ads
ޕްރެގްނެންސީ ނެގެޓިވް ނަތީޖާއެއް
ދަރިމައިނުވުމުގެ މައްސަލައާ ގުޅޭ ގަރާރުގެ ބަހުސް މިއަދު
ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާތީ، މި މައްސަލަ ތަހައްމަލުކުރަން ޖެހިފައިވާ ރައްޔިތުންނަށް އިޖުތިމާއީ ހެލްތު އިންޝުއަރެންސްގެ ދަށުން ބޭސްފަރުވާގެ ފުރުޞަތުތައް މިހާރަށް ވުރެ ފުޅާކޮށް، ފަސޭހަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް މިއަދު ފެށުމަށް ތާވަލުކޮށްފިއެވެ.
Advertisement

ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި ބޮޑުވަމުންދާތީ، ގައުމީ ފެންވަރުގައި ދިރާސާއެއް ހަދައި އާސަންދައިގެ ދަށުން ބޭސްފަރުވާގެ ފުރުސަތުތައް މިހާރަށް ވުރެ ފުޅާކޮށް ފަސޭކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ގަރާރެއް ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްއެވެ. މީކާއިލް މި ގަރާރު ހުށަހެޅުއްވީ ޖޫން މަހުގެ ސާދަވަނަ ދުވަހުއެވެ.

ދަރިމައިނުވުމުގެ މައްސަލައާއި ގުޅިގެން ދެވޭ ބައެއް އަސާސީ ފެންވަރުގެ ބޭސްވެސް ރާއްޖޭގެ އިޖްތިމާއީ އިންޝުއަރެންސްގެ ސްކީމް (އާސަންދަ) ގެ ދަށުން ނުލިބޭތީއާއި، ދަރިމައިނުވުމުގެ މައްސަލައަށް ހާއްސަކުރެވިފައިވާ ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުން ރާއްޖޭގައި އިންތިހާއަށް ދަތިވެފައި، މި މައިގަނޑު މައްސަލައާއި ގުޅޭ އެއްވެސް ރަނގަޅު ފެންވަރުގެ ދިރާސާއެއް ނުވަތަ ތަފާސް ހިސާބެއް ނެތްކަން މީކާއިލްގެ ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.

މި ގަރާރުގައި މީކާއިލް ވިދާޅުވެފައިވަނީ ދަރިމައިނުވުމުގެ މައްސަލަ ތަހައްމަލުކުރަން ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން ޖެހިފައިވާ ކަމަށެވެ. އަދި އެ މައްސަލައަށް ބޭސްފަރުވާ ކުރާ މީހުންނަށް ގަވައިދުން ބޭނުންވާ ބޭހުގެ ބައެއް ބާވަތްތައް ރާއްޖެއިން ހޯދުމުގައި ތަފާތު އުނދަގޫތައް ހުންނަކަން އެ މީހުންނާ ހަވާލާ ދެއްވައި މީކާއިލްވަނީ މި ގަރާރުގައި ފާހަގަ ކުރައްވާފައެވެ.

ދަރިމައިނުވުމަކީ ދޭތެރެ ދުރުކުރާ އެއްވެސް ވަޞީލަތެއް ބޭނުންކުރުމެއްނެތި، ގަވާއިދުން ރޭކުރާތާ އެއް އަހަރު ވީއިރު ވެސް ބަލިވެ ނުއިނުމެވެ. ބައެއް ހާލަތުގައި މިމުއްދަތު 6 މަސް ކަމުގައި ބެލެވިދާނެ އެވެ. ޑޮކްޓަރީ ގޮތުން ބަލާއިރު ދަރިން ލިބުން ލަސްވުމަކީ ދަރިން ލިބުމުގެ ފުރުޞަތު ކުޑަވުމެވެ. ނުވަތަ ބަލިވެއިނުމުގެ ފުރުޞަތު ކުޑަވުމެވެ. އެއީ އެއްގޮތަކަށް ވެސް ދަރިމައިވުމަށް ނުކުޅެދިގެންވުމެއް ނޫނެވެ. އާންމު ގޮތެއްގައި 35 އަހަރުން ދަށުގެ ދެމަފިރިން، ގަވާއިދުން އެއްހަރު ވަންދެން ، ދޭތެރެ ދުރުކުރާ ވަޞީލަތެއް ބޭނުންކުރުމެއް ނެތި، ރޭކޮށް، ދަރިން ނުލިބޭނަމަ، އެއީ ދަރިމައިނުވުން ކަމުގައި ބެލެވިދާނެ ކަމަށް ޑޮކްޓަރީ ބައެއް ރިޕޯޓްތައް ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް