ads
ހޮޅުމީދޫ--
ހޮޅުދޫގައި އަޅަން ނިންމި 30 ހައުސިން ޔުނިޓް، ހޮޅުމީދޫ އަށް!
ނ. ހޮޅުދޫގައި އަޅަން ސަރުކާރުން ނިންމާފައި އޮތް 30 ހައުސިން ޔުނިޓް، އެރަށުގެ ބައެއްގެ ގޮތުގައި ވަރަށް ފަހުން ސަރުކާރުން ހަމަޖެއްސި ހޮޅުމީދުއަށް ބަދަލުކޮށް، އެ ރަށް އާބާދުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެެވެ.

ނ. ހޮޅުދޫ މޭނާ ސްކޫލްގެ އަލިމަސް ޔޫބީލް ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، ހޮޅުދޫގެ ބޯހިޔާވަހިކަމުގެ މައްސަލައާއި ބެހޭގޮތުން ރޭ ރައީސް ސޯލިހު ވިދާޅުވީ، އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަކީ އަވަހަށް ހައްލު ހޯދަންޖެހިފައި އޮތް ކަމެއް ނަމަވެސް ހޮޅުދޫގެ ފަޅުގައި ޖާގަ ނެތުމުން ބިން އިތުރަށް ހިއްކެން ނެތްކަމަށެވެ. 

އެހެންކަމުން ހޮޅުދޫގެ ހައުސިން ޔުނިޓް ހޮޅުމީދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމީ އެގޮތަށް ހޮޅުދޫ ރައްޔިތުންވެސް ބޭނުންވާތީ ކަމަށް ވިދާޅުވި އެވެ. 

"މި ރަށުގެ ފަޅުގައި ޖާގަ ނެތުމުން މިރަށުގެ ބިން އިތުރަށް ހިއްކޭކަށް ނެތް. މިރަށުގެ ރައްޔިތުން ބޭނުންވަނީ، މި ރަށުގައި އަޅަން ސަރުކާރުން މިވަގުތަ ނިންމާފައި އޮތް 30 ހައުސިން ޔުނިޓް، މިރަށުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަޖެއްސި ހޮޅުމީދުއަށް ބަދަލުކޮށް، އެ ރަށް އާބާދުކުރަން. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން އެގޮތަށް ކޮށްދޭނަން. އަދި އެރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ވެސް ހަމަ އެއާއެކުގައި ގާއިމުވެގެންދާނެ" ރައީސް ސޯލިހު ވިދާޅުވި އެވެ.

ހޮޅުދޫގެ އިހްތިސާސްގެ ތެރެއަށް ހޮޅުމީދޫ ސަރުކާރުން އިތުރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެކަން ކުރައްވާ އެފަހަރު ރައީސް ނެރުއްވި ގަރާރުގައި ވަނީ އެ ބަދަލަކީ ގެންނަން ޖެހޭ ބަދަލެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.  

ހޮޅުދޫ އާއި 750 މީޓަރު ދުރުގައި އޮންނަ ހޮޅުމީދޫ އަކީ 28 ހެކްޓަރު ބިމެއް އޮންނަ ފަޅު ރަށެކެވެ. ހޮޅުދޫގައި ބިން ދަތިވުމުގެ މައްސަލަތައް ކުރިމަތިވާތީ ދިރިއުޅުމަށްޓަކައި ހޮޅުމީދޫ ކަނޑައަޅައިދީ ހޮޅުދޫގެ އިހުތިސާސްގެ ތެރެއަށް ހޮޅުމީދޫ ވައްދަދޭން ހޮޅުދޫ ރައްޔިތުން ވަރަށް ކުރިންސުރެ އައީ އެދެމުންނެވެ. 

އެކަން އެހެން ނުވެ އޮތީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނުގައި، ރަށެއްގެ ކައުންސިލްގެ އިހްތިސާސަކީ އެ ރަށާއި އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރު ކަމަށް ބުނާތީ އެވެ.

ނަމަވެސް މި ސަރުކާރުން، ރައީސް އަށް ލިބޭ އިހުތިޔާރުގެ ދަށުން ހޮޅުމީދޫ ހޮޅުދޫ އިހްތިސާސްތެރެއަށް ވެއްދުމުން މިހާރު އެރަށަކީ ހުޅުމީދޫގެ ބައެކެވެ. ރައީސްގެ ވިސްނުންފުޅަކީ ހޮޅުމީދޫ އާބާދުކުރުމެވެ. ހޮޅުމީދޫގެ ބިމުގެ ބޮޑުމިނަކީ 28.3 ހެކްޓަރެވެ. 

ދިގުމިނުގައި, 630 މީޓަރު އަދި ފުޅާމިނުގައި 380 މީޓަރު ހުންނަ ހޮޅުދޫގެ ބިމުގެ ބޮޑުމިނަކީ 21.00 ހެކްޓަރެވެ. ހޮޅުދޫގެ ޖުމްލަ އާބާދީއަކީ، 2،218 އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް