ހައިކޯޓުގެ ގޮފިތައް އުވުނީ، ކޯޓުތަކުގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު، ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިއަދު ތަސްދީގު ކުރެއްވުމާއެކުއެވެ. ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ގާނޫނު ތަސްދީގު ކުރެވުމާއި އެކު، ހައިކޯޓުގެ އުތުރާއި ދެކުނު ގޮފި އުވިގެންދާނެ ކަމަށެވެ. އަދި އެ ދެ ގޮފި އުވުމާއި އެކު އެ ދެ ގޮފީގައި މަސައްކަތް ކުރާ މުވައްޒަފުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބަދަލުވެގެންދާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާ އެކު، މިހާރު އެ ދެ ގޮތްޕަށް ހުށަހެޅިފައިވާ މައްސަލަތައް ދެން ބަލާނީ މާލޭގައި ގާއިމްވެފައިވާ ހައިކޯޓުންނެވެ. ހައިކޯޓުގެ އުތުރާއި ދެކުނު ގޮފި އުވުނު ނަމަވެސް، މާލެ ފިޔަވައި އެހެން ރަށްރަށުގައިވެސް ހައިކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދިޔުމަކަށް ހުރަހެއް ނެތް ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އެމްޑީޕީގެ އެޖެންޑާ ނަވާރަގެ، އިންސާފާ ގުޅޭ ވައުދުތަކުގެ ތެރޭގައި ހައިކޯޓުގެ އުތުރާއި ދެކުނު ގޮފި އުވާލުން ހިމަނާފައިވެއެވެ.
އާއްމު އުސޫލެއްގެ ގޮތުން ހައިކޯޓު ހިނގަމުންދަނީ މާލޭގައެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ގޮފިތައް ޤާއިމުކޮށްފައިވެއެވެ. ހައިކޯޓުގެ ދެކުނު ގޮފި ޤާއިމުކުރެވިފައިވަނީ އައްޑުއަތޮޅު ހުޅުމީދޫ ގައެވެ. އުތުރުގޮފި ޤާއިމުކުރެވިފައިވަނީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގައެވެ.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ޤަރާރަކުން 13 ޑިސެމްބަރ 2015 ގައި ނިންމި ނިންމެވުމަކާއި އެކު ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ފަށާފައިވަނީ 16 ޑިސެމްބަރ 2015 އެވެ. ހައިކޯޓުގެ ދެކުނު ގޮފިން ބެލީ ގއ. ގދ. ޏ އަދި ސ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރުގޮފި ހުޅުވުނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުއެވެ. ކުޅުއްދުއްފުށީގައި ހުރި ހައިކޯޓުގެ އުތުރު ގޮފީން ބެލީ ހއ، ހދ، ށ، ނ، ރ، އަދި ބ، މި އަތޮޅުތަކުގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމަވާ މައްސަލަތުކުގެ ތެރެއިން އިސްތިޢުނާފު ކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.