ads
"މި ދަރިފުޅުގެ އޮތީ ކޮން ކުށެއް؟"
އަހަރެއްހާ ދުވަސްތެރޭ އެންމެ އަނިޔާވެރިކޮށް ގައްޒާއަށް އިސްރާއިލުން އިއްޔެ ދިން ވައިގެ ހަމަލާތަކުގައި ޝަހީދުވި 10 މީހުންގެ ތެރޭ ފަސް އަހަރުގެ އަލާ ކަދޫމް ހިމެނެ އެވެ. އެ މައުސޫމު ކުޑަކުއްޖާގެ ޖަނާޒާގެ ކަންކަން ކުރަމުންދިޔައިރު ހުދު ފޮތިކޮޅަކުން ބަދެލާފައި، އޮތް އަލާ އުރައިގެން ހުރެ އާއިލާގެ މެމްބަރުން ރޮމުންދިޔަ މަންޒަރު ފެނެ އެވެ.

ޖަނާޒާގައި ކުއްޖާގެ ގައިގާ އޮޅުލަމުން ކުއްޖާގެ ކާފަވެސް ދިޔައީ ރޮމުން ނެވެ. އަދި އާއިލާގެ ފަރާތުން އަލްޖަޒީރާއަށް އިންޓަވިއުދެމުން ކުއްޖާގެ ކާފަ ކުރި ސުވާލަކީ، "އެ ތުއްތު ދަރިފުޅުގެ އޮތީ ކޮން ކުށެއްތޯ އެވެ؟ އެ ކުއްޖާ މީހަކަށް އަނިޔާއެއް ދިނީ ހެއްޔެވެ؟ 

"ރަހުމެއް ނެތް ގޮތުގައި ކުޑަކުޑަ މައުސޫމު ތުއްތު އެ ދަރިފުޅު ޝަހީދުކޮށްލިއިރު، އެ ކުއްޖާ ދިޔައީ ކިޔަވަން ފެށުމުގެ ހުވަފެން ދެކެމުން. އެ ދަރިފުޅު ބޭނުންވީ ހެދުމާއި ދަބަސް. އިށީދެ އިދެގެން ނާސަރީއަށް ދާން ބޭނުންވާ ވާހަކަ ދެކެމުން އަންނަ ހުވަފެންތަކުގެ ވާހަކަ އެކުއްޖާ ދައްކާނެ. މި ކުޑަކުޑަ ދަރިފުޅު ކޮން ކުށެއް ކޮށްގެން ޝަހީދު ކޮށްލީ. ރޮކެޓު ފޮނުވުމުގައި އިންޗާޖަކަށް ހުރީ މިދަރިފުޅުތަ؟ މި ކުއްޖާ ފައިޓުކުރީތަ؟ ކީއްތަ ކުރީ މި ދަރިފުޅު،" ރޮމުން ރޮމުން ކުޑަކުޑަ އަލާގެ ކާފަ ސުވާލުކުރަމުން ދިޔަ އެވެ.

"އަހަރެމެންނަށް މާތްﷲ ފުދިގެންވެ އެވެ. އެކަލާނގެއީ އަޅުތަކުންގެ މެދުގައި އިންސާފުކުރައްވާ ރަސްކަލާނގެ އެވެ." ކުއްޖާގެ ކާފަ ރޮމުން ބުންޏެވެ.

ހުދު ފޮތިކޮޅަކުން ކަފުން ކޮށްފައި އޮތް އަލާގެ މޫނުމަތިން ޒަހަމުތައް ފާޅުވާން ހުއްޓެވެ. އިއްޔެ އިޒްރޭލުން، ގައްޒާއަށް ކުއްލިއަކަށް ދިން ވައިގެ ހަމަލާތަކުގައި، މި ފަސް އަހަރުގެ ކުއްޖާގެ އިތުރުން 23 އަހަރުގެ ޒުވާނަކާއި، އިސްލާމީ ޖިހާދުގެ އަސްކަރީ ފިޔަވަހީގެ ކޮމާންޑަރެއް ކަމަށްވާ ޠައިސިރު އަލް ޖަބާރީ ވަނީ ޝަހީދުކޮށްލާފަ އެވެ.

އަދި 79 މީހަކަށް ވަނީ ބޮޑެތި ޒަހަމުތަކެއް ލިބިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފަ އެވެ. މީގެ ތެރޭގައި ނާޒުކު ހާލަތުގައި ވާ ކުޑަކުދިންވެސް ހިމެނެ އެވެ.

މި ހަމަލާއާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކިޔަމުންދާ ފާޑުކިއުންތަކާއި ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ޔައީރު ލަޕީޑް ވިދާޅުވީ، އެ ހަމަލާއަކީ ގާއްޒާގެ އާއްމުންނަށް ދިން ހަމަލާއެއް ނޫންކަމަށާއި، އެއީ އިސްލާމީ ޖިހާދު ޖަމާއަތަށް ދިން ހަމަލާއެއް ކަމަށެވެ. ގައްޒާގެ ބޯޑަރުގައި ދުވަސްތަކެއް ވަންދެން އުފެދިފައިވާ ފިތުނަވެރިކަމާ ގުޅިގެން އިސްލާމިކް ޖިހާދު ޖަމާއަތުގެ ފަރާތުން ކުރިމަތިވި "ވަގުތީ ނުރައްކަލަކާ ދެކޮޅަށް ޕްރީ އެމްޕްޓިވް ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަނެއް" ފަށަން ޔަހޫދީ ދައުލަތަށް މަޖުބޫރުވި ކަމަށް އޭނާ ބުނެފަ ވެއެވެ.

އިސްރާއީލުން ގައްޒާއަށް އިއްޔެ ދިން ވައިގެ ހަމަލާތަކުގެ ރައްދުދޭނެ ކަމަށް އިސްލާމީ ޖިހާދުން ވަނީ ބުނެފަ އެވެ. އެގޮތުން އެ ހަމަލާތަކުގެ ފުރަތަމަ ރައްދެއްގެ ގޮތުން އެ ޖަމާއަތުން ވަނީ 100 އަށްވުރެ ގިނަ ރޮކެޓު ހަމަލާ އިޒްރާއިލަށް ފޮނުވަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ގިނަ ރޮކެޓުތައް އިސްރާއީލުގެ އަޔަން ޑޯމް މިސައިލް ޑިފެންސް ޝީލްޑުން ވަނީ ހުއްޓުވާފަ އެވެ. ނަމަވެސް މުޅި ރޭ އިސްރާއީލުގެ ގިނަ އަދަދެއްގެ ސިޓީތަކުގައި ސައިރެން ޖަހާފައިވެ އެވެ.

އަނިޔާވެރި ބްލޮކޭޑެއްގެ ދަށުން، ހުރިހާ ބޯޑަރު ހުރަސްކުރާ ތަންތަން ބަންދުކޮށްގެން، ގައްޒާގެ ރައްޔިތުން ބަންދުކޮށްގެން އިޒްރޭލުން، ގައްޒާއަށް ދަތިކުރަމުންދާތާ ވަނީ 15 އަހަރަށްވުރެ ގިނަ ދުވަސްވެފަ އެވެ. ގައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާޑާއި، ކާނާގެ ބާވަތްތަކުގެ އިތުރުން ބޭސްފަދަ ޒަރޫރީ ތަކެތިވެސް ވެއްދެނީ އިޒްރޭލުން ހުއްދަދޭ ތަކެތި އެކަންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް