އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ވަކި ލީޑަރެއްގެ ނަން ވިދާޅުނުވެ، މިނިސްޓަރު މާރިޔާ ވިދާޅުވީ، "ޓިކެޓު ދިން ޖަލްސާގައި ސިފައިން މިނިވަންކުރަން ޖެހޭ" ކަމަށް ޓިކެޓު ލިބުނު ފަރާތުން ވިދާޅުވިޔަސް ދެން އެޖާގަ ސިފައިންގެ ތެރެއިން ނުދޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
ޓިކެޓު ދިނުމުގެ ޖަލްސާއެއް މިފަހުން ބާއްވާފައިވަނީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެވެ. އެ ޖަލްސާގައި އެ ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ވަނީ އެޕާޓީގެ ރިޔާސީ ޓިކެޓު ދީފަ އެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ، އެކަމުގެ ނުރުހުން އެކަމަނާއަށް އަބަދުވެސް އޮންނާނެ ކަމަށާއި، އެކިއެކި ވާހަކަތައް ދައްކާ، އާއިލާތަކާ ބެހި އެނޫން ގޮތްގޮތައް ވެސް އިދިކޮޅުން އެކަމަނާ އާ ބެހޭނެ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ތާއީދު ނެތް މީހަކު، ސިފައިން މެދުވެރިކޮށް، އެކިގޮތްގޮތުން ހުކުމު ނެރެގެން ވެސް ދެން އެއީ ނުވާނެ ކަމެއް ކަމުގެ ޔަގީންކަން އެކަމަނާ އަރުވާފައި ވެއެވެ.
ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ކުރިމަތިވި ފުރަތަމަ އިންތިހާބުގައި ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރި ވެރިކަމެއް ވެއްޓުނީ ފެބްރުއަރީ 7، 2012ގައެވެ.
އޭރުގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާ ސިޓީ އެމަނިކުފާނުގެ އަތުން ލިޔުއްވީ މިހާރުގެ ފޮރިން މިނިސްޓަރަށް އަދި އޭރުގެ މަޖިލީހުގެ ރައީސަށް އެޑްރެސް ކޮށެވެ. އެތައް ބަޔަކު ރޮއްވާލި ސިޓީ އަކަށް އެ ސިޓީ ވިއިރު، އެ ސިޓީ ވީ ޖުމްހޫރީ މައިދާނަށް އެވަގުތު އެއްވެ ތިބި މީހުން ހެއްވާލި ސިޓީ އަކަށެވެ.
އެ ސިޓީ ލިޔަން މަޖުބޫރުވީ، ނަޝީދުގެ ވެރިކަން ވައްޓާލުމަށް މަގުމައްޗަށް ނިކުން އިދިކޮޅުގެ ފަރާތްތަކާއި، ސިފައިންނާއި، ފުލުހުން ވެސް ގުޅުމުން ނެވެ.
އެދުވަހު ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުން މިހާރު ތިއްބެވީ، ރައީސް އިބްރާހިމް އާ އެއްކޮޅަށް އެމަނިކުފާނުގެ އެމްޑީޕީ ސަރުކާރު ހިމާޔަތް ކުރެއްވުމަށެވެ.