ads
ފޮޓޯ: ރައީސް އޮފީސް
ކުޅިވަރު މުބާރާތްތަކުގައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ރައީސް އެދިވަޑައިގެންފި
ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުގައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ގޮތަކުން މަސައްކަތްކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެތްލީޓުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
Advertisement

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ކޮމަންވެލްތް ގޭމްސްއާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ބައިވެރިވާ ދިވެހި އެތްލީޓުންނާއި އޮފިޝަލުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ގައުމު ތަމްސީލުކުރަން ފުރުސަތު ލިބުމަކީ ވަރަށް މަދު ބަޔަކަށް ލިބޭނެ ނަސީބެއްކަމަށާއި، އެއީ ވަރަށް މަތިވެރި ޝަރަފެއްކަން ހަނދާނުގައި ބަހައްޓައިގެން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފަ އެވެ.

މީގެ އިތުރުން ރައީސް ވަނީ ރާއްޖޭގެ އެތްލީޓުން ބައިނަލްއަގްވާމީ ފެންވަރުގައި ރަނގަޅު ކާމިޔާބީއެއް ހާސިލްކުރުމަށް ބޭނުންވާނެ ވަސީލަތްތަކާއި ތަމްރީނުތައް ހޯދުމަށް ކުރަންޖެހޭކަންކަން ސަރުކާރުން ކުރަމުންދާކަމުގައި ވިދާޅުވެފަ އެވެ. އަދި، ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި، ރާއްޖޭގައި ކުޅިވަރު ކުޅެން ބޭނުންވާ ފަރާތްތަކަށް ވަކި ކުޅިވަރެއް ތަފާތުކުރުމެއްނެތި ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުން ގޮސްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ "ފޯ ދި އޯޝަންސް" ގެ ނަން ދެވިފައިވާ ޖަރޒީ ކިޓް އެއް ވެދުން ކުރައްވާފަ އެވެ. ރާއްޖޭގެ ކަނޑުތަކާއި ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މިންވަރު ރަމްޒުކޮށްދޭ މި ކިޓް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ގޮނޑުދޮށްތަކުގެ ރީތިކަމާއި، ފަރުތަކުގެ މުއްސަނދިކަން ދައްކުވައިދޭ ނިޝާންތަކުންނެވެ.

މި ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ އަށް ވަނަ ދުވަހަށް އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ 46 އެތްލީޓުންނާއި އޮފިޝަލުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ފަރާތުން ތުރުކީގެ ކޮންޔާގައި އޮގަސްޓް ނުވަ ވަނަ ދުވަހުން 18 ވަނަ ދުވަހު ބާއްވާ ފަސް ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ 62 އެތްލީޓުންނާއި އޮފިޝަލުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް