ads
ގޮޓަބަޔާ ރާއްޖެއިން ސިންގަޕޫރަށް ދާން ޕްރައިވެޓް ޖެޓެއް ހަމަޖައްސަނީ
އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި، އެކަމަކު ނުދެއްވާ
ރޭ ރާއްޖެއިން ސިންގަޕޫރަށް ފުރާވަޑާގަންނަވާގޮތަށް އޮތް ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އަދިވެސް ހުންނެވީ ރާއްޖޭގައި ކަމަށާއި، އިންތިޒާރުކުރަމުންދަނީ، ރާއްޖެއިން ސިންގަޕޫރަށް ދިއުމަށް ޕްރައިވެޓު ޖެޓެއް ހަމަޖެހެންދެން ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކުރަން ފަށައިފި އެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އޭނާ ހިމާޔަތް ހޯދަވާނީ ސިންގަޕޫރުން ނެވެ. އޭނާ އިއްޔެ ފުރާވަޑައިގަންނަވަން ހަމަޖެހިފައޮތީ ސިންގަޕޫރު އެއާލައިން އެސްކިއު 437 ފްލައިޓުން ރޭ 12:00 ޖަހާއިރު ކަމަށްވެސް އިއްޔެ ވަނީ ރިޕޯޓުތައް ލިބިފަ އެވެ. 

ނަމަވެސް އެ ފްލައިޓު ރޭ ފުރާފައި ނުވާކަމަށާއި، ގޮޓަބަޔާ ސިންގަޕޫރަށް ފުރާވަޑައިގަންނަވާނީ ޕްރައިވެޓު ޖެޓެއްގައި ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެ އެވެ. އެ ޖެޓު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށްވެސްވެ އެވެ. ނަމަވެސް ރާއްޖޭގެ އެއްވެސް އިދާރާއަކުންވެސް މިފަދަ އެއްވެސް ކަމެއް ކަށަވަރެއް ނުކޮށްދެ އެވެ. 

ބޭރުގެ ހަބަރުތައް ބުނާގޮތުން ރާޖަޕަކްސަ ރާއްޖެ އައިސް ހުންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގާތްގުޅުމެއް އޮންނަ މީހެއްގެ ރިސޯޓެއްކަމަށްވާ އިތާފުށި ރިސޯޓުގަ އެވެ. އަދި ގޮޓަބަޔާ މިހާރު ހުންނެވީ ސިފައިންގެ ހިމާޔަތުގައި ގިރިފުށީގައި ކަމަށް ދެކެވޭ ވާހަކަތަކަށްވެސް އިދާރާތަކުން ޖަވާބެއް ނުދެ އެވެ. 

އެމަނިކުފާނުގެ މައްޗަށް ވަނީ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ކޮށްފަ އެވެ. ހޮނިހިރު ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރު ރަނިލްގެ ގެކޮޅު އަދާ އަޅިއަށް ހެދުމުން، ގޮޓަބަޔާ ވަނީ އިއްޔެ އިސްތިއުފާ ދެއްވާނެކަމަށް އެދުވަހު ވިދާޅުވެފަ އެވެ. 

އެކަމަކު އިސްތިއުފާ ދޭން އެއް ދުވަހަށް ވެފަވަނިކޮށް، ގޮޓަބަޔާ އޭނާގެ އަނބިކަބަލުން ލޯމާ އާއެކު ވަނީ ގައުމު ދޫކޮށްދާން މަސަައްކަތްކޮށްފަ އެވެ. އެފުރުސަތު ނުލިބުމުން އެރޭ އަސްކަރީ މަރުކަޒެއްގަ ތިއްބެވުމަށްފަހު، އިއްޔެ ވަނީ ދެ ބޮޑީގާޑުންވެސް ހިމެނޭހެން އަސްކަރީ ޖެޓެއްގަ ރާއްޖެ އައިސްފަ އެވެ.

އިސްތިއުފާ ދެއްވަން އޮތް ދުވަހު ފިއްލަވާ ވަޑައިގަތީކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށުމުން ލަންކާގެ އެއާޕޯސުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ ދަތުރުފުޅަކީ އެގައުމުގެ ޑިފެންސް މިނިސްޓްރީގެ ހުއްދައާ އެކު ހުރިހާ އިދާރާއެއްގެ ހުއްދަ ލިބިގެން، އުސޫލުތަކާ އެއްގޮތަށް އިންތިޒާމުވެގެން ދިޔަ ދަތުރެއް ކަމަށެވެ. 

އަދި "ސީއެންއެންއެން" އިން ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކޮށްފަވާ ގޮތުން ރާއްޖޭގައި އެ ބޯޓު ޖެއްސުމުގެ ހުއްދަ ނުދީވަނިކޮށް، އެ ހުއްދަ ދިނުމަށް އަންގާފަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ. 

ގޮޓަބަޔާ ޕްރައިވެޓު ޖެޓެއްގައި ސިންގަޕޫރަށް ފުރެންދެން ރާއްޖޭގައި މަޑުކުރެއްވިއިރު، އިއްޔެ އަނެއްކާވެސް ލަންކާގެ މަޝްރަހު ވަނީ ހޫނުވެފަ އެވެ. އެކަމާއި ގުޅިގެން އިއްޔެ އިސްތިއުފާގެ ސިޓީ ފޮނުވާނެ ކަމުގެ ޔަގީންކަން އޭނާ އޮތީ ދީފަ އެވެ. ނަމަވެސް އެ ސިޓީ އަދިވެސް ލަންކާ ސަރުކާރަށް ނުލިބޭ ކަމަށް އެ ގައުމުން ބުނެ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް