ads
ސުނާމީއާ ގުޅިގެން ހާލުގައި ޖެހުނު ދުވަހު އެހީތެރިވި ރަށްރަށުގެ މީހުންނަށް ދުވާފަރުން މަރުހަބާ ކީ ދުވަހުގެ މަންޒަރެއް، ދުވާފަރަކީ އެކުވެރި ރައްޔިތުންތަކެއް އުޅޭ ރަށެއް----ފޯޓޮ:ސޯޝަލް މީޑިއާ/ދުވާފަރު
135 މީހުންނާއެކު ދިޔަވަމުންދިޔަ ބޯޓު ދުވާފަރަށް ބަނދަރުކޮށްފި
މާލެއިން ފުރައިގެން 137 މީހުންނާއިއެކު ރ. ދުވާފަރަށް ދަތުރުކުރަމުންދަނިކޮށް ދިޔަވި ބޯޓު ދުވާފަރަށް ބަނދަރުކޮށްފި އެވެ.
Advertisement

މާލެއިން ފުރައިގެން 137 މީހުންނާއެކު ދުވާފަރަށް ދަތުރުކުރަމުންދަނިކޮށް ރޭ ފަތިހު ދިޔަވާން ފެށީ 85 ފޫޓުގެ "ސަމަންދަރު" ނަމަކަށް ކިޔާ ބޯޓެކެވެ. 

އެ ބޯޓު ދިޔަވާންފެށީ ބ. އޭދަފުށީން 10 ނޯޓިކަލް މޭލު ބޭރުގައި އޮއްވަ އެވެ. ރޭ ފަތިހު 03:14 ހާއިރު އެ ބޯޓު ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެ ސަރަހައްދުގައި ހަރަކާތްތެރިވިއިރު، ސަލާމަތްތެރި ކަމާއިއެކު އެ ބޯޓުގައި ތިބި މީހުން ބޭލުމަށް އޭދަފުށީގައި އޮތް ސީއެމްބިއުލައިންސްއާއި ސޮނެވާ ރިސޯޓުން ލޯންޗެއް އެ ސަރަހައްދަށް އެމްއެންޑީއެފުން ވަނީ ފޮނުވާފަ އެވެ. 

ނަމަވެސް އެމްއެންޑީއެފުން މީގެ ކުޑައިރުކޮޅެއް ކުރިން ބުނީ، ބޯޓުގެ ދިޔަވުން ހައްލުވެ، ހެނދުނު 08:45 ހާއިރު ދުވާފަރަށް ވަދެފަ ވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިންސްމާނީ ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ނުލިބެ އެވެ.

ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ އުޅަނދުފަހަރު ޗެކު ކުރަން ވަނީ ފަށާފަ

މި ދުވަސްވަރަކީ މޫސް ވަރަށް ބޮޑަށް ގޯސް ދުވަސްވަރަކަށް ވުމުން މެޓުންނާއި، މިދުވަސްވަރު ދަތުރުކުރުން ރައްކާތެރި ނޫންކަމާއި، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ގައުމީ މޫސުމާއި ބެހޭ އިދާރާއިން ދަނީ އިލްތިމާސްކުރަމުން ނެވެ. ނަމަވެސް ސްކޫލު ބަންދު އަދި ބޮޑު އީދު ޗުއްްޓީއާއި ދިމާކޮށް ވަރަށް ގިނަ މީހުން ދަނީ އެކި ތަންތަނަށް ދަތުރުކުރަމުން ނެވެ.

މި ހާދިސާ މިގޮތަށް ހިނގާފައިވަނިކޮށް މިއަދު ސިފައިން ވަނީ ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން އުޅަނދުފަހަރު ޗެކު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

އެގޮތުން އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުން ބަލަމުން ގެންދާނެ އެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބަލާނެ ކަމަށް ބުންޏެވެ.

އުޅަނދުފަހަރުތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށް، މާލޭ ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާއިރު، އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑުތަކުގައި ޤާއިމްވެފައި ތިބޭ ކޯސްޓްގާޑު ސްކޮޑްރަންތަކުން އީދު ބަންދާ ދިމާކޮށް އަތޮޅުތަކުގެ ރަށްރަށުގައި ވެސް މި އޮޕަރޭޝަން ދަނީ ހިންގަމުން ނެވެ. 

މިގޮތުން، އެމްއެންޑީއެފް ނޮދަން އޭރިއާ ފަސްޓް ސްކޮޑްރަންއާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ތާޑު ސްކޮޑްރަން އަދި އެމްއެންޑީއެފް ސަދަން އޭރިއާ ފޯތު ސްކޮޑްރަންއިން، އެ އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާ ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ޗެކްކުރަމުން ގެންދާނެ އެވެ. މި އޮޕަރޭޝަން، ތިން ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު، އީދު ބަންދާއި، ބޮޑު ޗުއްޓީ ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑުން މި އޮޕަރޭޝަން ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

 

50%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް