މިކަން ހިނގީ މިއަދު މެންދުރު 12:53 ހާއިރު އެވެ.
ހިޔާ ހަތަރުވަނަ ޓަވަރުގެ ތިރީގައި ހުރި ވެހިކަލްތަކަކަށް ގެއްލުންލިބިފައިވާކަމުގެ ރިޕޯޓު ލިބުނުކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ނުދިނެވެ.
ނަމަވެސް ދައުރުވަމުން އަންނަ ވީޑިއޯތަކުންނާއި ފޮޓޯތަކުން ފެންނަގޮތުގައި، އެ ޓަވަރުގެ 17 ވަނަ ފްލޯގެ ބެލްކަނީގައި ހުރި އަންހެނަކު ގޭގައި ހިފާ ގެންގުޅޭ ތެލިފަދަ ތަކެތި ބޭރަށް އުކާތަން ފެނެއެވެ.
އޭގެތެރޭގައި ގަސް ޕޮޓާއި، ބޮޑެތި ޑަބިޔާފަދަ ތަކެތިވެސް ހިމެނެއެވެ. ޑަބިޔަލަކުން ޖެހި ތިރީގައި އޮތް ކާރަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި ޓައްޕަކުން ޖެހި ޕިކަޕަކަށްވެސް ވަނީ ގެއްލުންވެފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވިނަމަވެސް އެ ހާދިސާ ހިނގިވަގުތަކީ ޖެހިގެން ހުރި ކާމިލްދީދީ ސްކޫލަށް ދަރިވަރުން ކިޔަވަންދާން ނިކުންނަ ވަގުތުކަމަށް ބައެއްް މީހުން ބުނެފައިވެއެވެ.
ޕިކަޕަކަށް ގެއްލުންވެފައި
އެވަގުތު އެއިން ކުއްޖެއްގެ ގައިގާ އެއްޗަކުން ޖެހުމުގެ ފުރުސަތު އޮތްކަމަށް ބުނެވެސް ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެތަނަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވާއިރު ބައެއް ސްކޫލު ދަރިވަރުންވެސް އެތަނުގައި ތިއްބެވެ.