އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލެ ފޭސް އެކެއްގެ ދެކުނު ފަރާތް ނުވަތަ ބާބަކިއު ހެދުމަށް ބޭނުން ކުރާ ސަރަހައްދު، 16 ފެބްރުއަރީ އިން ފެށިގެން ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.
އެތަން ބަންދު ކުރަން ނިންމާފައި ވަނީ ފޭސް އެކަކާއި ދޭއް ގުޅޭ ސަރަހައްދު ތަރައްގީ ކުރަން ޖެހޭތީ، ތަނުގައި ހުރި ތަކެތި ނަގާ ސާފު ކުރުމަށް ކަމަށް އެ އިއުލާނުގައި ވެއެވެ.
އެގޮތުން ބާބަކިއު ޕޮއިންޓުގައި ހުރި ބާބަކިއު ޕިޓް، ގޮނޑި އަދި މޭޒު ފަދަ ތަކެތި ނަގަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބަންދު ކުރަން ނިންމާފައިވާ ބާބަކިއު ސަރަހައްދަކީ ގިނަ ބަޔަކު ހަފްތާ ބަންދާއި، ރޭގަނޑުގެ ވަގުތުތަކުގައި ބޭނުންކޮށް ހަދާ ސަރަހައްދެކެވެ.