މައުނައަކީ އެފްއޭއެމް ގެ މައްޗަށް ހިނގާނީ ދިވެހިރާއްޖޭގެ ގާނޫނު ކަމެވެ. ރާއްޖޭގެ ސަރަހައްދުގެތެރޭ ހިންގަން، ގާނޫނު ހަދާ މަޖިލިހުންން ފާސްކުރާ ގާނޫނުތައް ތަންފީޒުކުރުމަކީ ސަރުކާރުގެ ވާޖިބުކަމަށްވީނަމަވެސް، ސަރުކާރުން ދެކެނީ އެފެ.އޭ.އެމް ގެ އެތެރޭގެ ކަންކަން ކުރަންވާނީ "ބޭރުން" ބުނާ ގޮތަށް ކަމަށެވެ. އެއީ ފީފާ އިން ބުނާގޮތަށް ކަމަށެވެ. މިކަން އޮތީ މިހެން ނޫންކަން ދާދި އެހަކަށް ދުވަހު އެނގިގެންދިޔައީ އިންޑިއާގެ ސުޕްރީމް ކޯޓުން، އެގައުމުގެ އެފެއޭ ގެ ޓާމްލިމިޓެއް ދެމެހެއްޓުމުންނެވެ. މިފަދަ އަސާސީ މަފްހޫމްތައް އޮޅުވާލުމަކީ ތަހްޒީބު މުޖުތަމައެއްގައި އައިބު ކަންކަމެވެ. ދެރަވަރު ކަންކަމެވެ. ހުދުމުހުތާރު ކަންކަމެވެ.
ކުޅިވަރުގެ ސިޔާސަތު ސޮއްސާލިތަން އެންމެފަހުން ފެނުނީ ނިމިގެންމިދިޔަ ހަފްތާގައެވެ. 2015/30 ކުޅިވަރުގެ ގާނޫނަށް އިސްލާހުގެނައުމަށް ހުށަހެޅިބިލް އިޖްތިމާއީ ކޮމިޓީންް އެދުނުގޮތަށް، ބޭރުކޮށްލީއެވެ. 15 ޖޫން ވީ ބުދަދުވަހު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަލްއުސްތާޒް ހަސަން ލަތީފް މަޖިލިސް ތަޅުމުގައި ހުށަހެޅުއްވީ އެފްއޭއެމް ގެ އިންތިހާބު ސައްހަކުރެވޭނެ ގޮތެކެވެ. އެހެންނަމަވެސް އެއިސްލާހް 35 ވޯޓުން ބޭރުކޮށްލީއެވެ. 18 ވޯޓުގެ ތާއީދު ލިބުނެވެ. އަނެއް 18 މެމްބަރުންނަށް ފެނިވަޑައިގަތީ ވަރިހަމަ ކަމަށެވެ. މިވީ ގޮތުން، ކުރިއަށް އޮތްތާވެސް، އެފް.އޭ. އެމް ގެ ކޮންގްރެސްތައް ސިއްރު ކުރާނެއެެވެ. ވޯޓް ވެސް އޮޅުވާލާނެއެވެ. ދަރަނި ފޮރުވާނެއެވެ.
ކްލަބްތައް ދަރުވާލުން
ރާއްޖޭގެ ފުޓުބޯޅަ ކްލަބްތައް ދެރީ އެއްނޫނެވެ. ވިކްޓްރީއާއި ނިޔުރޭޑިއަންޓް ވެސް ސިޔާސީ ބޭނުމަށް ދަރުވާލީއެވެ. އެހެންނަމަ ވެސް އެއިރު ނުވިސްނިކަމަކީ، ފުޓުބޯޅަ ކްލަބްތައް އޮތީ އެފްއޭއެމް މެދުވެރިކޮށް، ބައިނަލްއަގުވާމީ ޖަމިއްޔާ، ފީފާ ގެ މެމްބަރުންނަށް ވެފަކަމެވެ. ބައިނަލް އަގުވާމީ މުބާރާތްތަކުގައި ބައިވެރިވެ، ދުނިޔޭގެ ފުޓުބޯޅަ އާއިލާއާ ގުޅި މެހިފައެވެ. އެހެންވީމާ، އެތެރޭގައި ދަރުވާލާފައި ފިލިނަމަވެސް، ބޭރު ކޯޗުންނާއި ކުޅުންތެރިންނަށް ފައިސާ ނުދީ ފިލައިގެން ނުއުޅެވޭނެކަމެއް އެއިރަކު ވިސްނިފައެއް ނެތެވެ. އާދެ، ފީފާ ގެ ރެގިއުލޭޓަރީ ވާޖިބްތައް ފެށެނީ އެފްއޭއެމް ބައިނަލް އަގުވާމީ އިހްތިސާސްގެތެރެއަށް ވަނުމުންނެވެ. ކޮންގްރެސް ސިއްރު ކުރިނަމަވެސް، ފީފާއަކުން އަޅާނުލާނެކަން މިއޮތީ ހާމަކޮށް އެނގޭށެވެ. ބަޖެޓް ސިއްރުކުރިނަމަވެސް ފީފާ އިން އަޅައެއް ނުލާނެކަންވެސް ސާފެވެ. ކޮންގްރެސްއެްގައި ވޯޓުލީގޮތް ހާމަނުކުރިނަމަވެސް ފީފާއަކުން ނުބެހެއެވެ. އެތެރޭގެ ކަންކަން ހުންނަނީ ބޭރުގެ ޖަމިއްޔާތަކުން ބުނާގޮތަކަށް ނޫނެވެ. އެވެރިން ކަންކުރާގޮތަކަށްވެސް ނޫނެވެ. އެކަމަކު އެވެރިންނެއް ނުބެހެއެވެ. އެހެހެންނަމަވެސް، ބޭރު ކޯޗުންނާއި ކުޅުނެތެރިންނާއި މެޗްއޮފިޝަލުންނަށް ދެރީމާ، ފީފާއިން ބެހިއްޖެއެވެ. ކްލަބްތައް ދަރުވާލި މީހުންއަތުން ފައިސާ އަނބުރާ ހޯދުމަކީ އެތެރޭގެ ކަމަކަށްވާތީ ވެންޓިލޭޓަރުތަކެކޭ އެއްގޮތަށް، އެވެރިން ގެއްލުނުނަމަވެސް، ބޭރަށްދަރާފައިވާ ދަރަނި ފަހާ އެންމެފަހުން އައީ ފީފާ އެވެ. ވާނީވެސް އެހެން ނޫންތޯއެވެ. އެތެރޭގެ ދަރަނި ފޮރުވުނުނަމަވެސް ބޭރުގެ ދަރަނިއެއް ނުފޮރުވޭނެއެވެ.
ނިޔު ރޭޑިއންޓް، އާއި ވިކްޓަރީ އަދި އެންމެ ފަހުން އެފްއޭއެމް ވެސް ދެރީއެވެ. ބައިނަލް އަގުވާމީ ކޯޗުންނާއި، ކުޅުންތެރިން ރާއްޖެގެނެސް މުސާރަނުދިނުމުން ފީފާ ގެ ޖޫރިސްޑިކްޝަންގެތެރެއަށް އެފްއޭއެމް ވަނީއެވެ. ރާއްޖޭގެ ކްލަބްތައް ރާއްޖެއިން ބޭރުގައި ވާދަކުރާނަމަ، އެވަދެވުނީ ވެސް ބައިނަލްއަގުވާމީ އިހްތިސާސްގެ ތެރެއަށެވެ. އެހެންނަމަވެސް އިޖްތިމާއީ ކޮމިޓީން ދެކެނީ މުޅިން އެހެން ގޮތަކަށެވެ. އެވެރިން ދެކޭގޮތް، މަޖިލިހަށް ހުށަހެޅި ކޮމިޓީ ރިޕޯޓްގައި ލިޔުއްވާފައިވެއެވެ.
ދެން، މެމްބަރު ހަސަން ލަތީފް ގެވާހަކަފުޅު އަޑުއައްސަވާލާށެވެ.
އެވިދާޅުވާ ބައިނަލް އަގުވާމީ ކުޅިވަރު އިދާރާތަކުން އެތެރޭގެ އިންތިހާބާ ބެހޭގޮތުން ބުނަނީ، އިންތިހާބަށް ނުފޫޒު ފޯރުވިގެން ނުވާނެކަމަށެވެ. ހަސަންލަތީފު އުފައްދަވާ ސުވާލަކީ، އިލްކްޝަން ކޮމިޝަނުން އިންތިހާބެއް ހިންގައިދިނުމަކީ ނުފޫޒުފޯރުވުންކަމުގައި ވާނެތޯއެވެ؟ ހުދު އެމަކިފާނު ވެސް ހޮވި ވަޑައިގެންފައި އެހުންނެވީ އިލްކްޝަންސް ކޮމިޝަނުން ހިންގައިދިން އިންތިހާބަކުންނެވެ. ފީފާއިން އަންނަނީ އޮބްޒާވަރުންނެވެ. އިންތިހާބު ހިންގާ މީހުނެއް ނޫނެވެ. އިޖްތިމާއީ ކޮމިޓީގެ ބައެއް މެމްބަރުންނަށް މިމަފްހޫމް ފަހުމްނުވިނަމަ ވެސް، މިކަން ފަހުމްކުރެވޭ މެމްބަރު ތިއްބެވީ "ފިތިވަޑައިގެންފައި" ކަމަށް ފާހަގަކޮށް، ހަސަން ލަތީފު މިސާލު ވެސް ޖެއްސެވިއެވެ.
ނިޔުރޭޑިއަންޓް އާއި ވިކްޓަރީ ދަރުވާލީ 2015 ވަނަ އަހަރު ފާސްކުރި ކުޅިވަރާބެހޭ ގާނޫނުގެދަށުން ކޮމިޝަނަރް އޮފް ސްޕޯޓްސް އެއް އުފައްދާ، ކުޅިވަރު ކްލަބްތައް ކޮމިޝަނަރްގެ ދަށަށް ގެނައުމަށް ފަހުއެވެ. މިގާނޫނު ވުޖޫދަށް އައުމާއިއެކު، ކުޅިވަރު ކްލަބްތަކުގެ ރަޖިސްޓްރީ، ހޯމް މިނިސްޓްރީން (2003/1 ގެއިމުގެތެރެއިން) ބޭރުކުރިއެވެ. އަދި ކްލަބްތައް ސްޕޯޓްސް މިނިސްޓްރީގެ ދަށަށްގެނެސް، 2015/30 އިން އުފެއްދި ކޮމިޝަނަރއޮފް ސްޕޯޓްސް އާއި ހަވާލުކުރީއެވެ. ކުޅިވަރު ގާނޫނުގެ ދަށުން އެފްއޭއެމް ގެ މައްޗަށް ގާނޫނު ހިންގަން ފެއިލްވެފައިވަނިކޮށް، ދާދި އެހަކަށްދުވަހު އަޕްގްރޭޑްކުރި 2022/3 ޖަމިްއޔާތަކުގެ ގާނޫނުނު މެދުވެރިކޮށް ދެފުއްފެންނަ އިންތިހާބުގެ ނުބާއްވާ ފަރުޖެހޭނެގޮތެއް ހޯދާދީފައެވެ. އެއީ، އެގާނޫނުގެ 11 ވަނަ މާއްދާގެ (ނ) އިން، ކުޅިވަރު ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވޭ ކުޅިވަރު ކްލަބަތަކަކީ އިސްތިސްނާ ޖަމިއްޔާތަކެއްކަމުގައި ބަޔާންކުރުވައިގެންނެވެ.
މައުނައަކީ، ހޯމް މިނިސްޓަރީގައި ހުންނަވާ ޖަމިއްޔާތަކުގެ ރެޖިސްޓަރާގެ ބާރު ނުހިނގާގޮތަށް، 2015 ވަނަ އަހަރުގެ ސިޔާސަތާ އެއްގޮތަށް ކުޅިވަރު ވުޒާރާގެ ސީދާ ކޮންޓްރޯލްގެދަށުގައި ކްލަބްތަކާ އެސޯސިއޭޝަންތައް ދަމަހައްޓަން ނިންމުމެވެ. ކުރިއެކޭ އެއްގޮތަށް، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކުޅިވަރު ދެމެހެއްޓުމުގެ ބޯދާ މަގްސަދުގައެވެ. މިއީ ޑިމޮކްރެޓިކް ގައުމުތަކުގައި ގެންގުޅޭ ސިޔާސަތެއް ނޫނެވެ.
ކޮމިޝަނަރް އޮފް ސްޕޯޓްސް ގެދަށަށް ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތައް ގެނައުމަށްފަހު، ދެން ފެނުނީ ވިކްޓްރީ އާއި ނިޔުރޭޑިންޓް ގެ ހިންގާކޮމިޓީތަކުގެތެރެއަށް ކަމާނުބެހޭ ބަޔަކުވަންތަނެވެ. އިސާހިތަކުން، ވެންޓިލޭޓަރު ތަކެކޭ އެއްފަދައިން އެވެރިންގެއްލިއްޖެއެވެ. އެވެރިން ފިލިއިރު، ކްލަބް އޮތީ ދަރާފައެވެ. ކްލަބް ހިންގުމުގެ ނަމުގައި ވަން "ބައިގަނޑު" ފިލައިގެން ދިއުމުން ކްލަބް ލޯބީގައި ތިބި އިހްލާސްތެރިމެމްބަރުންކޮޅު މަގުމަތިވީއެވެ. ވިކްޓްރީއާއި ހަވާލުވި އާ ހިންގާ ކޮމިޓީ ފަހަތައްޖެހި ފައިސާދެއްކޭވަރުގެ ޗެއާމަނެއް ފައުޅުވެ، މިއަހަރު ދެވަނަ ޑިވިޒަންގައި ކުޅޭނެކަމަށްވެއެވެ. ކްލަބް ކޮޅަށްޖަހަން، ނިޔުރޭޑިއންޑްގެ ސަޕޯޓަރުން ކުރިމަސައްކަތުގައި، މިވަގުތު އުޅެނީ ސަރުކާރުގެ އެހީތެރިކަން ހޯދުމަށް ރައީސްއޮފީހުގެ ސްޓޭޓް މިނިސްޓަރެއް އަރިއަހަށް ޒިޔާރަތްކުރުމުގައެވެ.
ކަން ހިގާ ދިޔަގޮތަކީ ނިޔުރޭޑިއަންޓާ، ވިކްޓްރީ ސަސްޕެންޑްކޮށް، މުބާރާތުން ވެސް ބޭރުކޮށްލީއެވެ. އަދި ހަމަ މިދުވަސްވަރު، ވެލެންސިޔާ ވެސް ބީވެގެންދިޔައީއެވެ. އެ ކްލަބް ވަގަށް ނެގިކަމުގެ ތުހުމަތު، ކްލަބްގެ މުއައްސިސުން ކުރެއެވެ. ކްލަބްތައް ދަރުވާލުމަށްފަހު ގޮނޑިކޮއްކޮ ވެރިޔަކަށް އެސޯސިއޭޝަން ހަވާލުކުރީއެވެ. އެންމެ ފަހުން އެސޯސިއޭޝަނުން ގައުމީ ކޯޗުންނަށް މުސާރަނުދިނުމުން، ކްލަބްތަކެކޭ އެއްގޮތަށް ފީފާ މެދުވެރިކޮށް ފައިސާދައްކަން އެންގީއެވެ. އަމިއްލައަށް ފޭއްސި އިލޮށިގަންޑު އަމިއްލަ ލޮލަށްް ހެރިދާނެތީވެ، ކޮންގްރެސް ސިއްރުކުރަން މަޖުބޫރުވީއެވެ. ރާއްޖޭގެ އެންމެ މަޝްހޫރު ތިން ކްލަބާއި އެކު އެސޯސިއޭޝަން ވެސް އެންމެފަހުން ދެރީއެވެ.
އެފްއޭއެމް ގެ ދައުރު
އެފްއޭއެމް ގެ ދައުރަކީ ރާއްޖޭގެ ގާނޫނީ އިހްތިސާސްގެތެރޭ ފުޓުބޯޅަ ހިންގުމެވެ. ފުޓުބޯޅައަކީ ދަނޑުފޯރީގެ ރޭހުގައި، އެންމެ ގިނަ ސަޕޯޓަރުންގެ ކުޅިވަރަށް ހެދުމެވެ. އެހެންނަމަ ވެސް، އެފްއޭއެމް މިވަނީ މިރޭހުގައި ވެސް ފޭލްވެފައެވެ.
އެފްއޭއެމް އަކީ ސަވަރިން ސަހްސެކެވެ. އެއީ، ރާއްޖޭގެ ނަމުގައި އެކްސްކްލޫސިވިޓީ ދީފައިވާ ޖަމާއަތަކަށް ވާތީއެވެ. ސަރުކާރުގެ އިންޓަރނޭޝަނަލް ގެރެންޓީގެ ދަށުން ފިފާ އިން ވެސް، ރާއްޖޭގެ ގާނޫނުތަކުގެ އިހްތިސާސްގެތެރެއަކަށް ނުވަދެއެވެ. ފީފާއިން އެފްއޭއެމް ގެ އެތެރޭގެ ކަންކަމުގެތެރެއަށް ވަންނަންޖެހިއްޖެ ނަމަ، ވަންނަނީ ހަމައެކަނި ފީފާގެ ބައިނަލްއަގުވާމީ މެންޑޭޓަށް ހުރަސްއެޅޭ ކަމެއް އެފްއޭއެމް އިން ކުރުމުންނެވެ. ބޭރު ކުޅުންތެރިންނާއި، ކޯޗުންނާއި، މެޗް އޮފިޝަލުންނަށް މުސާރަ އާއި އުޖޫރަ ނުދިނީމާ ފީފާއިން ބެހޭނެއެވެ. އެހެންނޫންނަމަ، އެފްއޭއެމް އެތެރޭގެ ކަންކަމާ ފީފާއިން ބެހިއެއް ނުހަދާނެއެވެ. އެފްއޭއެމް ގެ އެތެރޭގެ ކަންކަމަކީ ސަރުކާރުން ބަލަހައްޓަން ޖެހޭ ކަންކަމެވެ. އެކަންކަމަށް ސަރުކާރަށް ލިބިފައި އޮންނަ ވަސީލަތަކީ ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ގާނޫނު ތަކެވެ. ދާދިފަހުން އިންޑިއާގެ އެފެއޭ ގެ ޓާމްލިމިޓް، އެގައުމުގެ ސުޕްރީމްކޯޓުން ދެމެހެއްޓިއިރު، ރާއްޖޭގެ އެފްއޭ ގެރައީސްގެ ޓާމްލިމިޓެއް ނޯވެއެވެ. ދިގު ތިރީސް އަހަރަށް ދެމިގެންދާގޮތަށް ވެރިކަން ބައްޓަންކުރުމުގެ ޝަގާފަތުން އަދިވެސް އަރައެއް ނުގަނެވެއެވެ!
ސަތޭކަ މިލިއްން ރުފިޔާގެ އެފްއޭއެމް، ކޮންގްރެސް ސިއްރުކޮށް، ހަމައިން ނެއްޓި ދަރަނިވެރިވެފައި އެވަނީ ގާނޫނުން ލާޒިމްކޮށްފައިވާ ޖަވާބުދާރީ ކުރުމުގެ އިޖްރާއަތްތައް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ނުހިންގުމުންނެވެ. މިނިސްޓަރަކަށް ވެސް، ކޮމިޝަނަރަކަށް ވެސް އެފްއޭއެމް ޖަވާބުދާރީއެއް ނުކުރެވުނެވެ. އެފްއޭއެމް އޯޑިޓްނުކޮށް، ޖަވާބުދާރީ ނުކުރުވާ، ގޮނޑަށް އެއްލާލުމަކުން ކްލަބްތަކާއި ކުޅުންތެރިންނަށް ކޮލިޓީއެއް، އިތުބާރެއް، އަދި އިންސާފެއް ވެސް ހޯދައެއް ނުދެވޭނެއެވެ.
އެފްއޭއެމް ގެ މައްޗަށް ގާނޫނު ތަމްފީޒު ނުކުރެވުމުގެ ހިތި ނަތީޖާއަކީ، ފީފާގެ ހާއްސަ އެހީއަށް ބޭނުންވާ އެސޯސިއޭޝަންތަކުގެ ލިސްޓަށް އެރުމެވެ. ގައުމީ ކޯޗުންނަށް މުސާރަނުދިނުމުން، ފީފާއިން ނިންމީ، ގަޑިއަށް ފައިސާ ނުދައްކައިފިނަމަ، އަދަބެއްގެ ގޮތުގައި، އެފްއޭއެމް އަށް ދޭ އެހީގެ ފައިސާއިން ކަނޑައެޅޭ އިންސައްތައެއް އުނިކުރުމަށެވެ. މިހާރުވެސް، ފީފާ ވާލްޑްކަޕް ސައިކަލްއަކަށް، އެފްއޭއެމް އަށް 6 މިލިއަން ޑޮލަރު ދެއެވެ.
ސަރުކާރުގެ ސިޔާސަތު
ސަރުކާރުގެ ސިޔާސަތަކަށް މިވީ، ފީފާ ރަންނަމާރިއަށް ހެދުމެވެ. އެވެރިން ބުނާގޮތަށް އެތެރޭގެ ކަންކަން ނުކޮށްފިނަމަ ސަސްޕެންޑް ކުރާނެކަމަށެވެ. ގާނޫނީ ދައުލަތެއް ސަސްޕެންޑްކުރާކަށް ނުޖެހޭނެއެވެ. ރަންނަމާރި އަރާފާނެއޭ ކިޔާ، ކޮންގްރެސް ސިއްރުކޮށް، ނޫސްވެރިން ބޭރުކޮށް، ދޮރުތައް ތަޅުލައިގެން ވޯޓް އޮޅުވަލާ، ދަރަނި ސިއްރުކުރާއިރު ވެސް އެވިދާޅުވާ ބައިނަލްއަގުވާމީ ކުޅިވަރު އިދާރާއަކުން އެތެރޭގެ ކަންކަމާ ބެހޭތަނެއް ނުފެނެއެވެ. އަމިއްލެއަށް ސައްހަ އިންތިހާބެއް ނުހިންގުމުން، އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ހިންގައިދިނުމުން ފީފާއަށް ކީއްތޯއެވެ؟