ads
ފޮރިން މިނިސްޓްރީ---
އިސްރާއީލުން ގައްޒާއަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ގައްޒާއަށް އެންމެ ފަހުން ދިން ހަމަލާތަކާއި ވައިގެ ހަމަލާތަކުގެ ސަބަބުން ކުށެއްނެތް ފަލަސްތީނުގެ ގިނަ އަދަދެއްގެ އާންމުން މަރުވެ ޒަހަމްވެފައިވާތީ އެކަން ރާއްޖޭގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އެ ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުގައި ތިބި ހަތިޔާރު ނެތް އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އާއްމުންގެ މައްޗަށް ވެސް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާތީ ރާއްޖޭގެ ސަރުކާރުން  ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. 

“އިސްރާއީލުން ފަލަސްތީނުގެ ސަރަހައްދުތައް ހިފެހެއްޓުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.ގެ ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހުގެ ކަމާބެހޭ ގަރާރުތަކާ ހިލާފު ކަމެއްކަން ހަނދާންކޮށްދެން” ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، ގައްޒާއާއި، އިސްރާއިލުގެ ކޯޅުމަށް ސުލްހަވެރި ހައްލެއް ލިބޭނީ، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށް ކަމަށް ކަނޑައަޅައި، މިނިވަން އަދި އިސްތިގުލާލު ފަލަސްތީނު ދައުލަތެއް އެކުލަވާލައިގެން، ދެ ދައުލަތެއްގެ ހައްލެއްގެ ތެރެއިން ކަމަށެވެ. 

ފަލަސްތީނުގެ ރައްޔިތުންނާއި ސަރުކާރުގެ ދިފާއުގައި ބައިނަލްއަޤްވާމީ މުޖުތަމައާ ގުޅިގެން މަސައްކަތް ކުރުމަށް ވަކާލާތުކުރުމުގައި ރާއްޖޭގެ ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ވައުދު ފަލަސްތީންގެ ސަރުކާރާއިއެކު ރާއްޖެއިން ވެފައިވާ ކަންވެސް ބަޔާނުގައި ފާހަގަކޮށްފަ ވެއެވެ.

އިސްރާއިލުން ގައްޒާއަށް ހޮނިހިރު ދުވަހު ދިން ކުއްލި ވައިގެ ހަމަލާތަކުގައި ފަސް އަހަރުގެ ކުޑަކުއްޖަކު ހިމެނޭހެން، 10 މީހަކު ޝަހީދުކޮށްލާފަވާއިރު، އޭގެފަހުން ދިން ހަމަލާތަކުގައި ވެސް ކުޑަކުދިން ހިމެނޭހެން ގައްޒާގެ އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް