ads
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް
ސްޓެލްކޯގެ ފްލެޓަށް ކިޔަނީ "ބްލޫރިޖް"
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ދެ ޓަވަރަށް "ބްލޫ ރިޖް" ކިޔަން ނިންމަވާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
Advertisement

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ މުވައްޒަފުންނަށް ހާއްސަކޮށް ތަރައްގީކުރި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ މުއައްޒަފުންނާއި، އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ މި ދެޓަވަރުގެ މަސައްކަތުގައިއެމަނިކުފާނަށް ޖެހިވަޑައިގަތީ ހަމައެކަނި ޕެނަލްޓީ ޖައްސަވަން ކަމަށާއި، އެކަން ވަރަށް ފުރިހަމަ އަށް ކާމިޔާބު ކުރެވިއްޖެ ކަމަށެވެ. 

ނަން އިއުލާން ކުރައްވައި، އެ ޕްރޮޖެކްޓްގެ ފަހު މަސައްކަތް ހިނގައިދިޔިޔަ ގޮތް ޝަރީފް މިއަދުވަނީ ވިދާޅުވެދެއްވާފައެވެ. ފްލެޓްގެ މަސައްކަތް ނިންމުމުގެ މަރުހަލާގައި ވަނިކޮށް އޭނާ ކުންފުންޏާ ގުޅިވަޑައިގަތުން ޝަރީފް ސިފަ ކުރެއްވީ ފުޓްބޯޅަ މެޗެއްގެ ގޮތުގައެވެ. ފުޓުބޯޅަ މެޗެއް ހިނގައި ދިޔަ ގޮތަށް މި އެކުވެރިކަމާއި އަދި އެހީތެރިކަން ލިބުނުކަން ފާހަގަ ކުރައްވަމުން ޝަރީފް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތައް ޝުކުރު އަދާކުރައްވާފަ އެވެ. 

"އަޅުގަނޑުމެންގެ މި ޕްރޮޖެކްޓް ތަސައްވުރުކޮށްލައްވާ ފުޓުބޯޅަ މެޗެއް. އެކުޅުންތެރިއަކު ޑިފެންސް ލައިނުން ބޯޅަ ހިފައިގެން މެދަށްވުރެން ކުރިއަށްދާތަނުން ބޯޅަ ޕާސްކުރަން މިޖެހުނީ. ބޯޅަ ޕާސްކޮށްފަ ދެވަނަ ކުޅުންތެރިއަކު ޕެނަލްޓީ އޭރިއާތެރަށް ވަދެ ޕެނަލްޓީ ހޯދީމާ ރެފްރީ ބުނީ ޕެނަލްޓީ ޖަހާނީ އެހެން ކުޅުންތެރިއެކޭ. އަޅުގަނޑަށް މި ލިބުނީ ޕެނަލްޓީ ޖަހަން. އެހެންވީމާ ތިބޭފުޅުންގެ ތަރުހީބާ އެކީގަ އަޅުގަނޑުމެންގެ ކޯޗަށް ޔަގީންކަން މިދެނީ އަޅުގަނޑު ޕެނަލްޓީ ކާމިޔާބުކޮށްފީމޭ." ޝަރީފް ވިދާޅުވި އެވެ.

ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްކުގެ ލިސްޓުގައި ޝަރީފް ވަނީ ފެނަކަ ކޯޕަރޭޝަން އާއި، އެމްޑަބްލިއުއެސްސީ އަދި އެޗްޑީސީގެ އެހީތެރިކަން ލިބުނުކަން ފާހަގަ ކުރައްވާފަ އެވެ. މިރަސްމިއްޔާތުގައި ވަނީ އެކުންފުނިތަކުގެ އިސް ވެރިންވެސް ބައިވެރިވެވަޑައިގެންފަ އެވެ. 

ދެ ޓަވަރަށް ނަން ދިނުމުގެ ބާރު ކުންފުނީގެ ބޯޑުން އެމަނިކުފާނަށް ދެއްވާފައިވާކަން ފާހަގަކުރައްވަމުން ޝަރީފް ވަނީ ދެޓަވަރަށް ކިޔާނެ ނަމެއް އިލާނުކުރައްވާފަ އެވެ. 

އެގޮތުން ސްޓެލްކޯގެ ނަމާއި ގުޅުވައިގެން ކިޔޭނެ ދިވެހި ނަމެއް ނުލިބުމުން އިނގިރޭސި ނަމެއްގެ ގޮތުގައި ބްލޫރިޗް ކިޔުމަށް ވަނީ އިއުލާނުކުރައްވާފަ އެވެ. ޓަވަރު އެކަކަށް ބްލޫރިޖް ވަން އަދި ޓަވަރު ދޭކަށް ބްލޫރިޖް ޓޫ ގެ ނަމުން ވަނީ ނަން ފާސްކޮށްފަ އެވެ. 

"ދެ ޓަވަރަށް ނަންކިއުމުގެ ބާރު ބޯޑުން އަޅުގަނޑަށް ދޫކޮށްލައްވާފަ އޮތީ. އަޅުގަނޑު މިއަދު މިއައީ ނަމެއް ހިތުލައިގެން. ދިވެހި ނަމެއް ކިޔައިގެން ސްޓެލްކޯ ރަމްޒެއް ނުކުރެވުނު އެހެންވެ އަޅުގަނޑު ނިންމީ އިނގިރޭސި ނަމެއް ކިޔަން. އެ ދެ ޓަވަރަށް މިކަނީ ބްލޫ ރިޖް. ބްލޫ ރަމްޒު ކޮށްދެނީ ސްޓެލްކޯއަށް ރިޗް ކިޔަނީ ދެ ޓަވަރަށް. އެހެންވީމަ ބްލޫ ރިޖް އެކެއް އަދި ބްލޫ ރިޖް ދޭއް." ޝަރީފް ވިދާޅުވި އެވެ.

ދެ ޓަވަރުގައި ޖުމްލަ 360 އެޕާޓްމަންޓު ހިމެނޭއިރު ދެ ކޮޓަރިއާއި މެއިޑް ރޫމް އަދި ސިޓިން ރޫމު ހިމެނޭ ގޮތަށް ވަނީ 288 އެޕާޓްމަންޓު ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން އެއް ކޮޓަރި އާއި ސިޓިން ރޫމު ހިމެނޭ ގޮތަށް ވަނީ ޖުމްލަ 72 އެޕާޓްމަންޓް ތަރައްގީކޮށްފަ އެވެ. 

ތަޅުދަނޑި ހަވާލުކުރުމަށް މިއަދު ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ 328 ފަރާތަކަށް ތަޅުދަނޑު ހަވާލުކޮށްދީފަ އެވެ. ބާކީ 32 އެޕާޓްމަންޓުގެ ތަޅުދަނޑި ފަހުން ހަވާލުކުރާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ. 

މި ފްލެޓްތައް ލިބޭ އުސޫލުގައި ވާގޮތުން ކުރިމަތިލާ އެންމެނަށް ފްލެޓު އޮތީ ލިބޭގޮތަށެވެ. އަދި މާލޭގައި އަމިއްލަ ގެއެއް ހުއްޓަސް އެމީހަކަށްވެސް ކުރިމަތިލެވޭ ގޮތަށެވެ. މީގެތެރެއިން ހަ ފްލެޓެއް އެކުންފުނީގެ ބޯޑު މެމްބަރުންނަށް ވެސް ވަނީ ހާއްސަކޮށްފަ އެވެ. 

އެ ފްލެޓްތަކުން އެއްކޮޓަރީގެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ މަހަކު 5622 ރުފިޔާ އަށެވެ. މެއިޑް ރޫމް ހިމެނޭ ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ މަހަކު 10،356 ރުފިޔާ އާއި 10،652 ރުފިޔާ އާ ދެމެދުގެ އަގެއްގަ އެވެ. އަދި މެއިންޓެނެންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާ ދައްކަންޖެހޭނެ އެވެ. 

ސްޓެލްކޯގެ ފްލެޓްތަކުން ކުލި ނެގުމަށް އެކުންފުނިން ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެން ނެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް