އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން ސަސްޕެންޑް ކުރީ ތިންވަނަ ޕާޓީއެއްގެ ނުފޫޒުގެ ސަބަބުންކަމުގައި ފީފާއިން ބުނެފައި ވެއެވެ. އަދި، ފީފާއިންވެސް ދެކޭގޮތުގައި، އޯލް އިންޑިއާ ފުޓްބޯލް ފެޑަރޭޝަންގެ އިލެކްޓޯރަލް ކޮލެޖް ވަނީ އިސްލާހް ކުރަން ޖެހިފައެވެ. އެހެން ނަމަވެސް، ސުޕްރީމްކޯޓުން އިންޑިއާގެ އެސޯސިއޭޝަންގެ އިލެކްޓޯރަލް ކޮލެޖް ހަމަޖެއްސިގޮތަކީ ފުޓުބޯޅައަށް އެންމެ ފަހި ގޮތް ނޫންކަމަށް ފީފާއިން ބުނެފައި ވެއެވެ.
އިންޑިއާގެ ސްޓޭޓް އެސޯސިއޭޝަންތަކުން ފީފާގެ ރައުޔޫ ބަލައިގަނެއެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުން ނިންމެވީ، 36 ސްޓޭޓް އެސޯސިއޭޝަނަށް، ކޮންމެ އެސޯސިއޭޝަނަކަށް އެއްވޯޓް ދިނުމަށްފަހު، ހަމަ އެއަދަދަށް ކުރީގެ ފުޓުބޯޅަ ކުޅުންތެރީންނަށް ވޯޓު ލުމުގެ ހައްގު ދިނުމަށެވެ.
އެންމެ ފަހުން މައްސަލަ ހައްލުކުރެވުނީ ސްޓޭޓް އެސޯސިއޭޝަން ތަކާއި އެއް އަދަދަކަށް، ކުރީގެ "އެމިނަންޓް" ކުޅުންތެރިންނަށް 50-50 އުސޫލުން އިލެކްޓޯރަލް ކޮލެޖް ހަމަޖެއްސުމުގެ ބަދަލުގައި، އިލެކްޓޯރަލް ކޮލެޖަކީ ހަމައެކަނި 36 ސްޓޭޓް އެސޯސިއޭޝަން ކަމުގައި ނިންމައިގެނެވެ. އެސޯސިއޭޝަންގެ އެގްޒެކެޓިވް ކައުންސިލް (އެގެޒެކެޓިވް ކޮމިޓީ) 12 އިން 22 އަށް އިތުރުކޮށް (ރައީސް، ނައިބު ރައީސުން، ސެކްޓްރީ ޖެނެރަލް ފަދަ މަގާމްތައް މިއަދަދުގެތެރޭ ހިމަނައި) އަދި، މި ބާވީސް މެމްބަރުންގެތެރޭ ކުރީގެ ގައުމީޓީމް ކުޅުންތެރިންގެ ތެރެއިން 5 ކުޅުންތެރިން ހިމަނާގޮތަށެވެ. އެގްޒެކެޓިވް ކައުންސިލް އިންތިހާބުކުރާނީ 36 ސްޓޭޓް އެސޯސިއޭސޯސިއޭޝަނުން ނެވެ.
މައްސަލަ ތިލަވުން
އޯލް އިންޑިއާ ފުޓުބޯލް ފެޑެރޭޝަންގެ މައްސަލަ ތިލަވީ، ހަތަރު އަހަރުގެ ތިން ޓާމަށްފަހު، އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވި، މަޖިލިސް މެމްބަރު، ފްރަފޭލް ޕަޓެލް ހަތަރުވަނަ ޓާމަކަށް ކުރިމަތިލާން އުޅުއްވުމާއި ގުޅިގެންނެވެ. 2011 ގެ އިންޑިއާގެ ސްޕޯޓްސް ކޯޑް ބުނަނީ ގައުމީ ކުޅިވަރު ޖަމިއްޔާއެއްގެ ރައީސްކަމުގައި ތިން ޓާމަށްވުރެ ގިނަދުވަހު ހުރެގެން ނުވާނެ ކަމަށެވެ. އެހެންނަމަވެސް، މިއީ ފީފާއިން ނެގި މައްސަލައެއް ނޫނެވެ. ފީފާއިން އެދުނީ، އޭ.އައި.އެފް.އެފް ފިޔަވާ އެހެން ފަރާތަކުން، ކުޅިވަރުގެ މައްސަލަތަކުގައި އެސޯސިއޭޝަންގެ ކަންކަމާއި ނުބެހުމަށެވެ. ޓާމް ލިމިޓް ސެޓްކުރުމަކީ ފީފާއިން ކަންބޮޑުވާކަމެއް ނޫންކަމަށް ފެނެ އެވެ.
ފީފާއިން ކަންބޮޑުވުން ފައުޅުކުރީ ސުޕްރީމް ކޯޓުން އެސޯސިއޭޝަންގެ އިލެކްޓޯރަލް ކޮލެޖް ކަނޑައެޅުމުންނެވެ. ފީފާއިން ދެކެނީ، އިލެކްޓޯރަލް ކޮލެޖްގެ ނިސްބަތް ބަދަލު ކުރަން ޖެހޭނީ އެސޯސިއޭޝަންގެ ކޮންގްރެސްއިން ކަމަށެވެ. މިމައްސަލައިގައި ފީފާގެ ނުކުތާއަކީ، އެސޯސިއޭޝަންގެ އިލެކްޓޯރަލް ކޮލެޖް، ތިންވަނަ ފަރާތަކުން ކަނޑައެޅި އެޅުމެވެ. އަދި އެނިންމުމަކީ މިޒަމާނުގައި ފުޓުބޯޅަ ހިންގުމަށް އެންމެ ފަހި އުސޫލް ނޫންކަމަށް ވެސް ފީފާއިން ދެކެއެވެ.
ފީފާ އިން ކަންބޮޑުވި އަނެއް ކަމަކީ، ސުޕްރީމް ކޯޓުން އެސޯސިއޭޝަންގެ ހިންގުން، ކޮމިޓީ އޮފް އެޑްމިނިސްޓްރޭޝަން (ސީއޯއޭ) އަކާ ހަވާލުކުރުމުންނެވެ. ފީފާގެ ބަހުންނަމަ، "އިންޓަރިމް" ނުވަތަ "ނޯމަލައިޒޭޝަން" ކޮމިޓީ ތަކަކީ ފީފާ ގެ މެމްބަރު ގައުމަކަށް ވާތީވެ، އެ ހައިސިއްޔަތުން، ފީފާއިން އައްޔަން ކުރާ ކޮމިޓީތަކެކެވެ. ސުޕްރީމް ކޯޓުން މިފަދަ ކޮމިޓީއެއް އެކުލަވާލާ، އެކޮމިޓީގެ ދަށަށް އެސޯސިއޭޝަންގެ ހިންގުން ގެނައުމުން، އެކަމާއި ކަންބޮޑުވެ، ފީފާ އާއި ސަރައްހައްދީ ޖަމިއްޔާ، އޭ.އެފް.ސީ، އެކުލެވޭ ރަސްމީ ޑެލިގޭޝަނެއް އިންޑިއާއަށް ޒިޔާރަތްކޮށް، ކަންކަން ދެނެގަތުމުގެ މަސައްކަތް ފެށިއެވެ. އިލެކްޓޯރަލް ކޮލެޖްގެ މައްސަލައިގައި، އެންމެފަހުން އިންޑިއާ ސަސްޕެންޑްކުރީއެވެ.
އަސްލު މައްސަލަ
އަސްލު މައްސަލައަކީ، އިންޑިއާ ސަރުކާރުން، އެގައުމުގެ ފުޓުބޯޅައިގެ ފެންވަރު ދަށްވެގެން އަވަސް ހައްލެއް ހޯދަން އުޅުމެވެ. އިންޑިއާގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ނަތީޖާ ނެރުމުގެ ސްޕީޑް ދަށްކަމަށްބުނެ، ސަރުކާރުން އެސޯސިއޭޝަންގެ ބަޖްޓްވެސް ވަނީ ހަ ގުނަ ދަށްކޮށްފައެވެ. އަދި އެސޯސިއޭޝަންގެ އިލެކްޓޯރަލް ކޮލެޖް ހަނިވެފައި ބަލިކަށްޓެވެ. ޖަމިއްޔާގެ ހިންގުން ދޯދިޔާވެ، އެގްޒެކެޓިވް ކޮމިޓީގައި، ވިޔަފާރި އުސޫލުން ފުޓުބޯޅައިގެ މުއާމަލާތްތައް ކުރުމުގެ ގާބިލްކަން ހުރި މެމްބަރުން ނެތްކަމުގެ ތުހުމަތު ތައްވެސް ދަނީ ކުރެވެމުންނެވެ. ފުޓުބޯޅައިގެ ދަނޑުފޯރި ރަމްޒުކޮށްދޭ 23 މިލިއަން ފުޓުބުބޯޅަ ސަޕޯޓަރުން އިންޑިއާގައި އުފެދިފައިވީއިރު، ކްލަބްތައް ފައިނޭންސްކޮށް، ޕްރޮމޯޝަން- ރެލިގޭޝަން، އުސޫލަށް އެކުލަވާލެވޭ ފުޓުބޯޅަ ޕިރަމިޑެއް ބައްޓަންކުރަން ބޭނުންވާ ނެގޯސިއޭޝަންތައް ހިންގުމުގެ ގާބިލްކަން ނެތްކަމުގެ ތުހުމަތެވެ.
ކުރުކޮށް ދަންނަވަނީނަމަ، އެސޯސިއޭޝަން އޮތީ އޮޔާލާފައެވެ! ޒަމާނަކަށް ނުފެތެއެވެ. އިންޑިއާ ބޭނުންވަނީ ފުޓުބޯޅައިންވެސް ދުނިޔޭގެ ބާރަކަށް ވާށެވެ. އެހެންނަމަވެސް އެފެންވަރުގެ އެސޯސިއޭޝަނެއް އިންޑިއާގައި އުފެދިފައި ނެތީއެވެ. 2011 ވަނަ އަހަރު އިންޑިއާގައި އަމަލުކުރާނެ ސްޕޯޓްސް ކޯޑެއް ތަފްސީލްކުރީ، ކުޅިވަރުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ބާރަކަށް އިންޑިއާ ހެދުމުގެ ނިޔަތުގައިކަމަށް ބެލެވެއެވެ. އިންޑިއާގެ ސްކޫލްތަކުގައި ހަށިގަނޑުގެ ތަރުބިއްޔަތު، ނުވަތަ ޕީ.އީ އަކީ މިހާރު މަޖުބޫރު މާއްދާއެކެވެ.
ރާއްޖެއަށް ލިބޭ އިބްރަތް
ރާއްޖެއަށްވެސް ދިމާވެގެން އުޅެނީ، އެފް.އޭ.އެމް ގެ ނާގާބިލްކަމެވެ. އިންޑިއާއެކޭ އެއްފަދައިން، ރާއްޖޭގެ އެސޯސިއޭޝަންގައިވެސް، ރަނގަޅު އިލެކްޓޯރަލް ކޮލެޖެއް ނެތެވެ. މިސާލަކަށް އެފް.އޭ.އެމް ގެ އިލެޓްޓޯރަލް ކޮލެޖް އެކުލެވެނީ މައިގަނޑުގޮތަކަށް މާލޭގެ އެއްވަނަ ޑިވިޒަންގެ ކްލަބްތަކުގެ މައްޗަށެވެ. ވީމާ ޒަމާނާއި އެކަށީގެންވާ އެގްޒެކެޓިވް ކޮމިޓީއެއްވެސް އުފެދިފައެއް ނުވެއެވެ. ނަތީޖާއަކަށް ވެފައި މިއޮތީ، އިތުބާރުނުކުރެވޭ، ދަރަނިވެރިވެފައިވާ، ދެރަވަރު މެނެޖްމަންޓެއްގެ ދަށުން އެސޯސިއޭޝަން އޮޔާލާ ދިއުމެވެ.
އިންޑިއާގެ ތަފާތަކީ، އެގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަން ނިދާފައި އޮތްނަމަވެސް، ވިޔަފާރިތައް އޮތީ ހޭލާ ކަމެވެ. ރާއްޖޭގެ އިގްތިސާދު، މަރުކަޒުކުރެވިފައިވާ ކޮމާންޑް އިކޮނޮމީއަކުން، ލާމަރުކަޒުކޮށް އެކޮނޮމީ ހުޅުވާލެވުނީ ދާދިއެހަކަށް ދުވަހުއެވެ. އެހެންނަމަވެސް އިންޑިއާގެ ބިޔަ އާބާދީ، ރާއްޖެއަށްވުރެ ކުރިން މިމަރުހަލާ ހުރަސްކޮށްފިއެވެ. މިއަދު އިންޑިއާގެ ވިޔަފާރި ދަނީ ފުޅާވެ، ޕްރައިވެޓައިޒް ކުރެވެމުންނެވެ. ރާއްޖޭގައި، ފުޓުބޯޅައަށް، ވިޔަފާރި ކުންފުނިތަކުން ފައިސާ ލަނީ ސަރުކާރުން އެދުނީމައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެކަންޏެެވެ. މިސާލަކަށް ރާއްޖޭގައި ޕްރައިވެޓް އިކުއިޓީއިން މުއްސަނދިވެފައިވާ ޓުއަރިޒަމް ދާއިރާ އިން ދިވެހި ފުޓުބޯޅައަށް ޝައުގުވެރިކަމެއް އޮތްކަމަކަށް އަދިއެއް ނުފެނެއެވެ. މިހާރު އެއޮތް އެސޯސިއޭޝަން އެގޮތަށް އޮންނަހާ ދުވަހު ހަގީގީ ވިޔަފާރި ކުންފުނިތަކުން ރާއްޖޭގައި ފުޓުބޯޅަ ސްޕޮންސަކުރާކަށް ނޫޅޭނެއެވެ.
އިންޑިއާގައިވެސް ކުރީ ޒަމާނުގައި ކަން އޮތީ މިހެންނެވެ. އެއިރު އިންޑިއާގެ ފުޓުބޯޅަ ސްޕޮންސަރަ ކުރީ، މިހާރު ރާއްޖޭގައި ކަންކުރާގޮތަށް ސްޓޭޓް އޯންޑް އުންޓަރޕްރައިޒްތަކުން (އެސް.އޯ.އީ ތަކުން) ނެވެ. ރާއްޖޭގައި މިކަން މިގޮތަށް ދެމިގެން ދިނަނަމަވެސް، އިންޑިއާ ބަދަލުވެއްޖެއެވެ. މިއަދު އިންޑިއާގެ އަމިއްލަ ވިޔަފާރި ކުންފުނިތަކުން ފުޓުބޯޅަވެސް ސްޕޮންސަރްކުރަން ޝައުގުވެރިވާން ފަށައިފިއެވެ. 2011 ވަނަ އަހަރު އައި.އެމް.ޖީ. ރިލައަންސް އިން އިންޑިއާގައި، އިންޑިއަން ސުޕަރ ލީގް ނަމުގައި، އެމެރިކާގެ ކުޅިވަރު ޝަގާފަތުން އުފެދިފައިވާ ކުޅިވަރު މޮޑަލްއަށް ފުޓުބޯޅަ ޕްރެންޗައިޒްއެއް އުފެއްދުމަށް އިންޑިއާގެ އެސޯސިއޭޝަނާއިއެކު 100 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. "ފްރެންޗައިޒް" އުސޫލުން ގައުމީ ލީގެއް އުފެއްދުމުން، ފީފާއިންވެސް އިންޑިއާގެ ފުޓުބޯޅައަށް ޝައުގުވެރިކަން އިތުރުވިއެވެ. އަދި އިންޑިއާގެ އެސޯސިއޭޝަނަށް، މިބަދަލާއި ފައިހަމަ ނުކުރެވުމުން، ފީފާއިން މިކަމުގެ ތެރެއަށްވަނީއެވެ. ފީފާ އިން އެދުނީ އިންގިރޭސި، އަދި ޔޫރޮޕްގެ ކުޅިވަރު ޝަގާފަތުން އުފެދިފައިވާ، ރެލިގޭޝަން-ޑެލިގޭޝަން އުސޫލުން، އެއް ލީގުން އަނެއް ލީގަށް ޓީމްތައް ބަދަލުވެވޭ އުސޫލެއް ގާއިމް ކުރުމަށެވެ. އަދި މިހިނގާ 2022 – 2023 ސީޒަނުން ފެށިގެން އިންޑިއަން ލީގުން ސުޕަރލީގަށް (އައި.އެސް.އެލް. އަށް) ޓީމް ޕްރޮމޯޓް ކުރާނެއެވެ. އަދި، މަތީ ލީގުން ދެވަނަ ލީގަށް، އެއީ އިންޑިއަން ލީގަށް، ޓީމް ޑެލިގޭޓް ކުރާނެއެވެ. އެމެރިކާގެ ކުޅިވަރު ފްރެންޒައިޒްތަކުގައި ޕްރޮމޯޝަން–ޑެލިގޭޝަން އުސޫލެއް ނޯވެއެވެ.
ރާއްޖޭގައި ކަން އޮތް ގޮތް
ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަނަށް މިއަދާއި ހަމައަށް، ގާއިމްކުރެވުނީ މާލޭ ލީގެކެވެ. މާލެ ފިޔަވާ އެހެން އަތޮޅުތައް ބައިވެރިކުރެވޭ ހަރުދަނާ އުސޫލެއް ގާއިމް ކުރެވިފައެއް ނުވެއެވެ. އެފް.އޭ.އެމް. ގެ އިލެކްޓޯރަލް ކޮލެޖްގެ 35 ވޯޓްގެ ތެރެއިން ރާއްޖެތެރެ ތަމްސީލްކުރަން އޮންނަނީ އެންމެ 9 ވޯޓެވެ. އެއީ ޖުމްލަ ވޯޓްގެ، އެންމެ ހަތަރުބައިކުޅަ އެއްބައެވެ. ދައުލަތުގެ ސިޔާސަތާއި އެއްގޮތަށް، ތަފާތުނުކޮށް، އަތޮޅު ފެންވަރަށް ލާމަރުކަޒުކޮށް، އަތޮޅު ފުޓްބޯލް އެސޯސިއޭޝަންތައް ގާއިމްކުރުމުގެ ވިސްނުމެއް ނެތެވެ. ވީމާ، ހިންގާކޮމިޓީވެސް ހަނިވެފައި، ނިކަމެއްޗެވެ.
އިންޑިއާއެކޭ އެއް ފަދައިން، ދިވެހި ސަރުކާރަށްވެސް ޖެހިފައި މިއޮތީ، އެފް.އޭ.އެމް ގެ އިލެކްޓޯރަލް ކޮލެޖް އިސްލާހް ކުރުމުގެ މައްސަލަ ފީފާ އާއި ހަމައަށް ގެންގޮސްގެން ނަމަވެސް ހަމައަކަށް އަޅުވާށެވެ. އިލެކްޓޯރަލް ކޮލެޖް ފުޅާ ކުރާށެވެ. އަތޮޅު އެސޯސިއޭޝަންތައް އުފައްދާ، މާލެ ފިޔަވާ ދެންއޮތް 20 އަތޮޅަށްވެސް ވޯޓްލުމުގެ ހައްގު ހޯދައި ދޭށެވެ. މިހާރު އެއޮތް މަތިބަރު އެފް.އޭ.އެމް. ގެ އެގްޒެކެޓިވް ކޮމިޓީ ގައި މިފަދަ ފިކުރެއް އުފަންވެދާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ.
އިންޑިއާގައި ކަންއޮތް ގޮތް
ސުޕްރީމް ކޯޓުން އެކުލަވާލި ކޮމިޓީ އޮފް އެޑްމިނިސްޓްރޭޝަން އުވާލާ، އެއްބަސްވެވުނު ގޮތަށް، އޭ.އައި.އެފް.އެފް އިން އިންތިހާބު ހިންގާ ތާވަލްއިން ފެންނަގޮތުގައި، 36 ސްޓޭޓް އެސޯސިއޭޝަން ގެ އިލެކްޓޯރަލް ކޮލެޖުން، 22 މެމްބަރުންގެ އެގްޒެކެޓިވް ކައުންސިލް ގެ ވޯޓުލުން ސެޕްޓެމްބަރު 2 ގައި އޮންނާނެ އެވެ. އަދި ލަސްވެގެން، ޖެހިގެން އަންނަ ދުވަހު (އަންނަ ހޮނިހުރު ދުވަހު) ވޯޓްގެ ނަތީޖާ އިއުލާނުކުރާނެއެވެ. ނުވަ ކެންޑިޑޭޓުން ވާދަކުރާ ރައީސްކަމުގެ ރޭހުގައި، ކުރީގެ ކުޅުންތެރިޔާ ބައިޗުންގް ބުޓިއާ ވެސް ހިމެނެއެވެ. އެހެންނަމަވެސް، ރޭހުގެ ކުރީގައި އުޅުއްވަނީ ކުރީގެ ގައުމީ ގޯލްކީޕަރެއްކަމުގައިވާ ކަލްޔަން ޗައުބޭއެވެ.
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެއްޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.