އިނގިރޭސިވިލާތުން ހިމާޔަތް ހޯދައިގެން މިހާރު އެ ގައުމުގައި ދިރިއުޅޭ މޫސަ މިރޭ ކުރި ޓްވީޓެއްގައިވަނީ ރާނީއަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރިކަން ހާމަކޮށްފައެވެ. އައްޑު އަތޮޅަށް ނިސްބަތްވާ މޫސަ ބުނި ގޮތުގައި 60 އަހަރު ކުރިން ރާއްޖެއަށް އަދި އައްޑުއަށް "ރަން ޒަމާނެއް" ގެނެސް ދެއްވި ރާނީއަށް އަބަދުވެސް ޝުކުރުވެރިވާނެއެވެ.
ރާނީގެ ޖަނާޒާ އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. ޖަނާޒާގައި ބައިވެރިވުމަށް އެތައް ގައުމެއްގެ އިސްވެރިންނަށް ދައުވަތު އަރުވާފައިވާއިރު، ޖަނާޒާގެ ކުރިން ރާނީއަށް ޒިޔާރާތްކުރުމަށް ގިނަ ބަޔަކު އެތައް ގަޑިއިރެއް ކިއު ހަދައިގެން ތިއްބެވެ. ރިޕޯޓްތައް ބުނާ ގޮތުން ރާނީގެ ސަންދޯއް ފެނުމުގެ އުންމީދުގައި އެތައް ހާސް ބަޔަކު ލަންޑަންގެ ލޭންޑްމާކްތަކާއި ސެރެމޮނިއަލް ބަގީޗާތަކުގެ ގާތްގަނޑަކަށް ފަސް މޭލު ދުރަށް ސަފުތައް ހަދާފައިވެއެވެ.