ads
މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
ަމަޖިލިސް މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް ގާސިމުގެ އިސްލާހެއް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނިސްބަތް ކޮންމެ ފަސް އަހަރަކުން އިތުރުވަމުން އަންނާތީ، އެ އަދަދު މިހާރު ހުރި 87 ގައި ހިފެެހެއްޓުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅެމާއި ބެހޭގޮތުން ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި މިހާރު އޮންނަގޮތުން، ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެންވާނެ އެވެ.

އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް ހުންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މާއްދާއަށް އިސްލާހު ގެނައުމަށް މެމްބަރު ގާސިމް ހުށަހެޅި އިސްލާހުގައި ވަނީ، މަޖިލީހަށް އިންތިހާބުކުރާ މެމްބަރުންގެ އަދަދަކީ 87 ކަމުގައި ގާނޫނު އަސާސީގައި ލިޔެފައި ބޭއްވުމަށެވެ. އެގޮތުން އިދާރީ ދާއިރާތަކުގެ ތެރޭގައި 87 ދާއިރާ ހިމެނުމަށްފަހު، ކޮންމެ ދާއިރާއަކުން އެއް މެމްބަރަކު އިންތިހާބު ކުރަންޖެހޭގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ގާސިމް ހުށަހަޅުއްވާފައި ވެއެވެ. 

ސަބަބެއްކަމުގައި ވިދާޅުވެފައިވަނީ، މިހާރު ގާނޫނު އަސާސީގައި އޮންނަގޮތުން ކޮންމެ ފަސް އަހަރަކުން މަޖިލީހަށް މެމްބަރުން އިތުރުވަމުން ދިއުމުންނާއި، މިއަދަދު ހުއްޓުމެއްނެތި އިތުރުވަމުންދާނަމަ ރާއްޖެފަދަ ކުޑަ ގާނޫނު ހަދާ މަޖިލީހަށް ބޭނުންވާ ވަރަށްވުރެ ގިނަ މެމްބަރުން އިންތިހާބު ކުރަންޖެހެދާނެތީ އެވެ. 

"މިގޮތުން 87 މެމްބަރުންގެ އަދަދަކީ އެންމެ އެކަށޭނެ އަދަދެއްކަމަށް އަޅުގަނޑަށް ފެންނާތީ، ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބު ކުރަންޖެހޭ މެމްބަރުންގެ އަދަދަކީ 87 ކަމުގައި ގާނޫނުގައި ލިޔެފަައި ބޭއްވުމަށްޓަކައި މި އިސްލާހު ހުށަހެޅީމެވެ." ގާސިމުގެ ބިލުގައި ބުނެފައިވެއެވެ.

ގާނޫނު އަސާސީ 2008 ވަނަ އަހަރުގެ އޮގަސްޓު ހަތްވަނަ ދުވަހު އިސްލާހުކުރެވުނު ފަހުން މިހާތަނަށް ބާއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބެވެ. އެގޮތުން 2009 ގައި ބޭއްވުނު 17 ވަނަ މަޖިލީހަށް 77 މެމްބަރުން އިންތިހާބުކުރި އިރު، 2014 ވަނަ އަހަރު ބޭއްވުނު 18 ވަނަ މަޖިލީހަށް 85 މެމްބަރުން އަދި މިހާރު ކިުރިއަށްދާ 19 ވަނަ މަޖިލީހަށް 87 މެމްބަރުން ވަނީ އިންތިހާބު ކުރެވިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް