ads
އިބްރާހިމް ރަޝީދު (ބޮންޑޭ)
ސަރުކާރުން ޖީއެސްޓީ އިތުރުކުރުމަކީ ފޫނެތް ފަޔަށް ފެންފުރުން: ބޮންޑޭ
ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާ ބޮޑުކުރަން ނިންމައި ސަރުކާރުން އެކަން އިއުލާނުކުރުމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް އެދެވޭ ފިޔަވަޅެއް ނާޅައިފިނަމަ ރާއްޖެ ބަނގުރޫޓު ވެދާނެ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ. 

އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށް އޮތް އަހަރު މާލީގޮތުން އިތުރު ދަތިތަކަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ.

ޓެކްސް ފައިސާ އިތުރު ކުރުމަށް ގަނައި ބަދަލުތަކުގެ ތެރޭގައި ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށް އަދި ޖީއެސްޓީ ހަ އިންސައްތަ އިން އަށް އިންސައްތަ އަށް ބޮޑުކުރަން ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.  

މި ކަންތައްތަކާއި ގުޅިގެން ބޮންޑޭ ވިދާޅުވީ ފުރަތަމަ ކުރަންވީ ކަމަކީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުން ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ 32 ކުންފުނީގެ ކޮރޮޕްޝަން ހުއްޓުވުން ކަމަށެވެ. ބޮންޑޭ ވިދާޅުވީ އުވާލަން ބުނެފައިވާ ބޭކާރު ކުންފުނިތައް އުވާ ނުލައި ޖޭއެސްޓީ އިތުރު ކުރުމަކީ ފޫނެތް ފަޔަކަށް ފެންފުރުންފަދަ ބޭކާރު ކަމެއް ކަމަށެވެ. 

"ރައްޔިތުމީހާ ގެ ބަތްތައްޓަށް އަތް ބޭނުމުގެ ކުރީން ފުރަތަމަ ކުޑަކުރަންވީ ސަރުކާރުގެ ހަރަދުތައް، މައިތިރި ކުރަންވީ ސަރުކާރުގެ 32 ކުންފުނިން ހިންގަމުންދާ ކޮރަޕްޝަންތައް. އުވާލަން ބުނި ބޭކާރު ކުންފުނިތައް އުވާނުލާ ޖީއެސްޓީ އިތުރު ކުރުމަކީ ފޫނެތްފަޔަށް ފެން ފުރުންފަދަ ކަމެއް." ބޮންޑޭ ވިދާޅުވި އެވެ.

ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސަބްސިޑީ ރިފޯމް ކުރަން ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ދައުލަތުގެ ބަޖެޓަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށްވެސް މިނިސްޓަރު މިއަދު ވަނީ އިރުޝާދު ދެއްވާފަ އެވެ. 

މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޓެކްސް ބޮޑުކުރުމަށް މަޝްވަރާތައް ކުރިއަށްދާއިރު، ބައެއް ފަރާތްތަކުން ޓެކްސް ބޮޑުކުރުން އެއް އަހަރު ނުވަތަ ދެ އަހަރު ވަންދެން ފަސް ކުރުމަށް އެދެމުން އަންނަ ކަމަށާއި، އެހެން ނަމަވެސް ސަރުކާރުގެ ވިސްނުމަކީ، އެކަމަށް ތައްޔާރުވާން ހަ މަސް ދުވަސް ދިނުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް