުން ފުލުހުންގެ އޮފިސަރު ވަނީ، އަލިމަނިކުގެ ދަރިން ސްކޫލަށް ވެސް ނުފޮނުވާކަމަށް ވިދާޅުވެފަ އެވެ. އަދި ދަރިންނަށް ވެކްސިން ނުދޭ ކަަމުގެ ތުހުމަތުގައި 2019 ވަނަ އަހަރު ހައްޔަރުކުރެވުނު ކަމަށްވެސް ވިދާޅުވި އެވެ. 

ދަރިން ސްކޫލަށް ނުފޮނުވާކަމަށް އޮފިސަރު ހެކިބަސް ދީ ވާހަކަދެއްކުމުން ކްރޮސް އެގްޒާމިންގައި އަލިމަނިކަށް ހެކިވެރިޔާއާއި ސުވާލުކުރަން ދިން ފުރުސަތުގައި ބުނީ، އޭރު ދަރިން ސްކޫލަށް ނުފޮނުވުނީ، މާލީ ދަތިކަމުގެ ސަބަބުން ކަމަށާއި، މިހާރު ސްކޫލަށް ފޮނުވާކަމަށެވެ. 

އެ ވާހަކަތަކަށް ދިން ރައްދުގައި ހެކިބަސްދެމުން އޮފިސަރު ވިދާޅުވީ، އަލިމަނިކު 2019ވަނަ އަހަރު ހައްޔަރުކޮށް، ދަރިން ދައުލަތަށް ނެނގުމުން ބަދަލު ހިފުމުގެ ރޫހުގައި ޖެހިގެން އައި 2020 ވަނަ އަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދިން ކަމަށެވެ. 

އެހަމަލާއާއި އޭނާއާއި ގުޅޭކަން އެނގެނީ ކިހިނެތްތޯ އަލިމަނިކު ސުވާލު ކުރުމުން އޮފިސަރު ވިދާޅުވީ، އެއީ ބަދަލު ހިފުމުގެ އަމަލެއްކަން އިންޓެލިޖެންސް ސޯސްތަކުން އެއްކުރެވިފައިވާ މައުލޫމާތުން ޔަގީން ކުރެވޭކަމަށެވެ. ނަމަވެސް އެމައުލޫމާތު އެއްކުރެވިފައިވާ ގޮތް ހާމަ ނުކުރެވޭނެ ކަމަށެވެ.

ހުޅުމާލޭގައި ޗައިނާގެ ދެ ޓޫރިސްޓަކާއި އޮސްޓްރޭލިއާގެ ޓޫރިސްޓަކަށް ވަޅިން ހަމަލާ ދީފައިވަނީ، 2020ވަނަ އަަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ މައްސަލައިގައި ހަރުކަށި ފިކުރު ގެންގުޅޭ ކަމުގެ ތުހުމަތު ކުރެވޭ އަށް މީހަކު ހައްޔަރުކުރި ނަމަވެސް ގާނޫނު ބުނާ މުއްދަތުގައި ތަހުގީގުކޮށް ދައުވާ ނުކުރެވިގެން އެމީހުން ދޫވީ އެވެ. 

އޭނާއާއި ދެކޮޅަށް ދައުލަތުން މިހާރު ކޯޓުގައި ކުރިއަށް ގެންދަނީ 2021ވަނަ އަހަރުގެ މެއި މަހު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅޭ އަޑުއެހުންތަކެެވެ. ދެން އޮތް އަޑުއެހުމުގައިވެސް އޮތީ ހެކި ބަސް ނެގުމެވެ. 

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒު މީގެ ކުރިން ވިދާޅުވެފަ ވާގޮތުގައި ނަޝީދު އަވަހާރަކޮށްލަން ރޭވީ އެމަނިކުފާނު ދީނުން ބޭރުވެފައިވާ ކަމަށާއި ލޭ ހުއްދަވެފައިވާ ކަމަށް އަމިއްލައަށް ނިންމައިގެން ނެވެ. އެ ހަމަލާގައި މުޅިން ވެސް ތިބީ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ފިކުރާއި ވިސްނުން ކުރިއަށް ނެރޭ މީހުން ކަން ތަހުގީގުން އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

24%
ކަމުގޮސްފި
48%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް