ads
ރައީސުން
ސިޔާސީ ލީޑަރުންނަށްވީމަ އަމިއްލައަށް ބޭނުންވާ ކަންކަން ހުރޭ: ރައީސް ސޯލިހު
ސިޔާސީ ލީޑަރުންނަށްވުމުން އަމިއްލައަށް ބޭނުންވާ ކަންކަން ހުންނަކަމަށާއި، ނަމަވެސް ޕާޓީއާއި ގައުމަށްޓަކައި ގޮތްދޫކުރާނެކަން އެނގިގެން ހިގައްޖެކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ސޯލިހު މިގޮތަށް ވިދާޅުވީ، އެމްޑީޕީ ކޮންގްރެސް 2022 އަށް މިއަދު ރައީސް ނަޝީދު ހުށަހަޅުއްވަން އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ގަރާރު ހުށަނާޅަން އެމަނިކުފާނު ނިންމެވުމާއި ގުޅިގެންނެވެ.

ކޮންގްރެސް ނިންމާލަން ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އެއްޗެއް ވިދާޅުވަން ރައީސް ސޯލިހަށް އެރުވި ފުރުސަތުގައި ރައީސް ސޯލިހު ވިދާޅުވީ، ގަރާރު ހުށަނާޅުއްްވަން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށެވެ.

ކޮންގްރެސް ފެށިއިރު، ތަނުގެ މާހައުލު ވަރަށް ބޮޑަށް ގޯސްކަމަށާއި، ބޮޑެތި ހިޔާލުތަފާތުވުންތަކެެއް ވެސް ހުރި ކަމަށެވެ. އަދި އެންމެބޮޑު ހިޔާލުތަފާތުވުމެއް އޮތީ ނަޝީދުގެ ބަރުލަމާނީ ގަރާރާއި ގުޅިގެން ކަމަށެވެ.

“މިދިޔަ ދެދުވަހުތެރޭ މިތަނުގައި އަޅުގަނޑުމެން ހަރަކާތްތެރިވަމުން ދިޔައިރުވެސް އަޅުގަނޑުމެންގެ ހިތުން މި ޓެންޝަން ހުރި” ރައީސް ސޯލިހު ވިދާޅުވި އެވެ.

 

ނަމަވެސް ކޮންގްރެސް މިއަދު ނިމިގެންދަނީ އުފަލާއިއެކު، ފުރިހަމަ މެޗުއަ ޕާޓީއެއްްގެ ގޮތުގައި އޮވެގެން ކަމަށް ރައީސް ވިދާޅުވި އެވެ. 

“އަޅުގަނޑުމެން ކޮންމެ މީހަކީ ތަފާތު ވިސްނުންތަކާއި ތަފާތު ފިކުރުތަކެއް ހުންނާނެ ބައެއް އަދި ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭ އިރު އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކެއް ހުރޭ އަމިއްލައަށް ބޭނުންވާ ކަންތައްތަކެއް ހުރޭ. ނަމަވެސް މި ހުރިހާ ކަމެއް އެއްކިބާކޮށް ޕާޓީއާއެކު މި ގައުމާއިއެކު ކުރިއަށްދާންތިބިކަން މިތަނުން ހާމަވެގެން މިދިޔައީ،”ރައީސް ސޯލިހު ވިދާޅުވި އެވެ.

ބަރުލަމާނީ ގަރާރު ހުށަހެޅުއްވުމަށް ޕާޓީގެ ޗެއަ ފައްޔާޒު އިސްމާއިލް، ރައީސް ނަޝީދަށް ފުރުސަތު ދެއްވުމުން، ރައީސް ސޯލިހު އާއި ޗެއަ ފައްޔާޒު އާއިއެކު ސްޓޭޖުމަތީގައި ރައީސް ނަޝީދު ވަނީ ކުޑަމަޝްވަރާއެއް ކުރައްވާފަ އެވެ.

އެއަށްފަހު ރިޔާސަތުގައި އިށީދެވަޑައިގެން ނަޝީދު ވަނީ، ގަރާރަށް ބަހުސްނުކޮށް އެހަށް މިހާރު އޮތްގޮތަށް ގަރާރު ބާއްވަން ނިންމަވާފައިވާކަން އިއުލާން ކުރައްވާފަ އެވެ.

އެގޮތަށް ނިންމެވީ އިތުރަށް ރައީސް ސޯލިހުއާއި ޕާޓީއާއެކު މަޝްވަރާކުރުމަށްފަހު ހައްލެއް ހޯދުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް