
ނޫހުގެ މަންމަ އައްޑޫ ސިޓީ ހިތަދޫ ފުލެޓް (621) ޖެނިފާ އަލީ "ސީއެންއެމް" އަށް ނޫހުގެ ބަލީގެ ހާލަތު ކިޔައިދެމުން ބުނީ ކުއްޖާ ވިހެއިވަގުތުން ފެށިގެން ވެސް ކުއްޖާ އަކީ ބަލި ކުއްޖެއް ކަމަށެވެ.
" ވިހައިގެން ފުރަތަމަ ތިން ދުވަސްތެރޭގައި ވަރަށް އަވަސްއަވަހަށް ނޭވާލާކަން ފާހަގަ ކުރެވުނު. އަދި ފީޑް ކުރުމުން ހޮޑުލަން ފެށީ. އެހެންވެ ކުއްޖާ އަށް ތިންވަނަ އަށްވީ ދުވަހު ޑޮކްޓަރަށް ދެއްކީ" އެހާ ހިސާބުން ނޫހުގެ ހިތުގައި ލޯވަޅެއް އުފެދިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ.
ފުރަތަމަ ކުއްޖާ އަށް އީކޯ އެއް ހަދާފައިވަނީ ކުއްޖާ އަށް ތިންވަނަ ދުވަހުގައި ކަމަށާއި، އެއަށްފަހު ޑޮކްޓަރު އިރުޝާދު ދެއްވީ ކުއްޖާ އަށް ތިން މަހުން އީކޯ އެއް ރިޕީޓް ކުރުމަށް ކަމަށެވެ. ދެވަނަ އަށް ހެދި އިކޯ އިން ވެސް ކުއްޖާގެ ހިތުގައި ހޯލް އެއް އިން ކަމަށް ދެއްކި ކަމަށެވެ. ނަމަވެސް ކުއްޖާ ކުޑަވުމުގެ ސަބަބުން ހޯލްގެ ސައިޒު ޑޮކްޓަރަށް އޭރު ފާހަގަ ނުކުރެވުނު ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ.
ނޫހު ވިހެއުމާއި ހަމަޔަށް މާލޭގައި ދިރިއުޅެމުންދިޔަ ޖެނީފާގެ އާއިލާ އަށް މަޖުބޫރުވީ ކުއްޖާގެ ބައްޔަށް ފަރުވާ ދިނުމަށް ކަމަށާއި، ނަމަވެސް ކުއްޖާގެ ހިތުގެ ހެދިފައިވާ ލޯވަޅު ތައް ބެއްދުމަށް އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށް އޭރު ޑޮކްޓަރުން ވިދާޅުވި ކަމަށެވެ.
އެހެން ނަމަވެސް ކުރަން ޖެހިފައިވާ އިތުރު ހަރަދުތަށް ބޮޑުވެ މާލޭގައި ކުއްޔަށް ނޫޅެވިގެން އަމިއްލަ ރަށް އައްޑޫ އަށް ބަދަލުވީ ކަމަށް އޭނާ ބުންޏެވެ. އަދި މިހާރު ނޫހަށް ތިން އަހަރު ވެފައިވާއިރު ވާހަކަ ދެއްކޭ ކަމަށް ބުނެ ޖެނިފާ ބުނީ ދަރިފުޅުގެ ހަށިގަނޑުގައި އަޅަމުންދާ ވޭން ކިޔައިދޭ ކަމަށެވެ.
"މަޑުމަޑުން ބުނާނެ ވަރުބަލިވަނީޔޭ. ވަރުބަލިވާތީ ހިގަންބޭނުންވެސް ނުވެޔޭ،"
އަސަރާ އެކީ ޖެނިފާ ބުނީ ނޫހުގެ ބަލި ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ކަމަށެވެ.
"އައްޑޫ މެޑިސިޓީ ހޮސްޕިޓަލުން އެންމެ ފަހުން ހެދި އެކްސްރޭއިން ކުއްޖާގެ ބަލި ބޮޑުވަމުން ދާކަން ފާހަގަ ކުރެވުނު. ޑޮކްޓަރު ވިދާޅުވާނީ ނޫހުގެ ފުއްޕާމޭގެ ތެރޭގައި ލޭ ގިނަވަނީ ކަމަށް." ޖެނިފާ ބުންޏެވެ.
މިހާރު ނޫހަށް ތިން އަހަރު ވެފައިވާއިރު، ނޫހަކީ ޝިފާން ހަސަން ގދ. ރަތަފަންދޫ (ރަތްވިލާގެ) އާއި ޖެނިފާ އަލީގެ ދެވަނަ ދަރިއެވެ. ނޫހުގެ ދޮއްޓަށް އެއް ކުއްޖެއްގެ އިތުރުން ނޫހާއި ޖެހިގެން ހަގަށްވެސް އެއާއިލާ އަށް ވަނީ ކުއްޖަކު ލިބިފައި ކަމަށެވެ.
އަދި އާއިލާގެ ހަރަދުތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު އެދެމެފިރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ނޫހު ތަހައްމަލް ކުރަން ޖެހިފައިވާ ބަލި ކަމުގައިވާ ހިތުގެ ލޯވަޅު ބެއްދުމުގެ އޮޕަރޭޝަން ކުރުމުގެ ފަރުވާ އެވެ. ސަބަބަކީ އާއިލާ އަށް ލިބޭ މަދު ލާރިން ރާއްޖޭން ބޭރަށް ނޫހުގެ އޮޕަރޭޝަނަށް ދެވޭނެ ތަނަވަސް ކަމެއް އެދެމެފިރިންގެ ނެތުމާއި އެކުގަ އެވެ. ނަމަވެސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖޭން ބޭރަށް ނޫހުގެ ބައްޔަށް ފަރުވާ ހޯދުމަށް ދިއުމަށް ކަމަށެވެ. އިތުރަށް ނޫހުގެ ބައްޔަށް ޓެސްޓް ތައްވެސް ހަދަން ޖެހޭތީ ކަމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ.
ޖެނިފާ އިތުރަށް ބުނީ ކުއްޖާ ގޮވައިގެން ރާއްޖޭން ބޭރަށް ދިއުމަށް އާސަންދަ ވެސް ލިބިފައިވާ ކަމަށާއި، ނަމަވެސް އެހާ ކުޑަ ކުއްޖަކު ގޮވައިގެން ރާއްޖޭން ބޭރަށް ގޮސް އެކަނި އުޅެވޭނެ ގޮތެއްވެސް ނެތުމުގެ ސަބަބުން ކުއްޖާގެ ބައްޕަ އަށްވެސް ދާން މަޖުބޫރު ވެފައިވާ ކަމަށެވެ.
އަދި ދުރު ގައުމަކަށް ގޮސް މަޑުކޮށްގެން ތިބެން ޖެހޭނީ ކިހާމުއްދަތަކަށް ކަމަށް ވެސް ނޭނގޭ ކަމަށާއި، ހުރުމާއި ކެއުމާއި ޓިކެޓަށް ރުފިޔާ ބޭނުންވާތީ ދީލަތި އެހީ ތެރި ކަމަކަށް އެދޭ ކަމަށެވެ.
ގުޅޭނެ ނަމްބަރު 9381884 ( ޖެނިފާ އަލީ )
ވައިބާ ނަންބަރު. 7675764
އެކައުންޓް ނަމްބަރު: ބީއެމްއެލް (7730000073660 ) ޖެނިފާ އަލީ ކުއްޖާގެ މަންމަ
އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު (7730000423495 ) ކުއްޖާގެ ބައްޕަ ޝިފާން ހަސަން
ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.