
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެންމެ ފުރަތަަމަ ހައްޔަރުކުރީ، އއ. އަތޮޅު ރިސޯޓެއްގައި ހުންނަވަނިކޮށެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ނާޒިމް ހައްޔަރުކޮށް އޭނާގެ މައްޗަށް އެންމެ ފުރަތަަމަ ބަންދުގެ މުއްދަތު ޖެހީ، ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ވަނީ ހަތް ދުވަހުގެ މުއްދަތަށެވެ.
ނާޒިމް ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު އެންމެ ފުރަތަމަ ޖެހުމުން ރައީސް ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި އެކަމާއި ގުޅިގެން އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕުގައި ރައީސް ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖެހިވަޑައިގެން ހުންނެވުމަށްވެސް ގޮވާލާފަ އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު ވެސް އަޅުވާފަ އެވެ. ނަޝީދު ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީހަކާއި އިނދެގެން ހުރެ ހިލޭ އަންހެނެއް ކައިރިއަށް ގޮސް ޒިނޭ ކޮށްފައިވާ ކަމަށެވެ. އަދި އެމަންޒަރުތަކުގެ ހަތަރު ފޮޓޯއެއް އެމަނިކުފާނުގެ އަތްޕުޅުގައި ހުރި ކަމަށެވެ.
ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެން ރައީސް ނަޝީދު ކޯފާ އިސްކުރައްވާ ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވަނިކޮށް ނާޒިމް ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން ވަނީ މިއަދު އިތުރު ކޮށްފަ އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އިތުރު ހަތް ދުވަސް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ.
ނާޒިމް ސައްތާރުގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.