
ވަރުގަދަ އިންޑިޔާ އަތުން ރާއްޖެ ބަލިވީ މިރޭ ކުޅުނު މެޗުގައި އެއް ލަނޑު ސުން ލަނޑުންނެވެ. އިންޑިޔާއިން ރާއްޖެ ކޮޅަށް ޖެހި ލަނޑު ޖެހީ މެޗުގެ އަށްޑިހަ ނުވަވަނަ މިނިޓުގައެވެ.
މި މެޗުން މޮޅުވެ އިންޑިޔާއިންވަނީ އަންނަ ހުކުރު ދުވަހު ކުޅޭ ފައިނަލުގެ ފަހު ޖާގަ ހޯދާފައެވެ. ފައިނަލުގައި އިންޑިޔާ ކުޅޭނީ ބަންގްލަދޭޝްއާއެވެ. ބަންގްލަދޭޝް ފައިނަލަށް ދިޔައީ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ދިހަ ޕޮއިންޓާއެކުއެވެ. އިންޑިޔާ ދިޔައީ ދެވަނަ ޓީމުގެ ގޮތުގައި ނުވަ ޕޮއިންޓާއެކުއެވެ. ބަންގްލަދޭޝް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވިއެވެ. އިންޑިޔާ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު ބަލިވީ އެއް މެޗުންނެވެ.
ރާއްޖެ މި މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ. ރާއްޖެއަށް ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. އެއީ ލަންކާއާ ކުޅުނު މެޗުންނެވެ. ލަންކާ މެޗުގައި ރާއްޖޭން މޮޅުވާން ދަނިކޮށް ލަންކާއިން އެއްވަރު ކުރީ ފަހު ވަގުތުކޮޅުއެވެ.