ads
ނަޑާލް 2008 ވަނަ އަހަރު ވިމްބްލްޑަން ޓްރޮފީއާއެކު
ވިމްބަލްޑަންގައި ކުޅެން ނަޑާލް ތައްޔާރުވަނީ
މި މަހުގެ ފަހުކޮޅު ފެށޭ ވިމްބަލްޑަން ޓެނިސް މުބާރާތަށް ތައްޔާރުވަމުން އަންނަ ކަމަށް އަނިޔާއަށް ފަރުވާ ހޯދަމުން އަންނަ ސްޕެއިންގެ ރަފެއަލް ނަޑާލް ބުނެފިއެވެ.

މިއަހަރު އޮސްޓްރޭލިއަން އޯޕަން އަދި ފްރެންޗް އޯޕަން ކާމިޔާބު ކުރި ނަޑާލް އައީ އޭނާގެ ފަޔަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުންނެވެ. ނަޑާލް ބުނީ މިހާރު ފައިގެ އަނިޔާ ރަނގަޅުވެފައިވާ ކަމަށާއި އެހެންނަމަވެސް މުބާރާތުގައި ކުޅުމާމެދު އެންމެ ފަހުގެ ނިންމުމެއް ނިންމާނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ޕްރެކްޓިސްތަކަށް ފަހު ކަމަށެވެ.

އުމުރުން ތިރީސް ހަ އަހަރުގެ ނަޑާލް އަންނަ ހޯމަ ދުވަހު ލަންޑަނަށް ދަތުރު ކުރުމަށްވަނީ ނިންމާފައެވެ. އަދި ލަންޑަނުގައި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޕްރެކްޓިސްތަކާއެކު އެގްޒިބިޝަން މެޗުތަކެއް ކުޅުމަށް ފަހު ވިމްބްލްޑަންގައި ކުޅުމާމެދު އޭނާ ގޮތެއް ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ވިމްބްލްޑަން މުބާރާތް ފެށޭނީ މި މަހުގެ ހަތާވީސްވަނަ ދުވަހުއެވެ.

ބާވީސް ގްރޭންޑް ސްލޭމް ކާމިޔާބުކޮށް، ތޭވީސްވަނަ ގްރޭންޑް ސްލޭމަށް ތައްޔާރުވަމުން އަންނަ ނަޑާލްވަނީ ދެހާސް އަށްވަނަ އަހަރު އަދި ދެހާސް ދިހަވަނަ އަހަރު ވިމްބްލްޑަން މުބާރާތް ކާމިޔާބުކޮށްފައެވެ. އޭނާ އެންމެ ފަހުން ވިމްބްލްޑަން ކުޅުނީ ދެހާސް ނަވާރަވަނަ އަހަރުއެވެ. ދެހާސް ވިހިވަނަ އަހަރު ކޮވިޑާހެދި މުބާރާތް ކެންސަލް ވެފައިވާއިރު، ދެހާސް އެކާވީސްވަނަ އަހަރުގެ މުބާރާތުގައި އަނިޔާގެ ސަބަބުން ނަޑާލްއަކަށް ނުކުޅެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް