ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާން އައްބާސް ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެ ރަށް ގިރުމުގެ މައްސަލަ ބޮޑު ވެފައިވާކަމަށެވެ. އަދި އެކަން ދިމާވެފައިވަނީ ހަޅަ ދިގުލައިގެން ދިއުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ރަށުތެރެއަށް ވަރަށް ބޮޑަށް ރާޅު އަރާކަން ފާހަގަ ކުރައްވާ ކުޑަރިކިލު ކައުންސިލްގެ ރައީސް ވިދާޅުވީ، ރަށުގެ ގިރަމުންދާ ހުރިހާ ދިމާލެއް ރައްޔިތުންނަށް ހިމާޔަތް ނުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ހިމާޔަތް ކުރެވޭ ދިމާތަކުގައި ޖަމްބޯ ބޭގް ޖެހުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ކުޑަރިކިލު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް މިހާތަނަށް ޖުމުލަ 35 ޖަމްބޯ ބޭގް އަދި 500 އަށްވުރެއް ގިނަ ވެލި ބަސްތާ ޖަހާފައިވާކަމަށް ކުޑަރިކިލު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކުޑަރިކިލު ކައުންސިލްގެ ރައީސް ވިދާޅުވީ، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގައި ރަށު ރައްޔިތުންނާއި ކައިރި ރިސޯޓް ތަކުގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުން ހަރަކާތްތެރި ވަމުން އަންނަކަމަށެވެ. އަދި އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް ވިދާޅުވި އެވެ.
ފޮޓޯ: ސޯޝަލް މީޑިއާ
އަދި ކުޑަރިކިލު ގިރުމުގެ މައްސަލައާއި ގުޅިގެން މިހާތަނަށް އެންވާރަމެންޓް މިނިސްޓްރީން އެންގީ ގިރާ ސަރަހައްދުގެ ފޮޓޯ ފޮނުވުމަށް ކަމަށް ކުޑަރިކިލު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކުޑަރިކިލު ގިރަމުން އަންނާތީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ރަށު ރައްޔިތުން ވަނީ ރޭ 10:30 ހާއި ހަމައަށް މަސައްކަތް ކޮށްފައެވެ. އަދި މިއަދުވެސް މެންދުރު ފަހުން ފެށިގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކުޑަރިކިލު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.