ads
ފުލުހުން ހަރަކާތްތެރިވަނީ: އިންސާފު ލިބޭނޭކަން ކަށަވަރުވާން ޖެހޭ---
މަގުމަތިން އިންސާފު ހޯދުން، ބޮޑު ފިތުނައެއް!
ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ގަންހިންގުވާ ވާހަކަ އަޑުއިވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. މީގެ ކުރިން އެންމެ ގިނައިން ފެނިފައި ހުރީ ވަގުހިފުނީމާ ރައްޔިތުން އެމީހާއަށް އަނިޔާކުރާ މަންޒަރެވެ. ތަޅާ އަނިޔާކުރަނީ ގޮތެއް ފޮތެއް ބަލާނުލައެވެ. އެމީހަކަށް އަތުޖެހުނު އެއްޗަކުންނެވެ. އެންމެން ކުރިމަތީގައެވެ. އެތައް ބަޔަކު ވަށައިގެން ކުޅިބަލަން ތިބެ އެވެ. އެއަށް ފަހު ރޯމާދުވާލު އެމީހާ ގަނހިންގުވައެވެ. އެވެސް ރޯ އޮރިޔާމާއެވެ.

މިއީ މީހަކު ކޮންމެ ފަދަ ކަމެއް ކުރިޔަސް އިންސާނަކާ މެދު ކަންކުރެވިގެން ވާނެގޮތެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރާނަމެވެ. ކުށްކުރާ މީހުންނަށް ޙައްގުވަނީ އަދަބެވެ. އަނިޔާއެއް ނޫނެވެ. އަދަބެއްގެ ގޮތުގައި ވެސް އިންސާނެއް ގެ ކާރާމަތަށް އަރައިގަތުމަކީ ގާނޫނު ހުއްދަކުކުރާ ކަމެއް ނޫނެވެ. "ލާއިންސާނީ އަދަބު ނުދިނުން" މި އަރިމަތީ ސުރުހީގެ ދަށުން ޤާނޫނު އަސާސީގައި ލިޔެފައި އޮތީ މިވާހަކައެވެ. 

"އެއްވެސް މީހަކަށް، ރަޙުމްކުޑަ، ލާއިންސާނީ، އިހާނެތިކަމެއް ކޮށްގެނެއް ނުވާނެއެވެ. އަދި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބެއް އެއްވެސް މީހަކަށް ދީގެނެއް ނުވާނެ އެވެ. އަދި އެއްވެސް މީހަކަށް އަނިޔާކޮށްގެނެއް ނުވާނެއެވެ." ސާދާ ޢިބާރާތްތަކެކެވެ. މާނަކުރުމަކަށް، ތަރުޖަމާއަކަށް ޖާގައެއް ނެތެވެ. 

މި ވާހަކަ ޤާނޫނުއަސާސީގައި އަގަނޑުމެން ލިޔުނީ މީގެ 14 ވަރަކަށް އަހަރު ކުރިންނެވެ. ނަމަވެސް އަނދަގޮނޑި ޖެހުމާއި ބުރިންހަންނެގުން ފަދަ ލާއިންސާނީ އަދަބުތައް ދިނުން އަޅުގަނޑުމެން ހުއްޓާލައިގެން ތިބޭތާ ބައިޤަރުނަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. ދާދި މިދާކަށް ދުވަހު ބަޔަކު މީހަކަށް އަނިޔާ ކުރިކަމަށް ވަނީ އެމީހާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށްފަ އެވެ. 

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ގާނޫނުގައި ހަރުކަށި އަދަބެއް ކަނޑައަޅާފައިވާ ކުށެކެވެ. މި ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ މީހުންނާމެދު ޢަމަލުކުރަނީ 2009 ވަނަ އަހަރު ފާސްކޮށްފައިވާ ހާއްސަ ގާނޫނެއްގެ ދަށުންނެވެ. މި ޤާނޫނަކީ، މި ރާއްޖޭގެ ބަރުލަމާނީ ތާރީހަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންމެ ހަރުކަށި ގާނޫނެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއް ކުރިކަމުގެ ތުހުމަތު ކުރެވޭ ހިންދުން ފެށިގެން، ޝަރީޢަތް ނިމެންދެން އެމީހަކު އޮންނަނީ ޖަލުގައެވެ. ޤާނޫނު ހަރުކަށިކަމުންނެވެ. 

މި ހަޑިހުތުރު އަމަލު އާންމުވެފައިވާ މިންވަރަށް ބަލާއިރު، ގާނޫނު ހަރުކަށިވާން ވެސް ޖެހެ އެވެ. އަދި ފުލުހުންނާއި ގާނޫނު ތަންފީޒު ކުރާ އެހެނިހެން އިދާރާތަކުން މި ގާނޫނު ވަރަށް ރަނގަޅަށް ތަންފީޒު ކުރައްވާތަން ފެނުމަކީ، ލިބޭ ހިތްހަމަޖެހުމަކެވެ. ހަމަ މިގޮތަށް ރައްޔިތުން އަނިޔާއިން ސަލާމްތަކޮށް ދިނުމަކީ ވެސް ތަންފީޒީ އިދާރަތަކުން ކުރަންޖެހޭ ކަމެކެވެ. 

ފުލުހުންގެ އެންމެ އަސާސީ ޒިންމާއަކީ ވެސް ރައްޔިތުންނަށް އަމާން ވެއްޓެއް ހޯދައިދިނުމެވެ. އަނިޔާއިން ރައްކާތެރިކަން ލިބުމުގައި ކުށް ކުރާ މީހުންނާއި ކުށް ނުކުރާ މީހުން ތަފާތުވެގެނެއް ނުވާނެ އެވެ. މަގުމަތިން "އިންސާފު ހޯދުން" ޢާންމުވެއްޖެ ނަމަ، މުޖްތަމައުގެ އަމާންކަން ގެއްލުނީއެވެ. ރައްޔިތުން އަނިޔާ ކުރީ ވަރަށް ނުބައި މީހަކަށޭ ބުނެ، އެކަން ކުރި މީހުން ދޫކޮށްލައިގެން ތިބޭ ނަމަ، މީހުންނަށް އަނިޔާ ކުރުން ތަކުރާރު ނުވެއެއް ނުދާނެ އެވެ. އަދި އެ ފަދަ މައްސަލަތައް ހުށަހަޅައިގެން ނުބެލެނީ މުއައްސަސާއެއްގެ އިހުމާލުން ކަމަށްވާ ނަމަ އެ މުއައްސަސާއަކުން އިހުމާލުވި މީހާ އާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭނެ އެވެ. އެއީ ނުހައްގުން އަނިޔާ ކުރި މީހާ އަށް އަދަބު ދޭ އުސޫލުން ނުހައްގު މައްސަލަ ކުރިއަށް ނުގެން ގޮސް އިހުމާލުވި މީހާ އާ މެދު ވެސް އިންސާފުގެ ތަރާދުން ކިރަން ޖެހޭނީ އެއް ހަމައަކުން ނެވެ. އެކަންކަން ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން މިހާރު ސީރިއަސް ކަމެއްގެ ގޮތުގައި ނަގަންވީ ވަގުތު މިއޮތީ ޖެހިފައެވެ. 

ދައުލަތުގެ މުއައްސަސާތަކުން މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމޭ ބުނެ ނިންމާލައިގެން ނުވާނެއެވެ. ކޮމިޝަނަރު އޮފް ޕޮލިސް ނޫސް ބަޔާނެއް ނެރުއްވުމަކުން ނުފުދެ އެވެ. ޕްރޮސިކިޔުޓަރު ޖެނެރަލް ކުރައްވާ ޓްވީޓަކުން ވެސް މި ކަމެއް ހައްލެއް ނުވާނެ އެވެ. އަނިޔާވެރިން ގާނޫނުގެ ކުރިމައްޗަށް ގެންނަވާށެވެ. މިކަން ނުކުރެވިއްޖެނަމަ އިސާހިތަކު މި މުޖްތަމަޢަކީ ގާނޫނު ނުހިނގާ ތަނަކަށް ބަދަލުވެދާނެ އެވެ. މި ގައުމު ލޯ ލެސް ސްޓޭޓަކަށް ވެދާނެ އެވެ.

25%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
58%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް