އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުގެ ތާއީދާއެކު މިއަދު ނަޝީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، މިހާރު ދިވެހިރާއްޖޭގެ ގާނޫނު އަަސާސީން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމާއި، އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން، ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އިންތިހާބު ކާމިޔާބުކޮށް، ސާފު ސާދާ މުތަލަގް ބާރުތަކަކާއެކު ސަރުކާރު ހންގުމަށް އެއް ޕާޓީ އަށް އާދެވުމަކީ ނާދިރުކަމަކަށްވެފަވާ ކަމަށެވެ.
އަދި އެފަދަ އިންތިހާބެއް ކާމިޔާބު ކުރުމަށް އެހެން ޕާޓީތަކާއި އިއްތިހާދު ހަދައިގެން ވެރިކަން ލިބިއްޖެނަމަ ސަރުކާރު ހިންގުން ގަޑުބަޑުވެ، ރައްޔިތުންނަށް ވެފައިވާ ވައުދުތައްވެސް ފުއްދާނުދެވި ޕާޓީއާއިމެދު އޮންނަ އިތުބާރު ގެއްލެމުންދާ ކަމަށް އެ ގަރާރުގައި ވެއެވެ.
އެހެންކަމުން އެ ޕާޓީގެ ކޮންގްރެސްއަށް ނަޝީދު މިއަދު ހުށަހެޅުއްވި ގަރާރުގައި ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ، ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނައުމަށެވެ.
ގާނޫނު އަސާސީއަށް ގެންނަން ގަރާރުގައި ހުށަހަޅާފައިވާ އިސްލާހުތައް
- ސަރުކާރުގެ އެންމެ އިސްވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ އެމަޖިލީހުގެ އަގުލަބިއްޔަތު ލިބިފައިވާ ބޮޑުވަޒީރުކަމަށް ކަނޑަައެޅުން
- ދައުލަތުގެ އެންމެ މަތީ ވެރިއަކީ ރައްޔިތުންގެ އެންމެ ގިނަ ވޯޓުލިބޭ ރައީސުލްޖުމްހުރިއްޔާ ކަމަށް ކަނޑައެޅުން
- ސަރުކާރު ހިންގާނީ ބޮޑުވަޒީރުކަމާއި، ރައީސުލްޖުމްހުރިއްޔާއަށް ލިބިދެވޭ ބާރާއީ މަސްއޫލިއްޔަތުވެސް ކަނޑައަޅަނީ ބޮޑުވަޒީރު ކަމަށް ކަނޑައެޅުން
- ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަމްސީލުވާނެ ގޮތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި "ނެޝަނަލް ލިސްޓު" ގައި ތިބޭ މެމްބަރުންގެ އުސޫލު ކަނޑައެޅުން
- ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދު 87 ހިފެހެއްޓުން
- ސަރުކާރު ހިންގާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމަށް ކަނޑައެޅުން
- ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ފަސް ފަނޑިޔާރުން ކަމަށް ކަނޑައެޅުމާއި، ޖުޑީޝިއަލް ސާވިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުން
ވެރިކަމުގެ ނިޒާމު ބަދަލުކޮށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ނަޝީދު ގަރާރެއް ހުށަހެޅުއްވިއިރު، މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 21 އަށް ބާއްވާ އެމްޑީޕީގެ ކޮންގްރެސް އާއި ބެހޭ މައުލޫމާތު ހިއްސާކުރުމަށް އިއްޔެ އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮންގްރެސް ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވަނީ، ޕްރައިމަރީއެއް ބާއްވައިގެން ނޫން ގޮތަކަށް، 2023 ގެ ރިިޔާސީ ޓިކެޓު ދެވޭނެ އުސޫލެއް އަސާސީ ގަވާއިދުގައި ނޯންނަ ކަމަށާއި، އިސްލާހު ހުށަހެޅުމުގެ ފުރުސަތު ބަންދުވީއިރު، އެފަދަ ހުށަހެޅުމެއްވެސް ލިބިފައި ނުވާތީ، ދެން ޕްރައިމެރީއަކުން ނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަމަށެވެ.
އަދި ކޮންގްރެސްގައި އެފަދަ އިސްލާހެއް ހުށަހަޅައިގެން އަސާސީ ގަވާއިދު ބަދަލުކުރުމުގެ ހާލަތެއް އައިސްފާނެތޯ ނޫސްވެރިއަކުން ސުވާލުކުރުމުންވެސް އިބުރޭ ވިދާޅުވީ އެކަން ނުކުރެވޭނެ ކަމަށެވެ. އަދި އެކަން ނުކުރެވޭ ގޮތް ހަދާފައިވަނީވެސް މާޒީން ލިބުނު ހިތި ތަޖުރިބާ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން 2023 ގެ ވެސް ރިޔާސީ ޓިކެޓު ކަނޑައެޅިގެން ދާނީ، ޕްރައިމަރީއަކުން ކަމަށް އިބުރޭ ވިދާޅުވި އެވެ.
ނަމަވެސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ފުރޮޅާލައްވާ ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަވަން ބޭނުންފުޅުވާކަމުގެ ޝައުގުވެރިކަން ނަޝީދު އަންނަވަނީ، މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ފާޅުކުރަމުން ނެވެ.
އެފަހަރު ނަޝީދު ވަނީ ހުދު ރައީސް ސޯލިހް އަށް އެވާހަކަ މެސެޖަކުން ދަންނަވާފައެވެ. ނަމަވެސް އެވާހަކައާއި ގުޅިގެން ރައީސް ސޯލިހް މާބޮޑު ސަމާލުކަމެއް ދީފައިނުވާއިރު އޭގެ ސަބަބުން އެމްޑީޕީތެރެ ދެފެކްޝަނަކަށް ބެހި ހަމަނުޖެހުންތައް ޕާޓީގެ އެތެރޭގައި ފެށިގެންދިޔައެވެ.
އޭގެފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް އެއަހަރުގެ ނޮވެމްބަރު މަސްތެރޭ ފޮނުވި މެސެޖެއްގައި ވެސް ވާގޮތުން ބަރުލަމާނީ ނިޒާމެއް ގެނައުމާ މެދު ފެންނަ ނުފެންނަ ވޯޓެއް މިއަހަރުގެ ނޮވެމްބަރުގައި ނަގާނެއެވެ. ނަމަވެސް ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރާނީ 2023 ވަނަ އަހަރުގައި ކަމަށް އެ މެސެޖުގައި ވެއެވެ. އަދި އެކަމަށް ޕާޓީތަކުން އެއްބަސްވާ ފަދަ މޭރުމަކުން ނަޝީދު ވާހަކަދައްކަވާފައިވެއެވެ. ނަމަވެސް އެފަހަރު އެހެން ޕާޓީތަކުން ވަނީ އެފަދަ ކަމަކަށް އެއްްބަސްވެފައި ނުވާނެ ކަމަށް ބުނެފަ އެވެ.
ނަޝީދުގެ ފޮނުވި އެމެސެޖުގައި ވާގޮތުން 2023 ގައި ބަރުލަމާނީ ނިޒާމު ރާއްޖޭގައި އެކުލަވާލަން ބޭނުންވަނީ އެއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވަން ބޭނުންފުޅު ނުވާތީ އެވެ.
ނަޝީދު ވަނީ އެކަމުގައި ގައުމީ މަޖިލީސް ބައިބައި ނުވެ، އެކަމާއި ފުންކޮށް ވިސްނުމަށް އެދިފަ އެވެ. ނަޝީދު ވިދާޅުވީ ފުންކޮށް ވިސްނާލުމުން އެއީ ޕާޓީއަށާއި ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނަ ކަމަށެވެ.