ads
ަނަޝީދު އަދި ރައީސް ސޯލިހުގެ ދެމެދުގައި ވަނީ ހިޔާލު ތަފާތުވުންތައް ވަރަށް ބޮޑުވެފައި——
ސަރުކާރު ހިންގުމުގެ ބާރު އޮންނަންވާނީ ރައްޔިތުންގެ ވޯޓުން ހޮވާ ރައީސަކަށް: ރައީސް ސޯލިހް
ސަރުކާރު ހިންގުމުގެ ބާރު އޮންނަންވާނީ ރައްޔިތުންގެ ސީދާ ވޯޓުކުން، ރައްޔިތުން އައްޔަންކުރާ ރައީސުލްޖުމްހޫރިއްޔާއަކަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ކޮންގްރެސްއަށް މިފަހުން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ، ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނައުމަށެވެ. 

ގާނޫނު އަސާސީއަށް ގެންނަން ގަރާރުގައި ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ސަރުކާރުގެ އެންމެ އިސްވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ އެމަޖިލީހުގެ އަގުލަބިއްޔަތު ލިބިފައިވާ ބޮޑުވަޒީރުކަމަށް ކަނޑަައެޅުމާއި، ދައުލަތުގެ އެންމެ މަތީ ވެރިއަކީ ރައްޔިތުންގެ އެންމެ ގިނަ ވޯޓުލިބޭ ރައީސުލްޖުމްހުރިއްޔާ ކަމަށް ކަނޑައެޅުން ހިމެނެ އެވެ.

ނަމަވެސް ގަރާރުގައި ވާގޮތުން ސަރުކާރު ހިންގާނީ ބޮޑުވަޒީރެވެ. އަދި، ރައީސުލްޖުމްހުރިއްޔާއަށް ލިބިދެވޭ ބާރާއީ މަސްއޫލިއްޔަތުވެސް ކަނޑައަޅަނީ ބޮޑުވަޒީރެވެ.

ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކޮށް ގާނޫނު އަސާސީއަށް މި ބަދަލުތައް ގެނައުމަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވެ، މިއަދު ރާއްޖެޓީވީ އަށް ރައީސް ސޯލިހު ދެއްވި އިންޓަވިއުގައި ވިދާޅުވީ، އެގަރާރުގައި އޮތްކަންކަން ގަބޫލުނުކުރެވޭ ކަމަށާއި، ތާއީދުކުރެވެނީ ހަމަ ރިޔާސީ ނިޒާމަކުން ރައީސުލްޖުމްހުރިއްޔާއަކު ކަނޑައަޅާ ސަރުކާރު ހިންގުމަށް ކަމަށެވެ.

“ އަޅުގަނޑަށް ޕާޝަނަަލީ ގަބޫލުކުރެވެނީ މިހާރު މިއޮތް ގޮތް، އެއީ ރައްޔިތުންގެ ސީދާ ވޯޓަކުން ރައްޔިތުންގެ ފުރިހަމަ އަގުލަބިއްޔަތުން ހޮވޭ ރައީސަކާއިއެކު އެކުލެވޭ ސަރުކާރަކަށް ހިންގުމުގެ ބާރު އޮތުން،” ރައީސް ސޯލިހު ވިދާޅުވި އެވެ.

ނަޝީދުގެ ގަރާރުގައި ވާގޮތުން، ބަރުލަމާނީއަށް ތާއީދު ލިބިއްޖެނަމަ، ސަރުކާރު ހިންގާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމަށް ކަނޑައެޅުން ވެސް ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ހިމަނާނެއެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެކަން އެގޮތަށް ކުރަންވީ ސަބަބައެއް ވެސް ގަރާރުގައި ނެތްއިރު، ބާރުތައް މަސްހުނި ކުރުމުގެ ބޭނުމެއް އެމަނިކުފާނަށް ނުވިސްނޭ ކަމަށެވެ.

“އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ގާނޫނު ހަދާ މަޖިލީހާއި، ގާނޫނު ހެދުމުގެ ބާރު އޮތް ފަރާތާއި ހިންގުމުގެ ބާރު އެއްކޮށް މަސްހުނި ކުރާކަށް އޭގެ ސަބަބުން ޖަވާބުދާރީ ކުރުމާއި، ޒިންމާދާރުކުރެވުމުގައި ބޮޑެތި މައްސަލަތަކެއް ނިކުންނާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،” ރައީސް ސޯލިހު ވިދާޅުވި އެވެ.

ގަރާރު ގަބޫލުނުކުރެވޭ ސަބަބާއި ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރު ނުހިންގި ރައްޔިތުންނަށް ވައުދުތައް ނުފުއްދެނީ ކޯލިޝަނަކުން ސަރުކާރު ވެރިކަމާއި ހަވާލު ވާތީ ކަމަށް ގަރާރުގައި ބުނާއިރު، ބަރުލަމާނީ އަށް ނިޒާމު ބަދަލުކޮށްފިނަ އެކަމަށް ހައްލު އަންނަން ޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެެސް ނިޒާމު ބަދަލުކުރުމުންވެސް އެކަމަށް ހައްލެއް ގެނެވޭނެ ގޮތެއް ގަރާރުގައި ނެތްކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

ރައީސް ސޯލިހު ވިދާޅުވީ، އެ ގަރާރު އޮތީ އަދި މާ ޅަފަތުގައި ކަމަށާއި، ގަރާރު އަބުރާ ގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް