ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިނޭ ކުރިކަމަށް ބުނެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ގިނަ ބަޔަކު ވަނީ ނަޝީދު އަތުގައި އެ ވިދާޅުވާ ޒިނޭ ކުރި ކަމުގެ ހެކި ހާމަކުރުމަށް ގޮވާލާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ޒިނޭ ކުރި ކަމަށާއި، އެކަމުގެ ހެކި ހިމެނޭ ހަތަރު ފޮޓޯއެއް އެމަނިކުފާނަށް ލިބިފައިވާ ކަމަށެވެ. އަދި ވަނީ އެމްޑީޕީގެ އިސް ފަރާތްތަކަށްވެސް ގާނޫނާ ހިލާފު އަމަލުތައް ހިންގައި ރާބޯ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ޑރ. އިޔާޒް ވިދާޅުވީ ޒިނޭގެ އަމަލު ހިންގައިފިކަމަށް ބުނެ އެފަދަ އިލްޒާމެއް ބޮލުގައި އަޅުވައިފިނަމަ އެމީހަކު އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. ނޫނީ އެމީހަކު ގަޒްފްގެ ހައްދު ޖަހަންޖެހޭނެ ކަމަށެވެ.
ގަޒްފް ކުރުމުގެ ހައްދަކީ އައްޑިހަ އެތިފަހަރުން ހައްދު ޖެހުމެވެ. އަދި ދުވަހަކުވެސް އެމީހެއްގެ ހެކިބަސް އެއްވެސް ފަރާތަކުން ބަލައި ނުގަނެވޭނެ ވަރުގެ އަދަބެކެވެ.
ޑރ އިޔާޒް ވަނީ ރައީސް ނަޝީދު މިފަދަ ވާހަކަ ތަކެއް ދައްކަވަމުން ގެންދާތީ އެކަންތަކުގެ ހަގީގަތް ހާމަކުރުމަށް ގޮވާލައްވާފަ އެވެ. އަދި ހަގީގަތާއި ހިލާފު މިފަދަ ވާހަކަތައް ދައްކާނަމަ އެމަނިކުފާނުގެ މަގާމުން ދުރުކުރަން ނޯކޮންފިޑެންސް ވޯޓު ނެގުމަށްވެސް ވަނީ ގޮވާލައްވާފަ އެވެ.