ads
މިނިސްޓަރު އަސްލަމް
ރަށްރަށު މީހުނަށް ލިބޭނީ ފްލެޓެ، ގޯތި ލިބޭނީ ހަމައެކަނި މާލެ މީހުނަށް: މިނިސްޓަރު އަސްލަމް
މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ރަށްރަށު މީހުނަށް ލިބޭނީ ސަރުކާރުން ދޫކުރާ ފްލެޓުތައް ކަމަށާއި، ގޯތިތަކަކީ ހަމައެކަނި މާލޭ މީހުނަށް ހާއްސަ ތަންތަން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
Advertisement

އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލެއިން ބިންކޮޅެއް ލިބުމަކީ މާލޭ ރައްޔިތުން ވަރަށް ޒަމާނުންސުރެ އުންމީދުކޮށްގެން ތިބި ކަމެއް ކަަމަށެވެ. ދިވެއްސަކަށްވެހުރެ، ފުރާ ފުރިހަމަވެ، އާއިލާއެއް އުފެދުނީމައި ކޮންމެ މީހަކަށް ގޯއްޗެއް އިހުޒަމާނުންސުރެ ދީ އުޅޭ ކަމަށެވެ. އެއީ އޭރަށް ބަލާއިރު މައްސަލައަކަށް ނުވިނަމަވެސް މިހާރު ކޮންމެ ރައްޔިތަކަށް ބިންދެވެން މާލޭގައި ނެތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އޭރު ބިން އޮތް ގޯތި ދޭން، އެކަމަކު މިހާރު އާބާދީގިނަވަމުން، ގިނަވަމުން ގޮސް ވަކިވަރަކަށްވުރެ އިތުރުވެއްޖެޔާ އެތާކު ނުހުންނާނެ ދޭނެތަނެއް. ދެން އެކަން ކިތަންމެ ވަރަކަށް ކުރަން ބޭނުންވިޔަސް އެކަން ކުރަން ދަތިވާނެ." މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭ ސަރަހައްދުން 5000 ގޯތި ދޭން އިއުލާންކުރެއްވީ، ލިބެންހުރި މިންވަރަކުން މާލޭ ރައްޔިތުންނަށް ގޯތި ދޭން މިވަގުތަށް ޖެހޭކަމަށް ގަބޫލުކުރެވިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އޭގެތެރެއިން 3000 ގޯތި މާލޭ ރައްޔިތުންނަށް ދިނުމަށް މިހާރު އިިއުލާންކޮށްފައިވާއިރު، މިހާތަނަށް 10،000އަށްވުރެ ގިނަ މީހުން ގޯތިތަކަށް އެދި ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މާލޭ ރައްޔިތުންނަށް ގޯތި ދޭތީ އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މާލެއިން ގޯތިދޭއިރު، އިސްކަންދޭންޖެހޭނީ މާލެ ރައްޔިތުންނަށް ކަމަށް ހުދު އެމަނިކުފާނު ވަރަށް ބޮޑަށް ގަބޫލުކުރައްވާ ކަމަށެވެ. 

"ރަށްރަށުން ގޯތި ދިނަސް އެންމެ އިސްކަމެއްދެނީ އެރަށެއްގެ ރައްޔިތުންނަށް. މާލޭ މީހުނަށްވެސް އެބައޮންނަންޖެހޭ ގޮތެއް. އެހެންވީމަ މާލޭ މީހުނަށް ހާއްސަކުރީ،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެ ވިސްނުމުގައި އެގޮތަށް ވާހަކަަދައްކަވަން އެމަނިކުފާނަށް ވަރަށް ފަސޭހަވަނީ އެމަނިކުފާނަކީ ވެސް ރަށަކުން އައިސްފައި ހުރި މީހަކަށްވުމުން ކަމަށާއި، އެރަށުން ގޯއްޗެއް ހުދު އެމަނިކުފާނަށްވެސް ނުލިބޭ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާނަމަ އެހެން ރަށްރަށުގެ މީހުންނަށް ސަރުކާރުން އަޅާ ފްލެޓުތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އެކަމަކު ގޯތިތައް ހާއްސަވާނީ ހަމައެކަނި މާލޭ މީހުންނަށް ކަމަށް ވިދާޅުވި އެވެ. 

"ފްލެޓަށް ކުރިމަތިލެވޭނެ، 15 އަހަރަށްވުރެ ގިނަ ދުވަހު މާލޭގައި ދިރިއުޅެފައި ހުރެއްޖެޔާ ލިބޭނެ، އެހެނަސް ގޯތި އެއީ ހާއްސަކޮށް މާލޭ މީހުނަށް." މިނިސްޓަރު ވިދާޅުވި އެވެ.

މިިނިސްޓަރު އިތުރަށް ވިދާޅުވީ، ގިރާރަވަރު ފަޅުންވެސް މާލޭ މީހުނަށް ގޯތި ދިނުމަށް 2000 ބިން ހުސްކުރާނެ ކަމަށެވެ.

އަދި އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް، އަތޮޅުތެރޭގައިވެސް 14 ރަށެއްގައި ސަރުކާރުން ގެދޮރު އިމަރާތް ކުރަމުން އެބަދާ ކަމަށާއި އެއީ 1520 ޔުނިޓު ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
42%
ވަރަށް ސަލާމް
ކޮމެންޓްސް