މާފުށީގައި ކުނި މެނޭޖުކުރުމަށް ހާއްސަ ފެސިލިޓީއެއް އަޅައި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ އެއްބަސްވުމުގައި ސްޓެލްކޯއިން އިއްޔެ ވަނީ ސޮއި ކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި، އެންވާރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ސްޓެލްކޯގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މާފުށްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް މި ޕްރޮޖެކްޓުގެ ތެރެއިން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މާފުށްޓަކީ ލޯކަލް ޓުއަރިޒަމަށް ހާއްސަ ރަށެއްގެ ގޮތުގައި އޮންނަ ރަށެއްކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ ކުނީގެ މައްސަލަތަކުން މާފުށްޓަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލައަށް ކުރު މުއްދަތެއްގައި ހައްލު ލިބިގެންދާނެ ކަމަށެވެ.
ސްޓެލްކޯގެ މި ޕްރޮޖެކްޓުގެ ތެރެއިން މާފުށީގައި ގޭބީސީތަކުން އުފެދޭ ކުނި ނަގައި ކުނި ނައްތާލުމުގެ އެންމެހައި މަސައްކަތްވެސް ކުރަން ހަމަަޖެހިފައިވަނީ ސްޓެލްކޯއިން ނެވެ.
މާފުށީ ކައުންސިލުން ބުނީ އެރަށުގައި ކޮންމެ ދުވާލަކު ގާތްގަނޑަކަށް ފަސްޓަނުގެ ކުނި އުފެދޭ ކަމަށެވެ.
މާފުށްޓަކީ ޓޫރިޒަމްގެ ވިޔަފާރިއަށް ހާއްސަ ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ކުނީގެ މައްސަލަ ބޮޑުވެފައިވާ މި ރަށުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ސަރުކާރުންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.