ads
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން
އަދީބު ބުނެގެން ރައީސް ޔާމީން އަށް އެއް މިލިއަން ރުފިޔާ ދިނިން: އޮއިއްޓޭ
ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އޯޑަރަށް ރައީސް އަބްދުﷲ ޔާމީން އަށް އެއް މިލިއަން ރުފިޔާ ހަވާލު ކުރި ކަމަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން މުހައްމަދު ހުސައިން (އޮއިއްޓޭ) ބުނެފި އެވެ.
Advertisement

ކްރިމިނަލް ކޯޓުގައި މިއަދު ވަނީ، ވ. އާރަށު މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ނެގުމާއި، މަނީ ލޯންޑާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފަ އެވެ. އޮއިއްޓޭގެ ހެކިބަސް މިއަދު ނެގީ، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް އޭނާ ހާޒިރުކޮށް އޮންލައިންކޮށެވެ.

މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގެ ހެކިބަސް ދެމުން ކުރީގެ ނައިބު ރައީސް އަދީބުގެ ޑްރައިވަރެއްގެ ގޮތުގައި އުޅުނު އޮއިއްޓޭ ބުނީ، ރައީސް ޔާމީން އާއި އެންމެ ފުރަތަމަ ދިމާވީ 2013 ވަނަ އަހަރު ކަމަށާއި، އެކި ފަހަރު މަތިން އަދީބު ބުނެގެން ރައީސް ޔާމީން އަށް ފައިސާ ހަވާލުކުރަމުން ދިޔަ ކަމަށެވެ. 

އަދި އެގޮތުގެ މަތިން އަދީބު ބުނެގެން އެންމެ ފުރަތަމަ ރައީސް ޔާމީން ދިރިއުޅުއްވަމުން ގެންދެވި ގެކޮޅަށް ގޮސް، އެއް ލައްކަ ރުފިޔާ ހަވާލު ކުރި ކަމަށާއި، އެއް ލައްކަ ރުފިޔާ ހަވާލު ކުރުމުން ރައީސް ޔާމީންގެ މޫނުމަތީގެ ކުލަވަރު ބަދަލުވުމުން އެވާހަކަ އަދީބު އާއި ހިއްސާ ކުރުމުން އިތުރު ނުވަ ލައްކަ ރުފިޔާ އަދީބު ބުނުމުން ޔާމީން އާއި ހަވާލު ކުރި ކަމަށެވެ. 

މީގެ އިތުރުން އޮއިއްޓޭ ބުނީ، ރައީސް ޔާމީން އަށް ހަވާލު ކުރީ ހުސް 500 ރުފިޔާގެ ދިހަ ބޮނޑި ނޫޓު ކަމަށާއި، ކޮންމެ ބޮނޑިއެއްގައި 50،000 ރުފިޔާ ހުންނާނެ ކަމަށެވެ. އަދި ފައިސާ ހަވާލު ކުރީ ކަރުދާސް ކޮތަޅަކަށް ލާފައި ކަމަށްވެސް ހެކިބަސް ދެމުން އޮއިއްޓޭ ބުންޏެވެ. 

އޮއިއްޓޭ އިތުރަށް ބުނީ، އަދީބު އޭރު އެކި ތަންތަނުގައި ފައިސާ ގެންގުޅޭ ކަމަށާއި، ބައެއް ފަހަރު ބޮޑެތި ވިޔަފާރިވެރިންގެ ކައިރިއަށްވެސް އަދީބު ބުނެގެން ފައިސާ ބަލާ ދާން ޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީންގެ އިތުރުން އެހެން މީހުންގެ ކައިރިއަށްވެސް އަދީބު ބުނެގެން ފައިސާ ހަވާލުކުރަން ދިޔަ ކަމަށް އޮއިއްޓޭ ވަނީ ބުނެފަ އެވެ. 

އޮއިއްޓޭ ދައްކަމުން ދިޔަ ވާހަކަތަކާއި ގުޅިގެން ރައީސް ޔާމިންގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، އާރަށުގެ މައްސަލަ އަކީ ޗެކަކުން ޖަމާވި ފައިސާތަކެއްގެ މައްސަލައެއް ކަމަށާއި، ނަގުދު ފައިސާ ދިން ކަމަށް ބުނެ ދައްކަމުން ދަނީ، ކަމާއި ނުގުޅޭ ވާހަކަތަކެއް ކަމަށެވެ. 

އަދި އޮންލައިންކޮށް ހެކިބަސް ނެގުމަށްވެސް ރައީސް ޔާމީންގެ ވަކީލުން ވަނީ ދެކޮޅު ހަދާފަ އެވެ. ރައީސް ޔާމީންގެ ފަރާތުން ވާހަކަ ދައްކަވަމުން ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، އޮންލައިނކޮށް ހެކިބަސް ނަގާއިރު، ހެކިވެރިޔާ އާއި ބައެއް ސުވާލުތައް ކުރުމަށް ބައެއް ދަތިތައް ކުރިމަތިވާނެ ކަމަށެވެ. 

މި ވާހަކަތަކަށް ރައްދުދެމުން ދައުލަތުގެ ފަރާތުން ވިދާޅުވީ، އޮއިއްޓޭ ދައްކަމުން ދިޔަ ނަގުދު ފައިސާތަކުގެ ވާހަކައަކީ، ދައުލަތުން ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ދައްކަމުން ދިޔަ ވާހަކަތަކެއް ކަމަށާއި، އެ ސުވާލުތައް ދައުލަތުން ކުރީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ކަންކަން ސާބިތު ކުރަން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

އަދި އޮއިއްޓޭ އަކީ ރާއްޖޭގައި ދިރިއުޅޭ މީހެއް ނޫން ކަމުން އޭނާގެ ހެކިބަސް އޮންލައިންކޮށް ނެގުމުގައި ގާނޫނީގޮތުން ހުރަހެއް އޮތް ކަމަށް ނުފެންނަ ކަމަށްވެސް ދައުލަތުން ވަނީ ކޯޓުގައި ބުނެފަ އެވެ. 

އެކަމާއި ގުޅިގެން މައްސަލަ ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، އޮންލައިންކޮށް ހެކިބަސް ނެގުމުގައި ގާނޫނީ ގޮތުން ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް