ads
ދީނަށް ފުރުއްސާރަ ކުރި ރުސްތުމް
ދީނަށް ފުރައްސާރަކުރި ރުސްތުމް ޖަލަށް ލާން ހުކުމް ކުރިނަމަވެސް މިނިވަން ވެއްޖެ
ފާޅުގައި ސޯޝަލް މީޑިއާގައި އިސްލާމް ދީނަށާއި، މާތްﷲ އަށް އަދި ރަސޫލާއަށް ފުރައްސާރަ ކުރި، ގދ. ތިނަދޫ، އަލިވާގެ، މުހައްމަދު ރުސްތުމް މުޖުތަބާގެ މައްޗަށް މައްސަލަ ސާބިތުވާކަމަށް ކޯޓުން ނިންމައި ޖަލަށް ލާން ހުކުމް ކުރިނަމަވެސް އޭނާ މިނިވަން ވެއްޖެ އެވެ.

ރުސްތުމް އަކީ އިސްލާމް ދީނަށް ފާޅުގައި ފުރައްސާރަ ކުރުމުގެ ސަބަބުން 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ. އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެދި ކޯޓަށް ފޮނުވާފައި ވަނީ 2021 ވަނަ އަހަރުގަ އެވެ.  

އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ދީނީ އެއްބައި ވަންތަކަން ނަގާލަން އުޅުމުގެ ދައުވާ އެވެ.  

އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމަށް ބޭއްވި މަޖިލީހުގައި ދައުލަތުން ބުނީ ގާނޫނުލް އުގޫބާތުގައި ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކަމަށްވި ނަމަވެސް، ރުސްތުމް ކުށަށް އިއުތިރާފްވެފައިވާތީ އަދަބުގެ މިންވަރު ތިން މަހާއި 18 ދުވަހުގެ ހުކުމަކަށް ދަށްވާނެ ކަމަށާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް އޭނާ އިއުތިރާފްވުމުން އަދަބުގެ މިންވަރު 27 ދުވަހުގެ ޖަލު ހުކުމަކަށް ކުޑަވާނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ދައުލަތުން ބުނީ، އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުން އަދަބުގެ މިންވަރު ދަށްކުރުމުން އެ ކުށުގައި އޭނާއަށް ދެވޭނީ 13 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. 

މިއާއި އެކު މައްސަލަ ބައްލަވާ ގާޒީ ވަނީ، ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި ތިން މަހާއި 18 ދުވަހަށް އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި 13 ދުވަހަށް ރުސްތުމް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. 

ރުސްތުމް ޖަލަށް ލުމަށް ހުކުމް ކުރިނަމަވެސް، އޭނާ މި މައްސަލައިގައި ބަންދުގައި ހުންނަތާ މިހާރު ހަމަހަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، ގާނޫނުގައި ވާގޮތުން މައްސަލައިގެ ހުކުމް ނުކޮށް ބަންދުގައި ހުންނަ ދުވަސްތަށް ހުކުމް ކުރުމުން އުނިވާނެ އެވެ. އަދި އެކަން މައްސަލަ ބައްލަވާ ގާޒީ ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. 

އެހެން ކަމުން ރުސްތުމްގެ މައްޗަށް ޖަލަށް ލުމަށް ހުކުމް ކުރިނަމަވެސް އޭނާ ތަންފީޒުުކުރަން ޖެހޭ ހުކުމެއް ނެތުމުން އޭނާ މިނިވަން ވާނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް