ads
ހއ.އަށް ދަތުރު ފެށުމަށް ތައްޔާރުވެފައި އޮތް އާރުޓީއެލްގެ ފެރީއެއް. (ދައުރު ފޮޓޯ)
މޫސުމް ގޯސްވެ ބޮޑު ތިލަދުއްމަތީ ފެރީ ހުއްޓިއްޖެ
މޫސުމް ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ހއ، ހދ އަތޮޅުގައި ދެމުންގެންދާ ރާއްޖެ ޓްރާސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

އާރުޓީއެލް ފެރީގެ ގޮތުގައި ހއ އަދި ހދ އަތޮޅުގައި ދެމުން ގެންދަނީ ލޯންޗް ފެރީތަކެކެވެ.

"ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު މިއަދު ވިދާޅުވީ މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވާތީ ކަނޑު ދަތުރު ފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އާރުޓީއެލް ފެރީގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. 

ސިރާޖު ވިދާޅުވީ އެމްޓީސީސީގެ ފެރީގެ ހިދުމަތަށް ވަރަށް ބޮޑު ޑިމާންޑެއް އަތޮޅު ތެރޭގައި އޮންނަ ކަމަށާއި، މި ހިދުމަތް މެދު ކަނޑާލަން ޖެހުމުން ވަރަށްގިނަ ދަތުރުތައް ހުއްޓިފައިވާ ކަމަށެވެ. 

"ޔެލޯ އެލާޓް ނެރުމުން ދަތުރުތައް ކެންސަލް ކުރީ. ވިކޮޅުގަ ވަރަށް ބޮޑު ޑިމާންޑެއް އޮވޭ މި ފެރީ ދަތުރުތަކަށް، މީ ވަރށް ކާމިޔާބު މަސައްކަތެއް. އަބަދުވެސް އެ އޮންނަނީ ފުލްވެފަ." ސިރާޖް ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ ދިއްދޫ އާއި ކުޅުދުއްފުއްޓާއި އަދި ހަނިމާދޫ ދެމެދު ކުރާ ދަތުރު ތަކާއި، މަކުނުދޫ އާއި ހިރިމަރަދޫ، ނައިވާދޫ، ހަނިމާދޫ، ހއ ތުރާކުނު ރޫޓާއި، މާރަންދޫ، ކެލާ، މޮޅަދޫ، އިހަވަންދޫ، ފިއްލަދޫ ރޫޓްގެ ދަތުރުތައް ވެސް ކެންސަލްކޮށްފައިވާ ކަމަށެވެ. 

މެޓް އޮފީހުން ވަނީ މާދަމާ ވެސް މެދު ރާޢްޖެ ތެރެ އާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. އަދި މިދުވަސްވަރު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށް ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް