ads
ރައީސް ފުނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ބިން ހިއްކާ ރަށްރަށުގެ ލިސްޓަށް ފުނަދޫ ލެވޭނީ 2023 ގައި: ރައީސް ސޯލިހް
ރައްޔިތުން އެދިފައި އޮތް ގޮތަށް، ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި ށ. ފުނަދޫ ހިމެނޭނީ އަންނަ 2023 ވަނަ އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުނަދޫ ސްކޫލުގެ ރަންޔޫބިލް މުނާސަބާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ފުނަދޫ ރައްޔިތުން އެންމެ ބޮޑަށް އެދެމުން އަންނަ ދެކަމަކީ ސްކޫލުގެ އޮފީސް އިމާރާތެއް ބިނާކޮށްދިނުމަށާއި، ރަށުގެ އާބާދީ ބޮޑުވަމުންދާތީ، ރަށުގެ ބިން ހިއްކާ ދިނުމަށް ކަމަށެވެ. 

އެކަންކަމުގައި ސަރުކާރުން ގެންގުޅުއްވާ ވިސްނުން ހާމަކުރައްވާ ރައީސް ވިދާޅުވީ، އެކަންކަން ހިމަނަން ގަސްތުކޮށްފަވަނީ އަންނަ 2023 ވަނަ އަަަހަރުގެ ބަޖެޓުގަ ކަމަށެވެ. 

"މިރަށުގެ ކަންކަމަށް ބަލާއިރު، ރަށުގައި ދިރިއުޅޭ އާބާދީ މިދަނީ ދުވަހުން ދުވަހަށް އިތުރުވަމުން. އެއާ ގުޅިގެން ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ބޭނުން އެބަވޭ. އެހެންކަމުން މިރަށުގެ ރައްޔިތުން އެދިފައި އޮތް ގޮތަށް، ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި އިރާދަކުރެއްވިއްޔާ، މި ރަށް ހިމަނައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ މަސައްކަތް އަޅުގަނޑުމެން ފަށާނަން" ރައީސް ވިދާޅުވި އެވެ.

your imageރައީސްއަށް މަރުހަބާ ދެންނެވުމަށް ފުނަދޫ ރައްޔިތުން---

ސްކޫލުގައިވެސް ހައްލުކުރަންޖެހިފައިވާ ކަންކަން އެބަހުރިކަން އެނގިވަޑައިގަންނަވާކަން ފާހާގަކުރައްވާ ރައީސް ވިދާޅުވީ، އޭގެ ތެރެއިން މިހާރުވެސް 15 ކްލާސްރޫމް މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ. އަދި އަމާޒަކީ ޑިސެންބަރު ނިމުމުގެ ކުރިން އެ މަސައްކަތް މުޅިން ނިންމައިލުން ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެންމެ ބޮޑަށް ސްކޫލަށް ބޭނުން ޖެހިފައިވާ އޮފީސް އިމާރާތް ބިނާކުރަން ބެޖެޓު ކުރެވޭނީ އަންނަ އަހަރު ކަމަށް ވިދާޅުވި އެވެ.

"އޭގެ އިތުރުން މި ސްކޫލަށް މިވަގުތު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަމަކީ، ސްޓާފް ރޫމެއް ހިމެނޭ ގޮތަށް އޮފީސް ޢިމާރާތެއް ބިނާކުރުން. އިރާދަކުރެއްވިއްޔާ އެކަންވެސް ކުރިއަށް އޮތް އަހަރު ބަޖެޓުގައި ހިމަނައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާނަން" ރައީސް ސޯލިހު ވިދާޅުވި އެވެ.

އޭގެ އިތުރުން މިހާރުން މިހާރަށް ގޮތްތަކެއް ހޯދަންޖެހިފައި އޮތް އެންމެ ބޮޑު އެއް ކަމަކީ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެއީ އަވަސް ހައްލެއް ހޯދަން ޖެހިފައި އޮތް ކަމެއް ކަމަށް ގަބޫލުކޮށް، ލަސްތަކެއްނުވެ ވީހާވެސް އަވަހަށް އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިދޭނެކަމަށެވެ.

ރަށުގައި ތިބެ ސިއްހީ ހިދުމަތް ކައިރިން ރަނގަޅަށް ލިބޭނެގޮތް ހޯދައިދިނުމަކީ ވެސް، އަމާޒެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އެ މަސައްކަތުގެ ތެރެއިން، ހޮސްޕިޓަލަށް ބޭނުންވާ އާ އިމާރާތް ބިނާކުރުމުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ކުރިއަށް ގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ފުނަދޫގައި މީހުން އާބާދުވަމުން އައިގޮތް

ފަޅުރަށެއްގެ ގޮތުގައި އޮތް ފުނަދޫ އަކީ މިހާރު ށ. އަތޮޅު ވެރިކަން ކުރާ ރަށެވެ. ފުނަދޫގައި މީހުން އާބާދުވާން ފަށާފައިވަނީ 1968ވަނަ އަހަރު ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެންނެ އެވެ. އެއީ ށ. ޅައިމަގުން، އަތޮޅު އޮފީސް ފުނަދޫއަށް ބަދަލު ކުރެއްވުމާއި ގުޅިގެން ނެވެ. ކުރިން ފުނަދޫ އަށް ކިޔަމުންއައި ނަން (ފަރުކޮޅުފުނަދޫ) "ފުނަދޫ" މިނަމަށް ބަދަލުކުރައްވާފައިވަނީ 12 މާރިޗް 1995ގަ އެވެ.

ސަރުކާރުން ހިންގެވި އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެދަށުން އެރަށަށް އެ އަތޮޅުގެ ނުވަ ރަށަކުން މީހުން ބަދަލުވެފައިވެ އެވެ. އޭގެ އިތުރުން އެއަތޮޅު ފިރުބައިދޫގެ ހުރިހާމީހުން އެރަށަށް ބަދަލުކޮށް 19 އޮގަސްޓް 2004ގައި ފިރުނބައިދޫއަކީ ފަޅުރަށެއް ކަމުގައި ސަރުކާރުން ހަމަޖެއްސެވި އެވެ. 

ދިގުމިނުގަ 2350 މީޓަރު ހުންނަ ފުޅާމިނުގައި 450 މީޓަރުގެ ފުނަދޫގެ ބޮޑުމިނަކީ 78 ހެކްޓަރެވެ. މިހާރު އެ ރަށުގެ އާބާދީއަކީ 2715 އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް