ރ. ދުވާފަރު ކައުންސިލުން ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީން ބަލަމުން ދަނިކޮށް، ދުވާފަރު ކައުންސިލުން މާލިއްޔަތު ގަވައިދާ ހިލާފަށް ކޮށްފައިވާ އެތައް ކަމެއް އޮޑިޓަ ޖެނެރަލް ފާހަގަކޮށްފިއެވެ.

Advertisement
މިދިޔަ އަންގާރަ ދުވަހު، އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ނެރުއްވި 2020 ވަނަ އަހަރުގެ ދުވާފަރު ކައުންސިލްގެ ކޮމްޕްލަޔަންސް އޮޑިޓުގައި ސީރިއަސް މައްސަލަތަކެއް ފާހަގަ ކުރައްވާފައިވެއެވެ. އަދި އެކަންކަން އިސްލާހު ކުރުމަށްވަނީ ލަފާ ދެއްވާފައެވެ.
ދުވާފަރު ކައުންސިލުން 2020 ވަނަ އަހަރު އާންމުކޮށް އިޢުލާންނުކޮށް، ބީލަމުގެ އުސޫލަށް ނުގޮސް އަދި ބިޑް ކޮމިޓީގެ ހުއްދައާއި ނުލައި ބައިމިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. ދުވާފަރު ކައުންސިލަށް އާމްދަނީގެ ގޮތުގައި ޖުމުލަ 700000 އަސްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، އާމްދަނީގެ ގޮތުގައި ލިބުނުކަމަށް ތިޖޫރި ބާކީކުރާ ފޮތުގައި ޖުމުލަ 500000 ގައި އުޅޭތީ އަސްލު ލިބުނު އަދަދަށް ވުރެ 200000 ރުފިޔާ މަދުކަމަށް ތިޖޫރީ ބާކީ ފޮތުން ދައްކައެވެ.
ދުވާފަރު ކައުންސިލްގެ ކޮމްޕްލަޔަންސް އޮޑިޓުގައި ފާހަގަކޮށްފައިވާ ކަންކަން.
- މާލީ ބަތާންތައް އޮޑިޓް ކުރުމަށް ހުށަހަޅާފައި ނުވުން.
- މުދާ ބަލައިގަތުމަށްފަހު މުދަލަށް އޯޑަރުކުރި ފޯމުގައި އެ މުދާ ލިބުނުކަމަށް ސޮއިކޮށްފައި ނުވުން.
- ".ޝޮޕިންގެ އުޞޫލުން" ތަކެއްޗާއި ޙިދުމަތް ހޯދުމުގައި ތިން ފަރާތުން އަގުހޯދާފައި ނުވުން.
- އާންމުކޮށް އިޢުލާންނުކޮށް، ބީލަމުގެ އުސޫލަށް ނުގޮސް އަދި ބިޑް ކޮމިޓީގެ ހުއްދައާއި ނުލާ މުދަލާއި ޚިދުމަތް ހޯދާފައިވުން.
- ކައުންސިލްގެ އިދާރާގައި ބަހައްޓާ ފައިސާ ލިޔެ ބަލަހައްޓާފައި ނުވުން.
- ލިބޭ ފައިސާ ގަވާއިދުން ބޭންކަށް ޖަމާކޮށްފައިނުވުން.
- ބޭންކް ބާކީ އަދި ބޭންކް ރިކޮންސިލިއޭޝަން ތައްޔާރުކޮށްފައިނުވުން.
- ޕެޓީކޭޝްގެ ގޮތުގައި ކައުންސިލް އިދާރެގެ ވެރިއަކަށް ގިނަ ޢަދަދެއްގެ ފައިސާ ތިޖޫރިން ނަގާ ހަވާލުކޮށްފައިވުމާއި، ޕެޓީކޭޝް ފައިސާ އިން ކުރެވިފައިވާ ޚަރަދުތަކުގެ ތަފްޞީލް ބަލަހައްޓާފައި ނުވުން.
- ކައުންސިލްގެ ސްޓޮކް ބާކީ އަދާހަމަކޮށް ޤަވާއިދުން ބަލަހައްޓާފައިނުވުން.
- ހަރުމުދަލުގެ ދަފުތަރު އަދާހަމަކޮށް ޤަވާއިދުން ބަލަހައްޓާފައިނުވުން.
- ދަތުރު ރިޕޯޓް ތައްޔާރުކޮށްފައި ނުވުން.
ދުވާފަރު ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ސީރިއަސް މައްސަލަތަކެއް އޮޑިޓަ ޖެނެރަލް ފާހަގަ ކުރައްވާފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް އަންނަނީ އެ ކައުންސިލްގެ ސީރިއަސް މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރޭގައި ޒަކާތަށް ލިބުނު ފައިސާއާ މެދު އަމަލު ކުރި ގޮތްތައްވެސް ހިމެނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދުވާފަރު ކައުންސިލްގެ މައްސަލަތަކެއް އޭސީސީން ބަލަމުން އަންނައިރު އެލްޖީއޭއިންވެސް އަންނަނީ އެ ކައުންސިލްގެ މައްސަލަތަކެއް ބަލަމުންނެވެ.