ads
ފޮޓޯ އިން ސައިޓްސް: --
ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯއަކީ ސޮދަގާތެއްބާ ނޫނީ ސުންޕާކަމެއްބާ؟
ޕާކިސްތާންގެ ގަވަދާރް ބަނދަރު ސަރަހައްދުން ފެށިގެން ޗައިނާގެ ހަމަނުޖެހުން ބޮޑު ޝީޖިއާންގ ޕްރޮވިންސްއާ ގުޅުވާލަދޭ، ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯއަކީ ހަމައެކަނި ދެގައުމުގެ ދެމެދު ހަކަތަ ބަދަލުކުރުމަށް ހިންގާ މަޝްރޫއެއް ނޫނެވެ.
Advertisement

މިއީ އޭގައި އިންފްރާސްޓްރަކްޗަރގެ އެތައް މަޝްރޫއެއް ހިމެނޭ މަސައްކަތެކެވެ. މަގުތަކާއި ރޭލްވޭއާއި ހަކަތަ އުފައްދާ ޕަވަރ ހައުސްތަކާއި ޚާއްސަ އިގްތިސާދީ ސަރަހައްދުތައް އެކުލެވޭ މިމަޝްރޫއަކީ، ބޮޑެތި އަދަދުން އިންވެސްޓްމެންޓް އޭގައި ހިމެނޭ މަޝްރރޫއެކެވެ. ޗައިނާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެފަރާތުން މި ކޮރިޑޯގެ މަޝްރޫއުތަކަށް 62 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރާނެއެވެ. މިއަދާހަމައަށް މި މަޝްރޫއުތަކަށް ވިއްސަކަށް ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާކަމަށް ވެއެވެ. 

މިއީ ޗައިނާއިން ހުވަފެންދެކޭ ދުނިޔެ ވަށާލުމުގެ މަޝްރޫއުކަމުގައިވާ ބެލްޓް އެންޑް ރޯޑް މަޝްރޫޢުގެ ވަރަށް މުހިންމު ބައެކެވެ. މި ވަރުގެ ބިޔަ މަޝްރޫޢެއްގައި ދެ ގައުމަށް އޮތީ ކޮންކޮން ފައިދާތަކެއްތޯ ކޮންމެ މީހަކު ހިތާ ހިތާ ސުއާލުކޮށްލާނެއެވެ. 

ޗައިނާއަށް މިއިން އޮތް ފައިދާއަކީ އަރަބި ކަނޑުން އަންނަ ތެލާއި ގޭހުގެ ޕައިޕްލައިންތައް ޗައިނާއާ ގުޅާލުމެވެ. ޗައިނާގެ ވިސްނުމަކީ މަލަކާ ކަނޑުއޮޅިއާ ނުލައި މީހުންނާއި މުދާ ޗައިނާއަށް އެތެރެކޮށް ބޭރުކުރެވޭނެ ގޮތެއް ފަހިވެފައި އޮތުމެވެ. މިޔަންމާގައިވެސް ޗައިނާއިން ދަނީ މިވިސްނުމުގައި މަޝްރޫއުތައް ހިންގަމުންނެވެ. 

މިފަދަ ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނަ ފަދައިން މިމަޝްރޫޢުއުގައިވެސް އޭގެ ހަމަނުޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ، ގަވާދާރްއިން ޝީޖިއާންގއަށް ގުޅާލާ ގުޅާލުމަކީ އެންމެ އެދެވޭ މުނާސިބު ކަންކަމުގައި ނުވުމެވެ. އެއްގަމުން ތެޔޮ އުފުލުމަކީ މުނާސިބު ކަމެއްކަމަކަށް ނުބެލެވެއެވެ. އެއީ ކަނޑުން ތެޔޮ އުފުލުމަށްވުރެން އެއްގަމުން ތެޔޮ އުފުލުމަކީ ހަ ގުނައަށް ހޭދަ ބޮޑު މަސައްކަތެކެވެ. އަދި މީގައި އެހެން ކަމެއްވެސް ވެއެވެ. އެއީ ގަވާދާރް ޕޯޓަކީ ބަނދަރެއްގެ ހައިސިއްޔަތުން އެކަށީގެންވާ ތަނެއް ނޫނެނެވެ. މިތަން އެންމެ ރަނގަޅަށް ސިފަ ކުރެވޭނީ މިއީ ޗައިނާ ސިފައިން ޗައިނާއިން ބޭރުގައި ސްޓޭޝަންވެގެން ތިބުމަށް ހަދާފައިވާ އަސްކަރީ މަރުކަޒެއްގެ ގޮތުގައެވެ. 205ގައި ހޯދާފައިވާ ޚިޔާލު ހޯދުމަކުންވެސް ދައްކައިދެނީ މީހުންގެ އާމްދަނީއާއި ދިރިއުޅުން ބިނާކުރުމަށް ގަވާދާރްގައި ބަނދަރެއްހަދައިގެން ފައިދާއެއް ނުނިކުންނާނެކަމަށެވެ. ބަލޯޗް ހަނގުރާމަވެރިން ކަރާޗީގައި ޗައިނާ ކޮންސިއުލޭޓަށް 2018 ނޮވެންބަރުމަހު ދިން ޓެރަރިސްޓް ހަމަލާއިން ދައްކައި ދެނީ ބަލޯޗް މީހުން ތިބީ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯއާ ދެކޮޅަށް ކަމަށެވެ. 

ބެލްޓް އެންޑް ރޯޑް މަޝްރޢުއުގެ ދަށުން ހަދާ މަގުތަކާއި ރޭލްވޭއަށް ބަލޯޗް މީހުން ޓެރަރިސްޓް ހަމަލައެއް ނުދީފާނެ ކަމުގެ އޮތީ ކޮންގެރެންޓީއެއް ބާވައެވެ. މިދިޔަ ތަނުގައިވެސް ބަލޯޗް މީހުން ޗައިނާމީހުންނަށް އެތަކެއް ހަމަލައެއް ދީފައި ވެއެވެ. މި ހުރިހައި ހަމަލައެއް އަމާޒުކޮށްފައިވަނީ ގަވާދާރް ޕޯޓް އެރީގައެވެ. މި މައްސަލައާ ހެދި ޗައިނާއިން ކުރިމަތިކުރި ފިއްތުންތަކާހެދި ޕާކިސްތާން ސިފައިން ވަނީ މިތަންތަނާގައި ރައްކާތެރި ފިޔަވަޅު އެޅުމަށް ޚާއްސަ ސަލާމަތީ ފައުޖެއް އުފައްދާފައެވެ. މިއީވެސް ބަލޯޗް މީހުން ލޭކައްކުވާލާ ޒާތުގެ ކަމެކެކެވެ. ބަލޫޗިސްތާން ލިބަރޭޝަން އާމީއިން ދަނީ ވަކިވެގަތުމުގެ ހަރަކާތެއް ހިންގަމުންނެވެ. މިމީހުންނަކީ ޕާކިސްތާން ސަރުކާރަށް އޮތް ގޮންޖެހުމެކެވެ. މިމީހުންނަކީ އަދަދުގެ ގޮތުން މަދު ބައެކެވެ. ނަމަވެސް ހަމަލާތައް ދިނުމުގައި ރަހުމުކުޑަ ޓެރަރިސްޓް ޖަމާއަތެކެވެ. 

ޗައިނާއިން ވަނީ ބަލޫޗިސްތާން ލިބަރޭޝަން އާމީއަށް ވާހަކަތަކަށް އައުމަށް ދޮރެއް ހުޅުވާފައެވެ. 2018 ވަނަ އަހަރުގެ ފެބްރުއަރީމަހު ޗައިނާއިން ވަނީ މިމީހުންނާ ވާހަކަ ދައްކައި އެއްބަސްވުމަކަށް އާދެވޭތޯ ބަލާފައެވެ. ނަމަވެސް މިއިން ފައިދާއެއް ކޮށްފައެއް ނުވެއެވެ. މިއިން ދޭހަވާ އެހެން ކަމެއްވެސް އެބައޮތެވެ. ޗައިނާއިން ޗައިނާގެ މަޝްރޫއުތައް އޮމާންކަމާއެކު ހިންގުމަށްޓަކައި ކޮންމެހެން ޕާކިސްތާން ސަރުކާރަށް އެކަނި ބަރޯސާކޮށްގެން ނޯންނާނެ ކަމެވެ. 

ޕާކިސްތާނުން ބަލޯޗް ދަރިކޮޅުގެ މީހުނާ އަޅާލާން އެބަޖެހެއެވެ. އެމީހުންގެ ފަގީރުކަން ނައްތާލައި އިގްތިސާދީ ގޮތުން އެމީހުނަކީ ފުދުންތެރި ބައެއްކަމުގައި ހެދުމަށް ފުރުސަތުތައް ފަހިކޮށްދޭން އެބަޖެހެއެވެ. މިއީ ޕާކިސްތާންގެ އެންމެ ބޮޑު ޕްރޮވިންސެވެ. އެހެންނަމަވެސް މިތާގައި އުޅެނީ އާބާދީގެ ހަތަރެއް އިންސައްތައެވެ. ޕަންޖާބް ޕްރޮވިންސްފަދަ ތަނަކާ ބަލޯޗިސްތާނާ ދެމެދު ފަރަގު އިންތިހާއަށް ބޮޑެވެ. ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވިސްނަވާފައި އޮތީ ބަލޫޗިސްތާން ތެރޭން ޗާއިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ ދިއުމުގެ ބަދަލުގައި ޕަންޖާބް ތެރޭން ލައިގެން ގެންދިއުމަށެވެ. 

ޗައިނާއިން މި މަޝްރޫއަށް ގިނައަދަދަކަށް ފައިސާ އަޅަމުން ދިޔަނަމަވެސް މަސައްކަތް ހިނގަނީ ވަރަށްވެސް ލަސްކޮށެވެ. އަދި މިހުރިހައި ކަމަކުން ޗައިނާއަށް ލިބޭ މަންފާވެސް ކުޑައެވެ. މިފަހަކަށް އައިސް ޗައިނާއިން ވަނީ މިމަޝްރޫއަށް ގެނައި ބަރު މެޝީންތައް އަނބުރައި ޗައިނާއަށް ގެންދަން ފަށާފައެވެ. ޗައިނާއިން ޕާކިސްތާގައި ގެންގުޅޭ އިގްތިސާދީ އިންވެސްތްމެންޓް މޮޑެލްއިން ދައްކައި ދެނީ ޕާކިސްތާން ދަރަނިވެރިވަމުން ދާތަނެކެވެ. މިކަން ވަނީ އިންޓަރނޭޝަނަލް މަނިތަރީ ފަންޑްގެ ސަމާލުކަމަށްވެސް އައިސްފައެވެ. 

ޕާކިސްތާންގެ ހީނަރުވެފައިވާ އިގްތިސާދު ދިރުވުމަށް އައިއެމްއެފްއިން ދީފައިވާ ލޯންގެ ޝަރުތަކީވެސް މިފަދަ ދަރަނިން ޕާކިސްތާން ސަލާމަތް ވުމެވެ. މިދިޔަ އަހަރުތަކުގައި ޕާކިސްތާން ބަރޯސާ ކުރި ބޮޑު ބާރަކީ އެމެރިކާއެވެ. މިހާރު ހުރިހައި ގޮތަކުންވެސް އެމެރިކާ ދޫކޮށް ޕާކިސްތާން ވަނީ ޗައިނާގެ އުނގަށް ވެއްޓިފައެވެ. އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުންވެސް އެމެރިކާއަށް ވުރެން ޗައިނާއާ މިއަދު ޕާކިސްތާން މާގާތެވެ. 

މީގެ ސަބަބުން އެމެރިކާއިން އަފްޣާނިސްތާންގައި ހަރަކާތެރި ވުމަށްވެސް ވޮޝިންޓަނަށް އުނދަގޫތަކާ ކުރިމަތިވެފައި ވެއެވެ. ޗައިނާއިން ހިތުއަޅައިގެން އުޅޭ އެހެން ކަމެއްވެސް އެބަ އޮތެވެ. ޗައިނާއިން ބޭނުންވަނީ، ދެކުނު އޭޝިއާގެ ސަރަހައްދަށް ވަދެގަންނާށެވެ. 

އަފްޣާނިސްތާންގައި އެމެރިކާއަށް ޗައިނާގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ހެދި އެމެރިކާއިން ވަނީ ފާޅުގައި ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯއަށް ފާޑުކިޔަން ފަށާފައެވެ. އެމެރިކާގެ މަސްއޫލުވެރިން ފާޅުގައި ވިދާޅުވަމުން ދަނީ މި މަޝްރޫއުގައި މަސައްކަތް ޙަވާލުކުރުމުގައި އެއްގޮތަކަށްވެސް ދެފުށް ފެންނަ ގޮތެއް ނެތްކަމަށެވެ. އަދި މިއިން ޕާކިސްތާން ބޮޑު އަދަދަކުން ދަރަނިވެރިކޮށްލާނެ ކަމަށެވެ. އަދި މީގައި އުޅޭ ގިނަ ކުންފުނިތަކަކީ އެކިއެކި މައްސަލަތަކުގައި ދުނިޔޭގެ ބޭންކުން ބްލެކްލިސްޓް ކޮށްފައިވާ ކުންފުނިތަކެވެ. 

ކުރިމަތިވެފައިވާ އުނދަގޫ ހާލަތު ޗައިނާއަށްވެސް ވަޒަން ކުރެވެއެވެ. އަނެއްކޮޅުން ޕާކިސްތާންގެ އިގްތިސާދު ވަޅުޖެހިފައިވާކަންވެސް ޗައިނާއަށް ރަނގަޅަށް އިހުސާސް ކުރެވެއެވެ. ޕާކިސްތާންގައި އިންވެސްޓް ކޯށްފައިވާ ކުންފުނިތަކުން ބޭނުންވަނީ ފައިދާ ލިބިގަންނާށެވެ. ނަމަވެސް ޕާކިސްތާންގެ އިގްތިސާދީ މަސްރަހު އޮތީ މިހެން ވާގޮތަކަށް ނޫނެނެވެ. 

މިހުރިހައި ކަމެއްގެ އަލީގައި ޕާކިސްތާނާއި ޗައިނާއަށް ބޮޑު މަންޒރު ވަރަށް ސާފުކޮށް ފެނެއެވެ. ކުރިން ހީކުރި ގޮތާ ޚިލާފަށް ކަންކަން ފެންނަނީ ދެފަރާތަށްވެސް ފަހިކޮށެއް ނޫނެނެވެ. ޗައިނާއިން ދީފައިވާ ލޯންތަކާއި ހިލޭއެހީގެ ފައިސާއިން ޕާކިސްތާން ވަނީ ބޮޑު ދަރަންޏެއްގެ ތެރެއަށް ގަންބާލާފައެވެ. 

ތާރީޚަށް ބަލައި މިހާރު ހިތަށް ގެންނަންވީ، އަރަބި ކަނޑަށް އެއްގަމު މަގުން ފޯރުމަށްޓަކައި ކުރީގެ ރޫސީވިލާތުން ކުރިމަސައްކަތެވެ. އެމީހުން އަފްޣާނިސްތާނަށް އަރައި އެތަން އެމީހުންގެ ބާރުގެ ދަށަށް ނުގެނޭ ހެއްޔެވެ؟ މިކަމުގެ ނަތީޖާ އަދިވެސް، މިޖީލުންވެސް އެއޮތީ ފެންނާށެވެ. ޗައިނާއިންވެސް މިއިން އިބްރަތް ލިބިގަންނާނެނަމަ ކިތަންމެ ހާވެސް ރަނގަޅެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް