ads
އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ، އަދި ރައީސް ސާލިހް
އާންމު ސިޓީ: ރަށުން ބޭރުގައި މަސައްކަތް ކުރާ ޕްރިންސްޕަލުން ނިކަމެތި
ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަށް' ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.
Advertisement

ދިވެހި ރާއްޖޭގެ ތައުލީމު އަތޮޅު ތެރެއަށް ފެތުރިގެން ދިޔައިރު ތައުލީމީ ދާއިރާ އަކީ ވަރަށް ޤަދަރުވެރި އަބުރުވެރި ދާއިރާއެކެވެ. އެއަގު ހިފެހެއްޓަމުން ދިޔައިރު އެ ގަދަރު ހިފެހެއްވުމަށް ސަރުކާރުން ވަރަށް ބޮޑު ބާރެއް އަޅުއްވަމުން ގެންދަވާފައިވެ އެވެ. ތައުލީމީ ދާއިރާގެ މީހުންގެ އަގު ނުވެއްޓޭނޭހެން ގިނަކަންތައްތަކެއް ކުރައްވާ އެފަރާތްތަކުގެ އަބުރުވެރިކަން ދަމަހައްޓަވަންވެސް ސަރުކާރުން ރައްޔިތުންނަށް އެއްބާރުލުން ދެއްވިއެވެ. އެގޮތުން ފާހަގަ ކުރެވޭ އެއްކަމެއް މަނިކުފާނަށް ހުށަހަޅާލަން ގަސްދު ކުރަމެވެ.

އަތޮޅުތަކުގައި ތައުލީމީ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށްޓަކައި 1978ގައި އިނގިރޭސި ވިލާތުން ހެޑްމާސްޓަރުން ތަމްރީނު ކުރެވުނެވެ. އެފަރާތްތަށް ފޮނުއްވެވީ އަތޮޅު މަރުކަޒުތަކަށެވެ. މިމަރުކަޒުތަކުގައި އެބޭފުޅުންނަށް އެކޮމެޑޭޝަން ހަމަޖެހިފައި ހުއްޓެވެ. ސްކޫލުން މަސައްކަތު މީހަކު ދީފައި ހުރެއެވެ. މީ ސީދާ ހެޑްމާސްޓަރު ގެއަށް ކަނޑަ އަޅާ ފައި ހުންނަ މީހެކެވެ. ކޮންމެ އަހަރަކު ޗުއްޓީގައި އަމިއްލަ ވަޒަނަށް ދިއުމަށް ސަރުކާރުން ދަތުރު ޚަރަދު ދެއްވައެވެ. މިބީދައިން 1985ގައި ސަރުކާރުގެ ސްކޫލްތަކަށާއި ބައެއް އަމިއްލަ ސްކޫލްތަކަށް ހެޑްމާސްޓަރުން ފޮނުއްވުނެވެ. 2005ވަނަ އަހަރު ރައްޔިތުންގެ ސްކޫލްތައް ސަރުކާރުގެ ސްކޫލް ތަކަށް ބަދަލު ކުރެވުނެވެ. މިދުވަސް ތަކުގައި ސްކޫލް ގޯތިތެރޭގައި އެކޮމެޑޭޝަން ހަމަޖެހިފައި ނެތް ސްކޫލްތަކަށް ފޮނުވުނު ހެޑްމާސްޓަރުންނާއި ޕްރިންސިޕަލުންނަށް ގެ ކުއްޔަށް ހއްިޕަވައި ހުރިހާ ޚިދުމަތްތަކެއް ސަރުކާރުން ފޯރުކޮށް ދެއްވެވިއެވެ.

މީގެ 44 އަހަރު ކުރިން 1978އިން ފެށިގެން ސަރުކާރުން ހަމަޖައްސަވާފައި ހުރި މަސައްކަތު މީހާ 2011 ވަނަ އަހަރު ވަނީ ހުއްޓަވާލައްވަވާފައެވެ.

މިއީ ޕްރިންސިޕަލުން ނިކަމެތިވެގެން ދިޔަ ކަމެކެވެ. ހެނދުނު 6:45ގައި ގިނަ ސްކޫލްތަށް ފެށޭއިރު ޕްރިންސިޕަލް ހެނދުނު 06:00 ނުވަތަ 06:30އަށް ލަސްވެގެ ސްކޫލްއަށް ދެއެވެ. އަދި ދެން ގެއަށް ދެވެނީ މެންދުރު އަސްރު ނަމާދުގަޑިއަށް ނުވަތަ އެއަށްވުރެ ލަސްވާފަހުންނެވެ. ގެއަށް އައިސް އުޅެލުމަށް ލިބެނީ ކުޑަ ވަގުތު ކޮޅެކެވެ. ގިނަ ސްކޫލް ތަކަކީ 2 ދަނފަޅިއަށް ހިންގާ ސްކޫލް ތަކެވެ. އެއް ދަންފަޅިއަށް ހިންގި ކަމުގައި ވިޔަސް މެންދުރުފަހު ރޭވިފައި ހުންނަ ހަރަކާތްތަކަށް ހަވީރު ދާންޖެހޭނެ އެވެ. ގެއަށް އައިސް ލިބޭ ވަގުތު ކޮޅުގައި މެންދުރަށް ކައްކާ ކައި ތަށިތަށް ނަގާ  ގޭތެރެ ސާފުކޮށް ހަދަން ޖެހެނީ ޕްރިންސިޕަލް އަމިއްލައަށެވެ. ހުރިހާ ޕްރިންސިޕަލުންނަކީ އާއިލާއާއެކު މިދަތުރު ކުރެވޭ ބައެެއްނޫނެވެ. ބަލަންޖެހޭ މުސްކުޅި މައިންބަފައިންނާއި ކުޑަކުޑަ ކުދިން ތިބުމުގެ ސަބަބުންނެވެ. މިއީ ޖިންސުގެ ތަފާތެއް ނެތި ދަންނަވާ ވާހަކައެކެވެ. މިއީ ނިކަމެތި ކަމެކެވެ. 

ޕްރިންސިޕަލްގެ ގެ ހަޑިމުޑުދާރުކޮށް ހުރުމަކީ އެއްވެސް މީހަކަށް ބަލައި ގަނެވޭނެ ކަމެއްނޫންކަން މަނިކުފާނު ޤަބޫލު ކުރއްވާނެ ކަމާމެދަކު ޝައްކެއް ނުކުރަމެވެ. 2020ވަނަ އަހަރު މި އެކޮމެޑޭޝަން އަށް ވެސް ބަދަލު ތަކެއް އައެވެ. ބައެއް ރަށްރަށުން ގެ ލިބެނީ ވަރަށް އަގު ބޮޑުކޮށެވެ. އެހެން ކަމުން އެޑިއުކޭޝަނުން ޕްރިންސިޕަލުންނަށް އިތުރު ގޮތްތަކެއް ދައްކައިދިނެވެ. އެއީ 9000ރުފިޔާގެ އެލަވަންްސް ނުވަތަ ގެ އެޑިއުކޭޝަން އިން ކުއްޔަށް ހިޕަވައި ދެއްވުމެވެ. މިގޮތުން އަގުބޮޑުކޮށް ގެ ކުއްޔަށް ދޫކުރާ ރަށްރަށުގެ ތިއްބެވި ޕްރިންސިޕަލުން ނިންމެވީ އެޑިއުކޭޝަން އިން ގެ ކުއްޔަށް ހިއްޕަވައި ދެއްވުމަށެވެ. ބައެއްރަށްރަށުން ޕްރިންސިޕަލް އަމިއްލައަށް ކުއްޔަށް ހިފާނަމަ 9000ރުފިޔާ އަށް ވުރެ ކުޑަ އަގެއްގައި ގެ ލިބޭ ނަމަ އެ ޕްރިންސިޕަލުން ހޯއްދެވީ 9000 ރުފިޔާ އެވެ، އެއީ ކަރަންޓް ބިލް ދެއްކުމާއި ބައެއް ކުދި ކުދި ކަންތަށްތަށް ކޮށްލުމަށް މަސައްކަތު މީހެއްގެ އެހީތެރިކަން ހޯދުމުގެ ބޭނުމުގައެވެ. 9000ރުފިޔާ ދެއްވުމުގައިވެސް ހެދުނު ޤަވާއި އެކިފަހަރު އެކިގޮތްގޮތަށް ބަދަލު ކުރައްވަވާ ވަކި ބަޔަކަށް މަންފާ ލިބޭނޭގޮތަށް ޤަވާއިދު ބަދަލު ކުރެއްވެވިކަން ފާހަގަ ކުރެވެ އެވެ.

މިހާރު އާ ފްރޭމް ވާކްގެ ދަށުން ޕްރިންސިޕލުންގެ ތެރެއިން ރަށުން ބޭރުގައި ތިބެ ބޮޑެތި ގުރުބާނީތަކެއް ވެލައްވަވާ ޕްރިންސިޕަލުންނަށް މިވަނީ ވަރަށް ބޮޑަށް ބޭއިންސާފް ވެވަޑައިގެންފައެވެ. ރަށުގައި މަސައްކަތްކުރާ ޕްރިންސިޕަލް އަށް 30ހާސް ލިބޭއިރު އޭނާ ގެއަށް ގެންދަނީ އެ ޕަކޭޖް އެއްކޮށެވެ. ރަށުން ބޭރުގައި މަސައްކަތް ކުރާ ޕްރިންސިޕަލް ހުންނާނެ ގެ ކުއްޔަށް ހިފާ ކަރަންޓް ބިލް ދައްކާ މަސައްކަތު މީހާ ހޯދާ ހަދަން ވެސް މިޖެހެނީ ހަމަ އެ މުސާރައިންނެވެ. 

މީގެ ސަބަބުން ގެއަށް ގެންދަން އެފަރާތްތަކަށް ލިބޭ އެއްޗެއްވަނީ ކުރިން ލިބޭ އާމްދަނީ އަށްވުރެ ކުޑަވެފައެވެ. ކުރިން 20،000ގެއަށް ގެންދިޔަ ފަރާތްތަކުން މިހާރު 19،000 ނުވަތަ 18،000ނޫނީ އެއަށް ވުރެ ވެސް ކުޑަވެފައެވެ. މިވަގުތު ސަރުކާރުން ގެ ހިއްޕަވާފައިވާ ފަރާތްތަކުގެ އެގްރިމެންޓްތައް ކުރިއަށް ގެންދެވުނު ކަމުގައިވިޔަސް 9000ރުފިޔާ ލިބިގެން ހުރިހާ ކަމެއް ހަމަޖެއްސި ޕްރިންސިޕަލުންނަށް ވަރަށް ބޮޑަށް ގެއްލުންވާ ވާހަކަ ދަންނަވަމެވެ.

ރަށުގަ ހުންނަ މީހާ ދައްކާނީ އެއް ކަރަންޓް ބިލެވެ. ރަށުން ބޭރުގައި ހުންނަ މީހާ ދެ ކަރަންޓް ބިލް ދައްކައެވެ. ރަށުގަ ހުންނަ މީހާ ކާނީ ގޭގަ އެންމެންނަށް އެކުގައި ކައްކާ ކާބޯތަކެއްޗެވެ. ރަށުން ބޭރުގައި ހުންނަ މީހާ ހުރިހާ ކަމެއްގައި ވެސް ދެ ޚަރަދު ކުރަން ޖެހެ އެވެ. ވީއިރު ރަށުގައި ހުންނަ މީހާއަށްވުރެ ނުރައްކަލުގައި، އާއިލާ އާއި ދުރުގައި ދާއިރާއަށް ބޮޑެތި ޤުރުބާނީ ވާ މިހާއަށް މިގޮތަށް ހެއްދެވުމުން ވަރަށް ހިތާމަ ކުރާ ވާހަކަ ދަންނަވަމެވެ. މިއީ ވަރަށް ބޮޑު ބޭ އިިންސާފެކެވެ. މީގެ ތެރޭގައި ސިސްޓަމް ދެކެ ލޯބިވާ ވަރަށް ގިނަ ދުވަސްވީ މީހުން ތިބިކަންވެސް ފާހަގަ ކުރަމެވެ.

އަދި 2020ވަނަ އަހަރުން ފެށިގެން އަހަރީ ޗުއްޓީގެ ދަތުރު ވަނީ ކަނޑުއްވާ ލައްވަވާފައެވެ. ބިދޭސީ ޓީޗަރުންނަށާއި ބިދޭސީ ޕްރިންސިޕަލުންނަށް ދަތުރު ޚަރަދު ދެއްވަ އެވެ. މިކަމަށް އެދިއްޖެ ނަމަ ޖަވާބަކީ މިހާރު ދޭގޮތަށް ހަމަޖެހިފައި ނުވާކަމަށާއި ރަށުން ބޭރަށް ދިޔައީ އަމިއްލައަށް އެދިގެން ކަމަށެވެ. ބިދޭސީ މިހާ އަހަރަކަށް ކޮންޓްރެކްޓް ކުރެވުނު ކަމުގައި ވިޔަސް އޭނަ ވެސް އަންނަނީ އެދިގެންނެވެ. ރާއްޖޭގެ އުތުރުގެ ރަށެއްގެ މީހަކު ދެކުނުގައި ހުރި ނަމަ ރަށާ ހަމައަށް ދާން ޓިކެޓްގެ އަގު އިންޑިއާއަށް ދިއުމަށްވުރެ ބޮޑެވެ. ހިތާމަ ކުރަމެވެ.

އިއްޒަތްތެރި މަނިކުފާނު މުސާރަ ބޮޑުކުރެއްވެވި މަގްސަދު ހާސިލު ނުވާވާހަކަ ދަންނަވަމެވެ. ރަށުން ބޭރުގައި މަސައްކަތް ކުރާ ހުރިހާ ޕްރިންސިޕަލުން ތިއްބެވީ ހިތްހަމަނުޖެހުމާއެކު ކަންބޮޑުވުމެއްގައެވެ. ހިތާމަވެރިވެ މޯޅިވެފައެވެ. ބައެއްބޭފުޅުންނަކީ ދެން އިތުރު އެހެން ދިމާލަކަށް ދާން ބޭނުން ވިޔަސް ނުދެވޭހާ ގިނަދުވަސް ދާއިރާގައި ތިބެފައިވާ މީހުންނެވެ. ނަމަވެސް ހިތާމައާއި އެކު ހިތުން ރޯލަރޯލައެވެ.

މިކަމުގައި މަނިކުފާނުގެ ދީލަތި އިންސާފަށް އެދެމެވެ. ހަމަހަމަ ކަމާއި އިންސާފަކީ ރައްޔިތެއްގެ މެދުގައި އޮންނަންޖެހޭ އެންމެ މުހިއްމު އެއްރުކުނެވެ. މިނސްޓްރީން ވިދާޅުވަނީ މިހާރު ހުރިހާ އެންމެންގެ މުސާރައިގައިވަނީ އެކޮމެޑޭޝަން ހިމަނާފައި ކަމަށެވެ. ނަމަވެސް ރަށުގައި ހުންނަ މީއާއި ރަށުން ބޭރުގައި ހުންނަ މީހާގެ ފަރަގު މިހާބޮޑުވުން ހިންގައިމުތޯ ސުވާލުކޮށްލާހިއްވެއެވެ.

އަދި ދަންނަވަމެވެ، ރާއްޖޭގެ ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ސަރުކާރުން ވަރަށް ކުޑަ އަގެއްގައި އެޕާޓްމެންޓް ދެއްވާފައިވާކަން ވެސް މިފުރުސަތުގައި ފާހަގަ ކުރަމުން ސަރުކާރުގެ ހުރިހާ މުއައްޒަފުންނަށް ވެސް ވަޒީފާއާ ގުޅިގެން ރަސްމީ މަސައްކަތުގައި ރަށުން ބޭރުގައި އުޅޭހާ ދުވަހަކު އެކޮމެޑޭޝަން އާއި ކޮއްތު ދެއްވައެވެ. މިއުސޫލް ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި އޮތްކަންވެސް ފާހަގަ ކުރަމެވެ. މި އިނާޔަތުން އެކަހެރިވީ ހަމައެކަނި ޕްރިންސިޕަލުންކަން ވަރަށް ހިތާމައާއި އެކު ފާހަގަ ކުރަމެވެ.

މިއީ މުސާރަ ކުޑަވެގެން ލިބުނު މިންވަރަށް އީމާން ނުވާން ދަންނަވާ ވާހަކައެއްނޫނެވެ. މަނިކުފާނު މުސާރަ ބޮޑުކުރެއްވުމާ ހަމައަށް ޕްރިންސިޕަލުންނަކީ ޓީޗަރުންނަށްވުރެވެސް ކުޑަ މުސާރައެއްގައި މަސައްކަތް ކުރި ފަރާތްތަކެކެވެ. މިވާހަކަ މިދަންނަވަނީ ބޭއިންސާފު މިކަމުގައި އޮތީތިީ އޮޅުންފިލުއްވައި ދިނުމާއި މިކަމުގައި ކަންބޮޑުވުން އޮތްމިންވަރު ހާމަކޮށް ދިނުމުގެ ބޭނުމުގައެވެ.

ޝުކުރިއްޔާ

 

ކުރީގެ ޕްރިންސިޕަލެއް،

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް