ads
ހަގީގީ ހާދިސާ: ދަރިފުޅު ފެނުނީ ތިން ބުރި ކޮށްލާފައި އޮތްވާ!
ހަގީގީ ހާދިސާ: ދަރިފުޅު ފެނުނީ ތިން ބުރި ކޮށްލާފައި އޮތްވާ!
މިރީ ދިވެހި ރާއްޖޭގެ ދެކުނުގެ ރަށެއްގައި މީގެ އެތައް ޒަމާނެއް ކުރިން ހިނގާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ގެނެސްދޭ ލިއުމެކެވެ. މި ވާހަކަ "ސީއެންއެމް" އާއި ހިއްސާ ކުރީ މި ހާދިސާ ދިމާވި ފަރާތުގެ ހޫރު ކާފަ ދަރިއެކެވެ. މި ވާހަކައަކީ އޭނާ ކިޔައިދީފައިވާ ގޮތަށް ލިޔެފައިވާ ވާހަކައެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް ބައިތަކަށް ބަދަލުތަކެއް ގެނެވިފައިވާނެ އެވެ.

އެއީ މީގެ އެތައް އަހަރުތަކެއް ކުރި އެވެ. ދިވެހިންނަކީ އޭރު މާބޮޑަށް ދުނިޔޭގެ ކަންކަމަށް ހޭލުންތެރިވި ބައެއް ނޫން ނަމަވެސް ދުނިޔޭގެ ކަންކަން ހިނގާ ނުހިނގާގޮތް ކޮންމެސް ވަރަކަށް ދިވެހިންނަށް އޭރުވެސް އެނގެ އެވެ. ދިވެހިންނަކީ އޭރު އިސްލާމްދީނުގެ ހިޔާވަހިކަން ލިބިފައިވާ އުފާވެރި ބަޔަކު އުޅެމުން ދިޔަ ގައުމެކެވެ. އަމިއްލަ މަސައްކަތުން ޒަަރޫރީ ބޭނުންތައް ފުއްދަމުން އައި، ފުދުންތެރި ދިވެހިން އޭރު ރާއްޖޭގެ އެކި ހިސާބުތަކުގަ އުޅެމުން ދިޔަ އެވެ. 

އޭރު އުމުރުން 24 އަހަރުގެ އަހުމަދު ކަލޯ (އަސްލު ނަމެއް ނޫން) އަކީ ދަނޑު ހައްދައިގެން އުޅެމުން ދިޔަ ޒުވާނެކެވެ. އުމުރުން އެންމެ ހަތަރު އަހަރުގައި އޭނާގެ ބައްޕަ މަރުވުމުން އޭނާ އަކީ އާއިލާގެ ހުރިހާ ޒިންމާއެއް ކޮނޑުގައި އުފުލައިގެން އުޅުނު ޒުވާނެކެވެ. މަންމަ އާއި ތިން ކޮއްކޮގެ ހުރިހާ ކަމެއް ބަލަމުން ދިޔައީ، އެއްވެސް ބުރަކަމެއް، ޝަކުވާއެއް ނެތި އެވެ. 

ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދު ކުރުމަށްފަހު އޭނާ ދަނޑަށް ދަނީ ގަސްތަކަށް ފެންދީ، ގަސްތަކުގެ ހާލު ބެލުމަށެވެ. މެންދުރަށް ގޮވަންދެން ދަނޑުގައި އުޅުމަށްފަހު ގެއަށް އަންނަނީ ނަމާދު ކޮށްގެނެވެ. ދެން އޭނާ ދަނޑަށް އަނެއްކާވެސް ދާނީ އަސުރު ނަމާދަށްފަހު ހަވީރު ވުމުންނެވެ. ގޮސް މަގުރިބަށް ގޮވަންދެން އޭނާ ދަނޑުގައި ވަގުތު ހޭދަ ކުރެ އެވެ. 

ޒުވާން އުމުރުގެ އަހުމަދު އަކީވެސް އެހެން މީހުންނެކޭ އެއްފަދައިން ކައިވެނީގެ ފޮނި ރަހަ އަށް އިންތިޒާރު ކުރަމުން ދިޔަ ޒުވާނެކެވެ. އެހެން ނަމަވެސް އާއިލާގެ ޒިންމާތަކާއި، އަންބެއްގެ ޒިންމާ އެއްފަހަރާ ނުއުފުލިދާނެ ކަމަށް ހިތާ އޭނާ ކައިވެނި ކުރުމަށް ދިޔައީ، ދެކޮޅު ހަދަމުންނެވެ. އެހެން ނަމަވެސް އޭނާގެ މަންމަ އަބަދުހެން އޭނާ ކައިވެނި ކުރުމަށް އެދެމުން ދިޔަ އެވެ. އެންމެ ފަހުން އޭނާގެ އުމުރުން 26 އަހަރުގައި ކައިވެނި ކުރި އެވެ. ކައިވެނި ކޮށްގެން އަހުމަދު އާއި އޭނާގެ އަންހެނުން ދިރިއުޅެމުން ދިޔައީ އަހުމަދު ގޭގެ އެވެ. އަހުމަދުގެ އާއިލާ އާއި އެކު އެވެ. 

އަހުމަދު އާއި އޭނާގެ އަންހެނުންނަށް ކައިވެންނަށް ދޮޅު އަހަރުވިފަހުން ފިރިހެން ދަރިއަކު ލިބުނެވެ. ދަރިފުޅު ލިބުނު ފަހުން އަހުމަދު އިތުރަށް މަސައްކަތް ކުރަން ޖެހުނެވެ. ހަރަދު ކުރަންޖެހޭ މީހުންގެ އަދަދު އިތުރުވުމުން ރޭގަނޑު އޭނާ ފަރުމަސްބާނަން ދާން ފެށި އެވެ. އިތުރު އާމްދަނީއެއް ހޯދުމަށެވެ. 

ބައެއް ދުވަސްދުވަހު އަހުމަދު ގެއަށް އަންނަނީ ފަތިސް ނަމާދުކޮށް، ދަނޑަށް ގޮސް ގަސްތަކަށް ފެންދިނުމަށް ފަހު މެންދުރު އެވެ. އައި ކުޑަވަގުތުކޮޅެއް ނިދާލުމަށްފަހު އަނެއްކާވެސް މަސައްކަތައިގެން އަހުމަދު އަވަދިވެ އެވެ. އާއިލާއަށް ވަގުތު ނުދެވޭތީ އޭރު އަހުމަދު އަންހެނުން ޝަކުވާ ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. 

ކޮންމެއަކަސް ޝައިތޯނާ އަކީ ކޮންމެ މީހެއްގެ ބޮލަށްވެސް ސަވާރުވެވޭނެ އެއްޗެކެވެ. އެހެން ކަމުން އަހުމަދުގެ އަންހެނުން އަހުމަދު ގޭގައި ނޫޅޭ ވަގުތު ވަގަށް އިތުރު ފިރިހެނަކާއި އެކު ގުޅުން ހިންގަން ފެށި އެވެ. އެކަން އަހުމަދުގެ މަންމަ އަށް އެންގުނު ނަމަވެސް މާމަ ދަރިފުޅުގެ ހައްގުގައި އެވާހަކަ އަހުމަދުއަށް ސިއްރު ކުރި އެވެ. އަދި އެކަން ނޭނގޭ ކަމަށް ހަދައިގެން އުޅުނެވެ. 

އެންމެ ފަހުން އަހުމަދު ކައިރިން ވަރިވާންވެސް އޭނާގެ އަންހެނުން އެދުނެވެ. އަހުމަދު އަށް ކުރެވުނީ ކޮން ކަމެއްތޯ އެތައް ފަހަރަކު އަންހެނުން ކައިރީ އަހުމަދު އެހި އެވެ. އަދި ކައިވެނި ރޫޅާ ނުލާ ދަރީގެ ހައްގުގައި ދިރިއުޅުން ކުރިއަށް ގެންދިއުމަށް އެދުނެވެ. އަންހެނުން އެކަމަށް ރުހި އަލުން އެކުގައި އުޅެން ފެށި އެވެ. އެހެން ނަމަވެސް އެއީ އަހުމަދު އަށް ހެދުނު އެންމެ ބޮޑު ގޯސްކަން އޭރު އަހުމަދަކަށް ނޭނގުނެވެ. 

އޭގެ ދުވަސްކޮޅެއް ފަހުން އަހުމަދުގެ އަންހެނުން ކުޑަ ދަރި ގޮވައިގެން ގެއިން ނުކުމުގެން ދިޔަ ހަބަރު އޭނާގެ މަންމަ ދިނެވެ. އެ ދެމައިން ހޯދުމަށް އެތައް އިރެއް ވަންދެން ކުރި މަސައްކަތުންވެސް އެ ދެމައިން ވީތަނެއް ނޭނގުނެވެ. އެކަމާއި ހާސްވެފައި ހުއްޓާ، އަހުމަދުގެ އަންހެނުން އުޅެމުން ދިޔަ މުޑުދާރު ގޮތުގެ ވާހަކަ އަހުމަދު މަންމަ ކިޔައި ދިނެވެ. އެހެން ނަމަވެސް މަންމަ ދެއްކި ވާހަކަތައް އަހުމަދު ގަބޫލުކުރާކަށް ބޭނުމެއް ނުވި އެވެ. ލޯބިވާ އަނބިމީހާ އާއި ލޯބިވާ ދަރިފުޅު ހޯދުމަށް އެތައް ތަނެއް އަހުމަދު ބެލި އެވެ. ރަށުގެ ރައްޔިތުން ނިކުމެ އެ ދެމައިން ހޯދުމުގެ މަސައްކަތް ފެށި އެވެ. 

އޭގެ ތިން ދުވަސް ފަހުން އަހުމަދުގެ އަންހެނުން އެނބުރި ގެއަށް އައެވެ. އެހެން ނަމަވެސް ދަރިފުޅު ފެންނަން ނެތުމުން އެކުއްޖާ ކޮބައިތޯ އެހުމުން އެ ކުއްޖާ ގެއްލިއްޖެ ކަމަށް އަންހެނުން ބުންޏެވެ. އަދި ކުއްޖާ ހޯދުމަށް އެތައް މަސައްކަތެއް ކުރި ކަމަށާއި، ގެއިން ނިކުމެގެން ދިޔައީ ނޫން ކަމަށާއި، ކުއްޖާ ފެންނަން ނެތުމުން ކުއްޖާ ހޯދުމަށް ގެއިން ނިކުމެގެން ދިޔައީ، ކަމަށް އަންހެނުން ބުންޏެވެ. އަދި ކުއްޖާ ހޯދަން ނިކުމެ އުޅެނިކޮށް ވަލަށް ވަދެ އެތަނުން ނިކުންނަން ނޭނގި ތާށިވީކަމަށްވެސް ބުންޏެވެ. 

އެހެން ނަމަވެސް އެދުވަހުގެ ހަވީރު އަހުމަދު އަށް ލިބުނީ، ހިތާމައިން ފުރިގެންވާ ހަބަރެކެވެ. ކުއްޖާ ފެނުނު ހަބަރު ލިބިގެން އަހުމަދު ރަށު ތުނޑިއާއި ދިމާ ވަލު ސަރަހައްދަށް ދިޔަ އިރު ކުއްޖާ ގެ ފުރާނަނެތް މަސްގަނޑު ފެންނަން އޮތެވެ. ކުއްޖާ އޮތީ ތިންް ބަޔަކަށް ބުރިކޮށްލާފަ އެވެ. ކުއްޖާގެ ހަތަރެސްފައި ވަނީ ހަށިގަނޑުން ވަކި ކޮށްފަ އެވެ. ކުއްޖާގެ ބޯ ވަނީ ހަށިގަނޑުން ވަކި ކޮށްފަ އެވެ. 

އެ ކުއްޖާ މަރާލީ އެކުއްޖާގެ މަންމަ ކަމަށް ބަޔަކު ބުންޏަސް އެކަން ސާބިތު ކުރެވޭނެ އެއްވެސް އެގޮތެއް ނެތެވެ. އެ ޒަމާނަކީ ތަހުގީގީ އިދާރާތަކެއް ނެތް ޒަމާނެއް ކަމުން އަންހެން މީހާގެ މައްޗަށް ހިންގުނު ތަހުގީގެއް ނެތެވެ. އެ ކުއްޖާގެ މަރުގެ ޒިންމާ ނަގާނެ މީހެއް ނެތެވެ.

އޭގެ ދެ ދުވަސް ފަހުން އަހުމަދު އޭނާގެ އަންހެނުން ވަރިކޮށްލި އެވެ. އަދި އޭނާގެ ދަރީގެ ގާތިލަކީ އެ އަންހެނުން ކަމަށް އަހުމަދުގެ ހިތުގެ އަޑިން ގަބޫލު ކުރި އެވެ. އަދި އެކަން އަންހެނުން ކުރީ އޭނާ ކައިރިން ވަރިވެ އެހެން މީހަކާއި އިންނަން ވެގެން ކަމަށްވެސް އަހުމަދު ގަބޫލު ކުރި އެވެ. އަހުމަދު ގަބޫލު ކުރި ގޮތަށް އަންހެނުން ވަރިކުރިތާ ތިން މަސް ފަހުން އެ އަންހެން މީހާ ވަނީ އެހެން މީހަކާއި ކައިވެނި ކޮށްފަ އެވެ. 

އޭގެ ދެ އަހަރު ފަހުން އަހުމަދުވެސް އިތުރު ކައިވެންޏެއް ކޮށް ހަތަރު ދަރިން ހޯދި އެވެ. އަދި އޭނާ މި ދުނިޔެއިން ވަކިވަންދެން އޭނާގެ ދަރިފުޅުގެ ވާހަކަ ހަނދާނުގައި ބެހެއްޓި އެވެ. އަދި އޭނާގެ ދަރިފުޅު މަރާލީ އެކުއްޖާގެ މަންމަ ކަމަށްވެސް އަހުމަދު މީހުންނަށް ކިޔައި ދިނެވެ. 

11%
ކަމުގޮސްފި
57%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް