މިރިޕޯޓް ފައިލްކުރިއިރު ހިންގާކޮމިޓީގެ 14 މެމްބަރުން ވަނީ އަގުލަބިއްޔަތުން ހޮވިފައެވެ. ހިނގަމުން ދަނީ ރައީސް، ނައިބު ރައީސް އަދި ހަޒާންދާރުގެ ވޯޓެވެ. ރައީސް، ނައިބުރައީސް، ހަޒާންދާރާއި އެކު، ހޮވޭ ޖުމްލަ 17 މެމްބަރުންނަށް ދެން ޖެހެނީ ގައުމު ތަމްސީލްކޮށްދީފައިވާ ކުރީގެ ހިދުމަތްތެރި ކުޅުންތެރިންގެ 5 ކުޅުންތެރިން، (3 ފިރިހެން، 2 އަންހެން ކުޅުންތެރިން) ކޯ-އޮޕްޓަޑް މެމްބަރުންގޮތުގައި ވޯޓުން ހޮވުމަށެވެ.
އާ ހިންގާކޮމިޓީ ގެ 22 މެމްބަރުންގެ ލިސްޓް ފުރިހަމަވާނީ މިއަދު ނުވަތަ މާދަމާ ކަމަށް ވެއެވެ. ރައީސް ކަމުގެ ރޭހުގައި ކުރީގައި އުޅުއްވަނީ ކުރީގެ ގޯލްކީޕަރ ކަލްޔަން ޗައުބޭ އާއި މަޝްހޫރު ސްޓްރައިކަ ބައިޗުން ބުޓިޔާއެވެ. މިއީ އިންޑިއާގައި ކުރީގެ ކުޅުންތެރިއެއް އެސޯސިއޭށަންގެ ރައީސްކަމަށް ހޮވޭ ފުރަތަމަ ފަހަރުވެސް މެއެވެ.
މައްސަލައިގެ ފަސްމަންޒަރު
އިންޑިއާ ސަސްޕެންޑްކުރިތާ ދެ ހަފްތާ ނުވަނީސް، އިންޑިއާއިން ދޫދީ، ފީފާއާއި، ސްޓޭޓް އެސޯސިއޭޝަންތަކުގެ ރައުޔޫއާއި އެއްގޮތަށް އިލެކްޓޯރަލް ކޮލެޖް ހަމަޖައްސާ، މިއަދު އެއުފެދެނީ އިންޑިއާގެ ވާޑްކަޕް ކެމްޕޭން ކަމުގައި ނޫނީ ނުވާނެއެވެ. އިންޑިއާ ސަސްޕެންޑް ކުރަން ދިމާވީވެސް، އިންޑިއާ ސަރުކާރުން، ފުޓުބޯޅަ ކުރިއަރަންވަން ކުރި މަސައްކަތާއި ގުޅިގެންކަމުގައި ބެލެވެއެވެ. މިގޮތުން އޭއައިއެފްއެފްގެ ބަޖެޓް ހަ ގުނަ ދައްކޮށްފައިވެއެވެ. އިންޑިއާގައި ކުޅިވަރު ކުރިއެރުވުމަށް 2011 ގައި އެކުލަވާލީ "ސްޕޯޓްސް ކޯޑް" ގެ ދަށުން އެސޯސިއޭތަކުގެެ ރައީސުން، ތިންޓާމް ހަމަވުމުން ހަތަރުވަނަ ޓާމަކަށް ކުރިމައްޗެއް ނުލެވެއެވެ. އިންޑިއާއިން ވާލްޑްކަޕް ފެންވަރުގެ ފައިނަލްތައް ހޯސްޓްކުރުމުގެ ގާބިލްކަން އުފައްދައިފިއެވެ. މި އޮކްޓޯބަރު މަހު، 17 އަހަރުން ދަށުގެ އަންހެނުންގެ ވާލްޑްކަޕް ކުޅެނީ އިންޑިއާގައެވެ.
އިންޑިއާގެ ސަސްޕެންޝަންގެ މައްސަލަ ފެށިފައި އޮތީ 2016 ވަނަ އަހަރުއެވެ. އެސޯސިއޭޝަން ގެ އިންތިހާބު ހިންގާފައިވަނީ އެސޯސިއޭޝަންގެ ގަވާއިދާއި، އަދި ސްޕޯޓްސް ކޯޑާވެސް ހިލާފަށް ކަމަށް ކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ. މިމައްސަލަ އެންމެ ފަހުން ނިމުނީ ސުޕްރީމް ކޯޓާހަމައިންނެވެ. ނަތީޖާއަކަށްވީ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު، ތިންވަނަ ފަރާތެއްގެ ނުފޫޒު ގެސަބަބުން، ފީފާއިން އިންޑިއާ ސަސްޕެންޑް ކުރުމެވެ.
ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަން، އެފް.އޭ.އެމް.، ގެ އިންތިހާބުތަކަކީ، ނޫސްވެރިން ބޭރުކޮށް، ސިއްރިއްޔާތުގައި ހިންގާ އިންތިހާބު ތަކެކެވެ. އަދި ކޮންގްރެސް ހިންގަނީ އަސާސީ ގަވާއިދާއި ހިލާފަށް ކަމަށާއި، އަދި ގާނޫނާވެސް ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލިސް މެމްބަރުންވެސް އެމަޖިލިހުގެ ތަޅުމުގައި ތަކުރާރުކޮށް ތުހުމަތު ކޮށްފައި ވެއެވެ. އެހެން ނަމަވެސް، މިވަގުތު ރައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތު އޮތީ، ފީފާގެ ސަސްޕެންޝަންގެ ބިރުގައި، އެފް.އޭ.އެމް. ގެ އިންތިހާބުތައް ސައްހަކުރަން އުޅުމަކީ ބުއްދިވެރިކަމެއް ނޫންކަމަށެވެ.
އިންޑިއާއަށް އަންނާނެ ކުރިއެރުން
މިއިންތިހާބު ކުރިއަށްދާއިރު، އިންޑިއާގެ ފުޓުބޯޅަ ވެށި އޮތީ ހަލުވި ދުވެލީގައެވެ. މިހެން ދިމާވީ، 2010 ގައި އިންޑިއާގެ ބިޔަ ވިޔަފާރި ކުންފުންޏެއް ކަމުގައިވާ ރިލަޔަންސް އިންޑަސްޓްރީސް ލިމިޓެޑް ގެ ސްޕޯޓްސް އެންޑް ލައިފްށްޓައިލް ކުންފުނިން، އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަންއާއި އެކު، 100 މިލިއަން ޑޮލަރުގެ އެއްބަސް ވުމެއްގައި ސޮއިކުރުމުންނެވެ. އެ، އެއްބަސްވުމުގެ އަސާސްއަކީ، އެއިރު ސީދާ އެސޯސިއޭޝަނުން (އިން ހައުސް ކޮށް) ހިންގަމުން ގެންދިޔަ އިންޑިއަން ލީގް، ނުވަތަ "އައި. ލީގް" ގެ މަތީ ފަންތީގެ ލީގެއްގޮތުގައި "އިންޑިއަން ސުޕަރަލީގް" ފްރެންޗައިޒް އުސޫލުން ހިންގުމުގެ ހައްގުތަކެވެ.
އިންޑިއާގެ ފުޓްބޯލް އެސޯސިއޭޝަން އިން މިހައްގުތައް 15 އަހަރަށް ގެރެންޓީކުރެވުމުން، 2014 ވަނަ އަހަރު އަށްޓީމާއި އެކު ފެށި އިންޑިއަން ސުޕަރލީގް ގައި މިހާރު 11 ކްލަބް، ނުވަތަ "ފްރެންޗައިޒް" ކުޅެމުން އެބަދެއެވެ. 23 މިލިއަން ސަޕޯޓަރުން އުފެދިއްޖެއެވެ. މިހިނގާ 2022 – 2023 ސީޒަންއިން ފެށިގެން އައި-ލީގް ގެ އެންމެ މޮޅު ޓީމް ސުޕަރ ލީގަށް ޕްރޮމޯޓްވާނެއެވެ. އަދި ސުޕަރ ލީގް ގެ އެންމެ ފުލުގައި އޮތް ޓީމް އައި-ލީގަށް ޑެލިގޭޓް ވާނެއެވެ.
އާހިރު ނަތީޖާއަކީ، އެންމެ ފަހުން އިންޑިއާގައި މުޅި ގައުމު ރަމްޒުކޮށްދޭ ފުޓްބޯލް ޕިރަމިޑެއް ގާއިމް ކުރެވުމެވެ. އެއީ ފަށަލަ ތަކަކަށްް ލީގްތަކެއް ތަރުތީބު ކުރުމެވެ. ރާއްޖޭގައި މިފަށަލަތަކަށް ކިޔާ އުޅެނީ "ޑިވިޒަން" ތަކެވެ. އެއްވަނަ ޑިވިޒަން، ދެވަނަ ޑިވިޒަން، އަދި ތިންވަނަ ޑިވިޒަނެވެ. އިންޑިއާގައި މިއުފެދުނީ އެންމެ މަތީ ފަށަލައިގައި ސުޕަރ ލީގެވެ. އައި-ލީގާއި ސުޕަރަ ލީގް ގެތަފާތަކީ ދެލީގް ހިންގަނީ ވަރަށްވެސް ތަފާތު ދެފަރާތަކުން ކަމެވެ. އައި-ލީގް ހިންގަނީ، އެސޯސިއޭޝަނުންނެވެ. ސުޕަރް ލީގް ހިންގަނީ ވިޔަފާރި ކުންފުނިތަކަކުންނެވެ. މިޒަމާނުގެ ބިޒްނަސް މޮޑެލް އަކަށް އިންޑިއާގެ ފުޓުބޯޅަ ބަދަލު ވީއެވެ. އިންޑިއަން ސުޕަރ ލީގް މިހާރު އެހިންގަނީ، އިނގިރޭސި ޕްރެމިއަރލީގް ހިންގާ އުސޫލުންނެވެ. އެސޯސިއޭޝަނަކުން ނޫނެވެ. އެސޯސިއޭޝަންގެ ދައުރަކީ ފުޓުބޯޅަ ރެގިއުލޭޓް ކުރުމެވެ. މިސާލަކަށް، އަތޮޅުތަކަށް މާލޭގައި އޮންނަ ކޮމިޓީއަކުން އަތޮޅު މުބާރާތް ހިންގަން ނޫޅެ، އަތޮޅު ފެންވަރުގައި އެސޯސިއޭޝަނެއް ގާއިމްކުރަން ހުޅުވާލުމެވެ.
ރާއްޖެ ދެވަނައިގައި ހުއްޓިފައި
ސަރަހައްދުގެ ފީފާ ވާލްޑް ރޭންކިންގްގައި އިންޑިއާއޮތީ ދުނިޔޭގެ 104 ވަނަ އިގައި، ސަރަހައްދުގެ އެއްވަނައިގައެވެ. ރާއްޖެ، އޮތީ ދުނިޔޭގެ 156 ވަނައިގައި ރޭންކް ކުރެވުމުން، އިންޑިއާއަށްވުރެ ފަންސާސް ދެ ރޭންކް ފަހަތުގައެވެ. އެހެން ނަމަވެސް، ދެވަނައިގައެވެ. ތިންވަނައިގައި އޮތީ ކާރިން ވިހި ރޭންކް ފަހަތުގައި ނޭޕާލް އެވެ. ނުކުތާއަކީ، ސަރަހައްދުގެ އެއްވަނަ އާއި ދެވަނަ ގައުމުގެ މެދުގައި ހުރި ރޭންކްގެ ތަފާތު ބޮޑުކަމެވެ.
ބޫޓާންގެ ފަހަތުގައި އޮތީ ބަންގްލަދޭޝް 192 ގައެވެ. އެއަށްފަހު ޕާކިސްތާން 195 ގައި، އަދި ލަންކާ 207 ގައެވެ. ފީފާގެ މެމްބަރުންގެ އަދަދަކީ 209 އެވެ. ވީމާ މިވަގުތު ބަންގްލަދޭޝައާއި، ޕާކިސްތާނާއި، ލަންކާ މިއުޅެނީ އެކި މައްސަލަ ތަކުގައި، ދުނިޔޭގެ ރޭންކިންގްގެ ފުލުގައެވެ.
އޭޝިއާގެ 45 ގައުމު ގެތެރޭ އިންޑިއާ އޮތީ 19 ވަނައިގައެވެ. ރާއްޖެ އޮތީ، އަނެއްކާވެސް ދެގުނަ ފަހަތުގައި 31 ވަނައިގައެވެ. އެންމެ ހަތަރު ރޭންކް ފަހަތުގައި ނޭޕާލް 35 ވަނައިގައި އޮތްއިރު ލަންކާ މިވަގުތު އޮތީ ފުލުގައެވެ. ދެންވެސް ފާހަގަކުރެވެނީ އެންމެ މޮޅު ޓީމާއި ދެވަނަޓީމް ގެ ފަރަގު ބޮޑުކަމެވެ. ވީމާ، ރާއްޖެ އަވަސްވެގަންނަން ޖެހެނީ އިތުރަށް ފަހަތަށް ނުވެއްޓޭނެ ގޮތެއް ހޯދުމަށެވެ.
ރާއްޖޭގެ ލީގް ހުއްޓިފައިވާ ސަބަބު
ރާއްޖޭގައިވެސް ޕްރެމިއަލީގެއް، ގައުމީ ފެންވަރުގައި، އަދި ދެވަނަ ލީގެއް އަތޮޅު ފެންވަރުގައި ހިންގަން އުޅެ، އެހެންނަމަވެސް، އަދިވެސް މިއޮތީ ހަމަޖެހޭ އުސޫލެއް ގާއިމްނުކުރެވިގެން އެކަން ނުވެއެވެ. މައިގަނޑު މައްސަލައަކީ ފުޓުބޯޅައިގެ ބިޒްނަސް މޮޑެލްއެއް ނެތުމެވެ. އެފް.އޭ.އެމް އަށް، މިފަދަ މޮޑެލްއެއް ދެއްކިފައެއް ނުވެއެވެ. ބޮޑެތި ވިޔަފާރިތަކަށް ޝައުގުވެރިވާ ފެންވަރަށް ތަފްސީލްކޮށްދެވިފައެއް ނުވެއެވެ. އިތުބާރު އުފެއްދިފައެއް ނުވެއެވެ. އެސޯސިއޭޝަން އޮތީ ދަރާފައެވެ. މައްސަލަތައް ކޯޓުތަކުގައި ފުނިޖެހެނީއެވެ. މެނެޖްމަންޓެއް ނެތުމުންނެވެ. ޖަވާބުދާރީ ކުރެވޭ މެންޖްމަންޓެއް ނެތުމަކީ ނިޒާމްގެ ބަލިކަށިކަމެވެ. ކަރަޕްޝަނެވެ.
ރާއްޖޭގެ ޕްރެމިއަރލީގް ހިންގަނީ ސްޕޮންސަރުންގެ ފައިސާއިންކަމުގައި އެފް.އޭ.އެމް. އިން ބުނެއެވެ. އެއް އަހަރު އޫރިދޫން ސްޕޮންސަރ ކޮށްފިނަމަ، އަނެއް އަހަރު ދިރާގަށް ބަދަލު ވެދާނެއެވެ. ޕްރެމިއަރލީގް ގެ ސްޕޮންސަރާއި، ޕްރެމިއަރލީގް ކޮލިފިކޭޝަން ގެ ސްޕޮންސަރުން ތަފާތު ވެދާނެއެވެ. މިސާލަކަށް، ޕްރެމިއަރލީގްގެ ސްޕޮންސަރަކީ ދިރާގަށް ވީނަމަވެސް، އުތުރު ލީގްގެ ޕްރެމިއަރ ލީގް ކޮލިފިކޭޝަންބުރުގެ ސްޕޮންސަރަކީ އެމް.ޓީ.ސީ.ސީ އެވެ.
ފާހަގަކުރެވޭ ފުރަތަމަ ކަމަކީ ސްޕޮންސަރަކީ މުޅި މުބާރާތުގެ ސްޕޮންސަރަށް ވުމެވެ. އެހެންނަމަވެސް މުޅި މުބާރާތުގެ ސްޕޮންސަރުގެ ހައްގުތަކެއް ސާފެއް ނުވެއެވެ. އެހައްގުތައް ހަނިވެފައި، ފަނޑެވެ. ރާއްޖޭގެ ސްޕޮންސަރުންނަކީ ސްޕޮންސަރުންނެއް ނޫނެވެ! އެއީ ސަރުކާރުން އިޝާރާތްކުރެއްވުމުން "ސްޕޮންސަރ" ކުރާ ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. ވީމާ، އެކުންފުނިތަކުން ދެއްވާނީ ފައިސާއެވެ. އިސްތިހާރު ކުރާނެއެވެ.
އެހެންނަމަވެސް، ވިޔަފާރި އުސޫލުން ލީގް ހިންގާ ބިޒްނަޒް މޮޑަލް ވަރަށް ތަފާތެވެ. ކުޅިވަރު ބިޒްނަސް މޮޑަލް މިފެންނަނީ ވިޔަފާރި ކުންފުންޏެއް، ނުވަތަ ކުންފުނިތަކެއް ގުޅިގެން ސްޕޯޓްސް މާކެޓިންގް އެންޑް މެނެޖްމަންޓް ކުންފުންޏެއް އުފައްދާ، އެކުންފުނި މެދުވެރިކޮށް މުޅި ލީގް ރާވާ ހިންގުމުގެ "ރައިޓްސް" ހޯދުމެވެ. މި ރައިޓްސް ހޯދަނީ މެނެޖްމަންޓް ކުންފުންނާ، އެސޯސިއޭޝަނާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ތެރެއިން ނެވެ. އެއީ ކަނަޑައެޅޭ އުސޫލަކުން (ބިޒްނަސް މޮޑެލް) ފުޓުބޯޅަ ޓީމްތައް އުފައްދާ، މުބާރާތް ރާވާ ހިންގުމުގެ ހައްގުތައް ކުންފުންނަށް ދިގު މުއްދަތަކަށް ހޯދުމެވެ. މި ހައްގުތައް، ނުވަތަ ރައިޓްސް ލިބުމުން ފުޓުބޯޅަ ޓީމެއް ގެންގުޅެން ޝައުގުވެރިވާ އެހެނިހެން ވިޔަފާރި ކުންފުނިތަކަށް މިހައްގުތައް ވިއްކަނީއެވެ. އަދި މިކުންފުނިތަކުން ލީގްގައި ކުޅޭނެ ޕްރޮފެޝަނަލް ޓީމްތައް އުފައްދާ މެނެޖްކުރަނީއެވެ.
އިންޑިއާގައި، ރިލަޔަންސް އިންޑަސްޓްރީޒްގެ ސްޕޯޓްސް އެންޑް ލައިފްސްޓައިލް ކުންފުނިން މި ހައްގުތައް ގަތީއެވެ. އެސޯސިއޭޝަނާއި އެކު ވީ އެއްބަސްވުމުގެތެރެއިން 15 އަހަރަށް 100 މިލިއަން ޑޮލަރަށް، ސުޕްރލީގް ހިންގުމުގެ ރައިޓްސް ހޯދީއެވެ. އިންޑިއަން ސުޕަރލީގް ނުވަތަ އައި.އެސް.އެލް ގައި 11 ތަފާތު ޓީމް، ތަފާތު ކުންފުނިތަކުން ސްޕޮންސަރކޮށް، ހިންގައެވެ. ޓީމްތައް އުފައްދަނީ، ސަރަހައްދު، ނުވަތަ ސްޓޭޓް، ނުވަތަ ސިޓީ ތަކަށް ނިސްބަތްވާގޮތަށެވެ.
ރާއްޖޭގެ ހުރިހާ ދާއިރާތައް ލާމަރުކަޒުކުރަމުންދާއިރު، ކުޅިވަރުގެ ދާއިރާއޮތީ ވަރަށްވެސް ފަހަތުގައެވެ. މިސާލަކަށް، ފުޓުބޯޅަ އެސޯސިއޭޝަނަކަށް، އަތޮޅު އެސޯސިއޭޝަންގެ މަފްހޫމް ފަހުމް ކުރެވޭކަމަކަށް ނުފެނެއެވެ. ވީމާ، އެފް.އޭ.އެމް. ގެ އިލެކްޓޯރަލް ކޮލެޖް މިއޮންނަނީ އަތޮޅުތަކެއްގެ ބަދަލުގައި، ރެގިއުލޭޓް ނުކުރެވި، ވިއްސިވިހާލިވެފައިވާ ކުޅިވަރު ނިޒާމެއްގެ ތެރޭގައެވެ. މަދަނީ ޖަމިއްޔާތަކުގެ ރެޖިސްޓްރީން ބޭރުކޮށް، ސްޕޯޓްސް ކޮމިޝަނަރެއް މެދުވެރިކޮށް، ސްޕޯޓްސް މިނިސްޓަރުގެ ކޮންޓްރޯލަގައެވެ. ކުޅިވަރު ކްލަބްތައް ރެގިއުލޭޓް ނުކުރެވުމުން، ކުޅިވަރުގެ ދާއިރާގައި، ލާމަރުކުޒުކުރުން ކިއެއްތަ، އިޖްތިމާއީ، އަދި ކޯޕަރޭޓް ޝަގާފަތެއްވެސް އުފެދިފައެއް ނުވެއެވެ. ސްޕޯޓްސް މިނިސްޓްރީގެ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުމުގެ މަސައްކަތުގެ ނަތީޖާއެއް ނުފެނެއެވެ. ކުޅިވަރަކީ އިޖްތިމާއީ އަހްލާގް ގާއިމްކޮށްދޭ ވަސީލަތެއްގެ ގޮތުގައި ބެލެވޭތަނެއް ނުފެނެއެވެ.
އެފް.އޭ.އެމް. މިއަދު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައެވެ. ރަންގަޅު މެނެޖްމަންޓެއް ނެތެވެ. އެސޯސިއޭޝަން ދިރިއުޅޭ ވެއްޓަކީ، ރޯމާ ދުވާލު، ރެފްރީން ފަހާ ކުޅުންތެރިންދުވެ، މެޗްފިކްސް ކުރާ ވެއްޓެކެވެ. ނިމިގެން ދިޔަ ހަފްތާގައި، ސަސް ގެ ކޯޗް އިސްމާއިލް މަހަފޫޒް (އިންމަ) ގެ ބަސްކޮޅުންވެސް މި ހާލަތު ރަމްޒު ކޮށްދެއެވެ.
މިޒަމާނުގައި ފުޓުބޯޅަ އެސޯސިއޭޝަނުން މުބާރާތެއް ނުހިންގައެވެ. މުބާރާތް ހިންގަނީ ސްޕޯޓްސް މެނެޖްމަންޓް ކުންފުނިތަކުންނެވެ. ފުޓުބޯޅަ ޓީމެއް އުފައްދަން ޝައުގުވެރިވާ ކުންފުނިތަކުން، ކުޅިވަރުގެ ކަންކަމުގެ ތަޖްރިބާހުރި، ފަންނާނުން ހޯދާ ކުޅިވަރު ސަބްސިޑިއަރީ އެއް އުފައްދަފާނެއެވެ. ޕްރޮފެޝަނަލް ޓީމް އުފެއްދޭނީ މޮޅު މެނެޖްމަންޓެއް އޮވެގެނެވެ. ވިޔަފާރި އުސޫލުން ގާއިމްކުރާ މެނެޖްމަންޓްތަކުން ސްޕޮންސަރުންނަށް ޖަވާބުދާރީވާންޖެހެއެވެ. މިފަދަ ކުންފުނިތަކުން މޮޅު ޓީމްތައް އުފައްދައެވެ.
އެފް.އޭ.އެމް. އަށް ބޭނުންވަނީ ރަނަގަޅު މެނެޖްމަންޓެކެވެ. ސަރަހައްދުގެ ދެވަނައިގައި ހިފެހެއްޓެންވެސް އޮތީ ހަނި ދޭތެރެއަކުންނެވެ. ބަންގްލަދޭޝައަކީ، ކާރިމުސްތަގްބަލްގައި ސަރަހައްދުގެ ދެވަނަ ޓީމަށް ވުމުން، ރާއްޖެ ވެއްޓޭނީ ތިންވަނައަށެވެ. ތިންވަނަ ޖާގައަށް ދެންޖެހޭނީ ނޭޕާލްއާއި ވާދަކުރާށެވެ.
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެއްޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.