
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާ އުނިކޮށް ގާނޫނަށް އިސްލާހު ގެނައުމަށް މި ބިލު މިއަދު ހުށަހެޅީ އެމްއެންޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެއް އަހަރު ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން ބޮޑެތި އިނާޔަތްތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ކަނޑައަޅާފަ ވެއެވެ.
އެމްއެންޕީން ބުނީ އެބައި އުނިކުރުމަށް އެ ޕާޓީން ހުށަހެޅީ، ދައުލަތަށް 30-20 އަހަރު ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާއި ނުބައްދަލު އިނާޔަތްތަކެއް އެންމެ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރާ މީހަކަށް ދިނުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް އެފާޓީން ނުދެކޭތީ ކަމަށެވެ.
އެޕާޓީން ގަބޫލުކުރާ ގޮތުގައި ދައުލަތަށް ހިދުމަތް ކުރުމުން ހިދުމަތުގެ އިނާޔަތް ދިނުމުގައި ހަމަހަމަކަން އޮންނަންވާނެ އެވެ. މިގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތަކީ އެކި ޤާނޫނުތަކުގެ ދަށުން ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދެވޭ ހިދުމަތާ ނުބައްދަލު އިނާޔަތްތައް އުނިކުރުމެވެ.
އެހެންކަމުން، އެ އިސްލާހުގެ ސަބަބުން ދިވެހިރާއްޖޭގެ ޕެންޝަން އުސޫލު އިތުރަށް ހަރުދަނާވެ، އިންސާފުވެރި އުސޫލެއްގެ ތެރެއިން ޕެންޝަންގެ ނިޒާމު ބައްޓަން ކުރުމަށް މަގުފަހިވުމުގެ އިތުރުން ދައުލަތުގެ ބަޖެޓަށް ކުރިއަށް އޮތް ތަނުގައި ނުއުފުލޭނެފަދަ ބުރައަކުން މިންޖު ކުރެވޭނެކަމަށް އެޕާޓީން ދެކޭ ކަމަށް ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާ ބުނާގޮތުން، ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30 އިންސައްތަ ދައުލަތުން ދޭންވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 45 އިންސައްތަ ދައުލަތުން ދޭންޖެހެ އެވެ.
މި މާލީ އިނާޔަތް ލިބޭނީ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުން ވަކިވުމަށްފަހު އަދި އެ މެންބަރެއްގެ އުމުރުން 55 އަހަރު ފުރުމަށް ފަހުގަ އެވެ. ނަމަވެސް ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާނަމަ، އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި އެ އިނާޔަތެއް ނުލިބޭނެ އެވެ. މި މާލީ އިނާޔަތް ލިބޭކަމުގައިވާނަމަ ދައުލަތުގެ އިތުރު ޕެންޝަނެއް ނުވަތަ މާލީ އިނާޔަތެއް ދައުލަތުން ނުލިބޭނެ އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަފަދަ ހެލްތް އިންޝިއަރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދެ އެވެ. އަދި އެފަދަ ކޮންމެ މީހަކަށް އޮފިޝަލް ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފަ އޮވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހިދުމަތުގެ އިނާޔަތްތައް
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30 އިންސައްތަ ދައުލަތުން ދޭންވާނެ ކަަމަށް އެ ގާނޫނުގައި ވެއެވެ. އަދި އެފަދަ ކޮންމެ މީހަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން ޖެހޭއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކޮށްފައިވާ މީހަކު މަގާމުން ވަކިވުމަށްފަހު ފަސް އަހަރު ހަމަވަންދެން ދައުލަތުގެ ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ހަމަޖައްސައިދޭން ވެސް ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ހިދުމަތުގެ އިނާޔަތްތައް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30 އިންސައްތަ ދައުލަތުން ދޭންޖެހެ އެވެ. އަދި އޭނާއަށްވެސް ހެލްތް އިންޝިއަރަންސާއި އޮފިޝަލް ޕާސްޕޯޓް ލިބޭނެ އިންތިޒާމު ދައުލަތުން ހަމަޖައްސައިދޭން ޖެހެއެވެ.